ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

އެމްޑީޕީގެ ރައީސްގެ ވެސް އަބުރު ކަތިލެވިގެން ނުވާނެ: މެންބަރު އިބްރާހީމް

11 ސެޕްޓެމްބަރު 2025

|

ޢަލީ ޝަހީމް

މެންބަރު އިބްރާހިމް އެމްއެމް ޓީވީގެ ރޭގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ.

އެމްޑީޕީގެ ރައީސްގެ ވެސް އަބުރު ކަތިލެވިގެން ނުވާނެކަމަށް ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު (ޖަނާބު) ވިދާޅުވެއްޖެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަން "ތަންމިނަށް" ހުޅުވިފައި އޮތަސް އެއްވެސް މީހެއްގެ އަބުރު ކަތިލެވިގެންނުވާނެކަމަށް މެންބަރު އިބްރާހީމް ވިދާޅުވީ އެމްއެމްޓީވީގެ ބޮޑުޚަބަރު ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުންނެވެ.

ޕްރޮގްރާމްގައި މެންބަރު އިބްރާހީމް ވަނީ މަޖިލީހުގައި މިހާރު އޮތް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ބިލުގެ މުހިއްމުކަމާއި ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ.

ރައީސް އާއި ރައްޔިތުންގެ މަޖިލީހުގެ ވިސްނުމަކީ ނޫސްވެރިކަމުގެ މިނިވަންކަން އޮތުން ކަމަށާއި، އެހެންނަމަވެސް އެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި އެއްވެސް މީހެއްގެ އަބުރު ކަތިލުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް މެންބަރު ވިދާޅުވިއެވެ.

މުސްލިމު ރައްޔިތެއްގެ އަބުރަކީ ވަރަށް ބޮޑު މުދަލެއްކަމަށާއި، ކިތަންމެ ނިކަމެތި މީހެއްގެ ވެސް އަބުރު ގެއްލިއްޖެނަމަ އެމީހަކު އެތައް ކަމަކުން މަހުރޫމް ވާނެކަމަށް މެންބަރު އިބްރާހީމް ވިދާޅުވިއެވެ. އެގޮތުން، ކޮންމެ މީހެއްގެވެސް އަބުރު ހިމާޔަތްކުރެވެން ޖެހޭކަމަށް މެންބަރު ވިދާޅުވިއެވެ.

"އިޙްތިރާމަކީ އަބުރު ނަގާނުލާ ޚަބަރު ފެތުރުން. އެހެންވީމަ ނޫސްވެރިއަކު ޚަބަރެއް ފަތުރައިފިއްޔާ އެއަށް ޒިންމާވާންޖެހޭނެ. އަދި އެމީހާއަށް މިސާލަކަށް ވިޔަފާރި ނުފޫޒެއްގައި ޖެހިގެން ސިޔާސީ ނުފޫޒެއްގައި ޖެހިގެން އޭނައަށް ކުށެއް ކުރެވުނީ ދޮގު ޚަބަރެއް ލިޔެވުނީ ބިލުގައި އެބަ ބުނޭ ފަހުން އަރާފައި ރަނގަޅު ޚަބަރު ކިޔަން"

މެންބަރު ވިދާޅުވީ ނޫސްވެރިންގެ ކުރިމަތީގައި އިޙްތިރާމާއެކު 16 ގަޑިއިރު ނަމޫނާ ދެއްކެވީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ. މީގެކުރިން ސަރުކާރުތަކުގައި ނޫސްވެރިންނަށް ފިއްލަވައިގެން އަދި ރަށްރަށުގެ ކައުންސިލްތަކަށް ފިއްލަވައިގެން އުޅުއްވި ބޭފުޅުން ފެނިފައިވާ ކަމަށް މެންބަރު އިބްރާހީމް ވިދާޅުވިއެވެ. އެގޮތުން 50 ކައުންސިލުން ބަޔާން ނެރުމުން ހިމޭނުން އަނގައިން ނުބުނެ ތިއްބެވި ވެރިން ފެނިވަޑައިގެންނެވި ކަމަށް މެންބަރު ވިދާޅުވިއެވެ.

"މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަކީ ނޫސްވެރިންނާ ރައްޓެހި، ނޫސްވެރިންނާ ދޭތެރޭ ވިސްނަވާ، ނޫސްވެރިންގެ ކުރިއެރުމަށް ޖާގަދެއްވާ ވިސްނަވާ ފުރުސަތު ހުޅުވާލާ ބޭފުޅެއް. އަޅުގަނޑުމެންނަށް ފެނިއްޖެ ނޫސްވެރިންގެ ތެރެއިން ބަޔަކު ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި" "

މީގެކުރިން އެކަން ހިނގާފައި އޮތީ އެގޮތަށް ނޫންކަން ފާހަގަކުރައްވައި މެންބަރު އިބްރާހީމް ވިދާޅުވީ ނިމުނު އެމްޑީޕީގެ ވެރިކަމުގައި ސްކޫލެއްގެ ބެލެނިވެރިންނަށް ރައީސުލްޖުމްހުރިއްޔާ ދައުވަތުދެއްވާފައި ރައީސް އޮފީހުގެ ދޮރުމަތީގައި ފެން ޖަހައިގެން އޭގެތެރެއިން ބައެއް މީހުންނަށް އަނިޔާ ލިބުނު ކަމަށެވެ.

ނޫސްވެރިކަމުގެ ޒަމާނީ ބިލެއް މުހިއްމުވާ ސަބަބުތައް ވެސް މެންބަރު އިބްރާހީމް ވިދާޅުވެއްދެއްވިއެވެ. އެގޮތުން، މިހާރު ނޫސްވެރިންގެ މެދުގައި އުފެދިފައިވަނީ "ކޮންފިއުޝަނެއް" ކަމަށާއި، ހުށަހަޅާފައިވާ ބިލުގައި ބަދަލުކުރަންޖެހޭ ކަންކަން ހުރިނަމަ އެކަންކަން ބަދަލުކުރައްވާނެކަމަށް މެންބަރު ވިދާޅުވިއެވެ.

"ނޫސްވެރިންގެ ޤާނޫނަކީ ވަރަށް ރަނގަޅު ޤާނޫނެއް. އޭގައި ކަންބޮޑުވާކަމެއް ހުރެއްޖިއްޔާ ކަމާ ގުޅުންހުރި ފަރާތްތަކުން މިހާރު އެވަނީ ހުށަހަޅާފައި. އަޅުގަނޑުމެން އެ އެއްޗިއްސަށް ރިޢާޔަތްކުރާނަން. ރިޢާޔަތްކޮށްފައި އެންމެ ފުޅާ ދާއިރާއެއްގައި. ވިސްނަވާ 16 ގަޑިއިރު ނޫސްވެރިންގެ ކުރިމަތީގައި ހުންނެވި ރައީސްއަކު ވިސްނަވާނެ ގޮތް ވިސްނަވާ ނޫސްވެރިންނަށްޓަކައި. އެހެންވީމަ އެ މިންވަރުގަ ފުޅާކޮށް ނުހިފަހައްޓާ އަޅުގަނޑުމެން އެ މިނިވަންކަން ދޭނަން."

ޒަމާނީ ނޫސްވެރިކަމުގައި ނޫސްވެރިންގެ ޤާނޫނު ވެސް ޒަމާނަށް ފެތެންޖެހޭނެކަމަށް މެންބަރު ވިދާޅުވިއެވެ. ރާއްޖޭގައި ނޫސްވެރިކަމުން މަތީ ތަޢުލީމު ޙާސިލްކުރާ ދަރިވަރުން އެނބުރި އައިސް މަސައްކަތް ކުރެވޭނެ ރަނގަޅު ނިޒާމެއް އޮންނަންޖެހޭނެކަމަށް މެންބަރު ވިދާޅުވިއެވެ. މީޑިއާ ޒިންމާދާރު ކުރުވޭނީ މި ޒަމާނާ ގުޅުންހުރި ބިލެއް ގެނެސްގެން ކަމަށް މެންބަރު ތަކުރާރުކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު