ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

ރައީސްގެ ނިންމެވުމާއެކު އިންސާފު ޤާއިމުކުރުމުގެ މަސައްކަތް އިތުރަށް ހަލުއިވާނެ: ސުޕްރީމް ކޯޓް

11 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ސުޕްރީމް ކޯޓް

ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ކަނޑައަޅާ، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބޮލޮކް ގަރާންޓުގެ ގޮތުގައި ދޫކޮށް، ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ޚަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށް ނިންމެވި ނިންމެވުމަށް ސުޕްރީމް ކޯޓުން މަރުޙަބާ ކިޔައިފި އެވެ.

އެ ނިންމެވުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވަނީ އިޢުލާނު ކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ޖުޑިޝަރީ މިނިވަންކަމާއެކު ފަންކްޝަންކުރުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބިގެންދިއުން ކަމަށެވެ. އަދި އެކަމަށް މަގުފަހިކުރުމަށްޓަކާ ކުރެވެމުންދާ ކަންކަމުގެ ތެރެއިން މާލީގޮތުންނާއި އިދާރީގޮތުން މިހާތަނަށް ނެތް މިނިވަންކަން މިއަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުން ފެށިގެން ޖުޑީޝަރީއަށް ލިބިގެންދާނޭ ބޮޑު ބަދަލެއް ގެނައުމަށް ކެބިނެޓުގައި މަޝްވަރާ ކޮށް އިއްޔެ ވަނީ ނިންމުންތަކެއް ނިންމާފައި ކަމަށެވެ.

އެގޮތުން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ކަނޑައަޅާ، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބޮލޮކް ގަރާންޓުގެ ގޮތުގައި ދޫކޮށް، ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ޚަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި އެގޮތުން ކަނޑައެޅޭ އިންސައްތައަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންގތަކަށްވުރެ ބޮޑު ޢަދަދެއް ލިބިގެންދާނޭ އިންސައްތައެއް ކަމުގައި ކަނޑައެޅުމަށްވެސް ވަނީ ނިންމާފައި ކަމަށާ މިކަމަށްޓަކާ ޤާނޫނީގޮތުންނާއި، ފަންނީ ގޮތުންނާއި ނިޒާމީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށް ވިދާޅުވި އެވެ.

އެކަމާއި ގުޅިގެން ސުޕްރީމް ކޯޓުން ބުނީ ދިވެހިރާއްޖޭގެ ޖުޑިޝަރީ ހަރުދަނާކުރައްވައި، މިނިވަން ޖުޑިޝަރީއެއް ޤާއިމުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުން، ދައުލަތުގެ އާމްދަނީގެ ވަކި އިންސައްތައެއް ޖުޑިޝަރީގެ ބަޖެޓުގައި ހިމެނުއްވުމަށްނިންމެވުމުން އެމަނިުފާނަށް ޝުކުރު ދަންނަވާ ކަމަށެވެ.

މި ނިންމެވުން ހިމެނިގެންދާނީ މި ދާއިރާގެ ކުރިއެރުމާއި މުސްގިއްލުކަން ދެމެހެއްޓެވުމަށް ނިންމެވި ތާރީޚީ މުހިންމު ނިންމެވުމެއް ކަމުގައި ކަމަށްވެސް ބުނެފައިވެ އެވެ.

އަދި މި ނިންމެވުމުގެ ސަބަބުން މާލީ ގޮތުން ޖުޑިޝަރީއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކަށް ޙައްލު ހޯދުމަށް ފަސޭހަވެ ޢަދުލުއިންޞާފު ޤާއިމުކުރުމުގެ މަސައްކަތަށް އިތުރު ހަލުވިކަމެއް އަންނާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު