ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

އެސްޓީއޯއިން 23 ބާވަތެއް އެތެރެކޮށް އަންނަ މަހުގެ 15 އިން ފެށިގެން ހެޔޮ އަގުގައި ވިއްކާނެ: މިނިސްޓަރު

11 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ދިވެހިރާއްޖޭގައި ފުޑް ސެކިޔުރިޓީ ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރެއްވުމަށް ނިންމަވާފައިވާ ނިންމެވުމުގެ ދަށުން އެސްޓީއޯއިން 23 ބާވަތެއް އެތެރެކޮށް އަންނަ މަހުގެ 15 އިން ފެށިގެން ހެޔޮ އަގުގައި ވިއްކާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އެސްޓީއޯއިން މޭވާއާ ތަރުކާރީ އަދި މުގާއި ބިހާއި އަލުވި އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ފެށުމަށް ކެބިނެޓުން ނިންމުމާއި ގުޅިގެންނެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލްވުމުގައި މިނިސްޓަރު ވިދާޅުވީ ކެބިނެޓްގެ ނިންމުމާއި އެއްގޮތަށް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ތަކެތި ހެޔޮ އަގުގައި ވިއްކަމުންދާނެ ކަމަށެވެ.

އަދި ވިދާޅުވީ އެ ތާރީޚުގެ ކުރީން ވެސް އެ ތަކެތީގެ އަގު ބާޒާރުގައި އުފުލެމުންދާނަމަ އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯ އިން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

ފުޑް ސެކިޔުރިޓީ ޤާއިމުކުރުމަށް މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރެއްވުމަށް ނިންމަވާފައިވާ ނިންމެވުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިއްޔެ އިޢުލާނު ކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ފުޑް ސެކިޔުރިޓީ ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރެއްވުމުގެ ގޮތުން ކުރެވޭ ކަންކަމުގެ ތެރެއިން ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން ބައެއް ބާވަތްތައް ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ މެދުވެރިކޮށް އެތެރެކޮށް ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުއި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ނިންމުމާއެކު އަސާސީ ކާބޯތަކެތީގެ ބާވަތްތައް ހުސްނުވެ ލިބުމަށް މަގުފަހިވާނެ އެވެ. އަދި ތަކެތީގެ އަގު ބޮޑުވުން ކޮންޓްރޯލް ކުރެވި ހެޔޮ އަގުގައި އަސާސީ ކާބޯތަކެތި ލިބުމަށް މަގުފަހިވާނެ އެވެ.

ސަރުކާރުން މި ފިޔަވަޅު އެޅުއްވިއިރު ބައެއް ވިޔަފާރިތަކުން ރާއްޖެއަށް އެތެރެކުރަމުން އައި ބައެއް ބާވަތްތަކުގެ މޭވާއާ ތަރުކާރީގެ އަގުތައް ވަނީ ވަަރަށް ބޮޑަށް އުުފުލިފަ އެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ވަނީ މާލީ ގޮތުން ބޮޑު ތަކުލީފެއް އުފުލަން ޖެހިފަ އެވެ.

އެފަދަ ހުރިހާ ކަމަކަށް ހައްލު ގެނައުމަށް ސަރުކާރުން ދަނީ ފުރިހަމަ އިންތިޒާމެއްގެ ދަށުން ގިނަ މަސައްކަތްތަކެއްކޮށް ފިޔަވަޅުތައް އަޅުއްވަމުންނެވެ. އެފަދަ ކޮންމެ ފިޔަވަޅެއް އެޅުއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްކުރައްވަނީ ރައްޔިތުންގެ މަސްލަހަތެވެ.

ކިޔުންތެރިންގެ ހިޔާލު