ENGLISH
12 ސެޕްޓެމްބަރު 2025
މި ސަރުކާރުން ނޫސްވެރިންނާމެދު ކަންކުރަނީ ތާރީހުގައިވެސް ކަން ނުކުރާހާ ރަނގަޅަށް: ޝަރީފު
12 ސެޕްޓެމްބަރު 2025
|
ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނޫސްވެރިންނާމެދު ކަންކުރަނީ ދިވެހި ތާރީހުގައި މިހާތަނަށް އެއްވެސް ސަރުކާރަކުން ނޫސްވެރިންނާމެދު ކަންކަން ނުކުރާހާ ރަނގަޅަށް ކަމުގައި ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ ޝަރީފު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ މީގެ ކުރިން އެއްވެސް ސަރުކާރުން ނޫސްވެރިންނަށް އަޅައިނުލާ މިންވަރަށް މި ސަރުކާރުން ނޫސްވެރިންނަށް އަޅައިލާ ކަމަށެވެ. އެގޮތުން ނޫސްވެރިންނަށް ކުރިމަތިވެފައިވާ ބޮޑެތި ދަތިތައް ހައްލުކޮށްދިނުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވެ، އެކަމުގެ މިސާލުތަކެއްގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ނޫސްވެރިންނަށް ފައިސާ ދޭނެ ފެށުމާއި ނޫސްވެރިން މަސައްކަތްކުރާނެ ޖާގަތަކެއް ހަމަޖެއްސުމަށް މީޑިޔާ ވިލެޖެއް ހެދުން ފަދަ ކަންކަން ޝަރީފު ފާހަގަކުރެއްވިއެވެ.
މިހާރު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އޮތް މީޑިޔާ ރެގިއުލޭޓުކުރުމާ ގުޅޭ ބިލާމެދު ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ އެ ބިލުގެ ސަބަބުން ނޫސްވެރިކަމުގެ ދާއިރާއަށް ހެޔޮ ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އެއީ އެ ދާއިރާއަށް އިލްމީ ރަނގަޅު މީހުން ނުކުތުމަށް ބާރުއެޅިގެންދާނެ ކަމެއްގެ ގޮތުގައި ޝަރީފު ފާހަގަކުރެއްވިއެވެ.
ޝަރީފު އިތުރަށް ވިދާޅުވީ ނޫސްވެރިންގެ ވާހަކަތަކަށް ބަލާއިރު އެ ދާއިރާ ރެގިއުލޭޓުކުރަންވީ ގޮތް ނޫސްވެރިންނަށްވެސް އެންމެ ރަނގަޅަށް ނޭނގޭ ކަމަށެވެ. އެކަމުގެ ހެއްކެއްގެ ގޮތުގައި ޝަރީފު ފާހަގަކުރެއްވީ ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިޔާ ކައުންސިލު އެއްކޮށްލައި، އެއް ކޮމިޝަނުން މީޑިޔާގެ ހުރިހާ ވަސީލަތެއް ރެގިއުލޭޓުކުރުން ރަނގަޅުކަމަށް ކުރިން ބުނި ނޫސްވެރިން މިހާރު އެގޮތް ރަނގަޅު ނޫންކަމަށް ބުނަމުންދާ ކަމެވެ.
އިތުރަށް ޝަރީފު ވިދާޅުވީ ބިލު ހުށަހެޅުނުއިރު އޭގައި ހުރި ކަންބޮޑުވުންތައް ނޫސްވެރިން ފާހަގަކުރުމުން އެކަން އަޑުއަހައި ސަރުކާރުން އެ ބިލަށް އިސްލާހުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ބިލުގައި އޮންނަ މީޑިޔާ ކޮމިޝަނުގައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ މެންބަރުންތަކެއް ތިބޭ ގޮތަށް އޮތް އޮތުން ރައީސް އެދިވަޑައިގެން ބަދަލުކޮށް، ރައީސް ހުށަހަޅުއްވައިގެން މަޖިލީހުން ރުހުން ދީގެން އައްޔަންކުރާ މެންބަރުންތަކެއް ނުތިބޭ ގޮތަށް ބަދަލުކުރަން ސަރުކާރުން ހުށަހަޅާފައިވާ ކަމަށެވެ.
ޝަރީފު ވިދާޅުވީ މިހާރު ނޫސްވެރިން އަމަލުކުރަމުންދާ ގޮތަށް ބަލާއިރު ބައެއް ނޫސްވެރިން ގަބޫލުކުރަނީ އެ ދާއިރާގައި ހިފަހައްޓަންޖެހޭ ހަމަތަކެއް އުސޫލުތަކެއް އޮންނަން ނުޖެހޭނެ ކަމުގައި ކަމަށް ބަލާނެ ޖާގަ އެބައޮތް ކަމަށެވެ. ނަމަވެސް އެއީ ހުރިހާ ނޫސްވެރިންގެ ވިސްނުން ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.