ENGLISH
11 ސެޕްޓެމްބަރު 2025
ތަރިކައިގެ ދާއިރާއިން ކިޔެވުމަށް 40 ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފި
11 ސެޕްޓެމްބަރު 2025
|
ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތްކުރަނީ. ފޮޓޯ: ޕީއެސްއެމް
ތަރިކައާ ބެހޭ ދާއިރާއިން މަތީ ތަޢުލީމު އުނގެނުމަށް ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން 40 ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފިއެވެ.
އެ މަރުކަޒުން ހުޅުވާލީ މާސްޓަރސް ޑިގްރީ ޙާސިލްކުރެވޭ ފުރުޞަތެވެ. އެގޮތުން "ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕް" ގެ ނަމުގައި ތަޢާރަފްކުރި ކޯސް ހުޅުވާލުމުގެ މަޤްޞަދަކީ ތަރިކައިގެ ދިރާސާވެރިން އުފައްދައި، ދިވެހި ތަރިކައިގެ ޢިލްމު އުފެއްދުން ކަމަށް އެ މަރުކަޒުން ބުނެފައިވެއެވެ.
ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ހުޅުވާލި ފުރުޞަތުގެ ދަށުން ކިޔެވުން ކުރިއަށްގެންދަން ހަމަޖައްސާފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީންނެވެ.
ހުޅުވާލާފައިވާ ފުރުޞަތުގައި ބުނެފައިވަނީ ކޯސް ކުރިއަށްދާނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އެ މުއްދަތުގައި ކޮންމެ މަހަކު ދެ ދުވަހު ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި މަސައްކަތްކުރަންޖެހޭ ގޮތަށް ވަނީ ހަދައިފައެވެ. ސްކޮލަރޝިޕްގެ މައިގަނޑު މަސައްކަތަކީ އިސްލާމީ ޔުނިވަރސިޓީން ކުރިއަށްގެންދާ މާސްޓަރ ރިސަރޗް އެންޑް ޕަބްލިކޭޝަން ޕްރޮގްރާމް ފުރިހަމަކުރުމެވެ.
ސްކޮލަރޝިޕްގެ ކޯސް ފީ ދައްކާނީ ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުންނެވެ. ތަރިކައިގެ ދާއިރާއިން ކޮންމެވެސް އެއް ފަންނަކުން ކުރިއަށްދިއުމުގެ ފުރުޞަތު މި ޕްރޮގްރާމްގެ ތެރެއިން ވަނީ ހުޅުވާލާފައެވެ.
ތަރިކައިގެ ދާއިރާއިން މީހުން ބިނާކުރުމަށް ހުޅުވާލި ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ ސެޕްޓެމްބަރު 25 އެވެ. އެދުވަހުގެ މެންދުރު ފަހު 14:00 އާ ހަމައަށް ހުށަހެޅުންތައް ބަލައިގަންނާކަމަށް ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ބުނެފައިވެއެވެ.
ތަރިކައިގެ ދާއިރާއިން މީހުން ބިނާކުރުމުގެ ފުރުޞަތު ހުޅުވާލިއިރު، ރާއްޖޭގައި ހުރި އެފަދަ ޒަމާންވީ ތަންތަން ރަނގަޅަށް ބެލެހެއްޓުމުގެ ގިނަ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އަދި، އެ މަސައްކަތް ދަމަހައްޓައި އިތުރަށް ރަނގަޅުކުރުމަށް މީހުން ބިނާކުރުމުގެ މަސައްކަތް ފެށުމާއެކު، ތަރިކައިގެ ދާއިރާއަށް އިތުރު ކުރިއެރުން ލިބިގެންދާނެއެވެ.