ENGLISH
11 ސެޕްޓެމްބަރު 2025
ކުރީގެ ވެރިން ނުކުރެއްވި ކަމެއް؛ ޖުޑީޝަރީއަށް ފުރިހަމަ މާލީ މިނިވަންކަން ޔަގީންކޮށްދެއްވަނީ
11 ސެޕްޓެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އުއްތަމްފަނޑިޔާރު، ފޮޓޯ: ރައީސް އޮފީސް
ޝަރުއީ ދާއިރާގެ މިނިވަންކަމުގެ ވާހަކައަކީ ހުރިހާ ވެރިންވެސް ދައްކަވާ ވާހަަކައެކެވެ. މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ ފަރުމާކުރިއިރު، އެ މަސައްކަތްކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި އެންމެ ހަރު އަޑުން ދެކެވުނު ވާހަކައަކީ ތިން ބާރު ވަކިކޮށް، ސަރުކާރާއި މަޖިލީހަށް ފާރަވެރިވެ، ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ހަރުދަނާ މުސްތަގިއްލު މިނިވަން ޖުޑީޝަރީއެއް ނުވަތަ ފަނޑިޔާރުގެއެއް ގާއިމުކުރުމުގެ ވާހަކައެވެ.
ނަމަވެސް ގާނޫނުއަސާސީ ލިޔެވި، ދުސްތޫރީ ނިޒާމު އެކުލަވައިލައި ތަރުތީބުކޮށް ނިމުނުއިރު، ދެލިގަނޑުގައި ޖުޑީޝަރީއަކީ ދައުލަތުގެ ތިން ބާރުން އެއް ބާރުގެ ގޮތުުގައި އޮތަސް، ފަނޑިޔާރުގެ އޮތީ ވަރަށް ބޮޑަށް ދެން އޮތް ދެ ބާރަށް ބަރޯސާވާން މަޖުބޫރުވާ ހާލަތެއްގައެވެ. އިދާރީ ގޮތުން ވަކިކުރެވުނު ނަމަވެސް މާލީ ގޮތުން މުޅި ފަނޑިޔާރުގެ އޮތީ ސަރުކާރާއި ގާނޫނު ހަދާ މަޖިލީހުގެ ނިންމުންތަކަށް ބަރޯސާވާ ގޮތަށެވެ.
ސަރުކާރުން ހުށަހަޅާ ބަޖެޓު ފާސްކުރަނީ މަޖިލީހުންނެވެ. ދައުލަތުގެ އާމްދަނީން ވަކި ނިސްބަތެއް ޖުޑީޝަރީއަށް ހާއްސަކުރެވިފައި ނޯވެއެވެ. ޖުޑީޝަރީގެ ބޭނުންތަކާ ފައިހަމަކުރާ މިންވަރުގެ ބަޖެޓެއް ނުލިބުމުގެ ޝަކުވާއަކީ ކޮންމެ އަހަރަކު ބަޖެޓު ދިރާސާކުރާ މަރުހަލާގައި ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން އެ މަސައްކަތްކުރާ ކޮމިޓީގައި ފާހަގަކުރާ ކަމެކެވެ. ބަޖެޓު ނުލިބިގެން އިމާރާތްތައް އައުނުކުރެވި މަރާމާތުގެ މަސައްކަތްތައް ނުކުރެވި، ކޮންމެހެން ބޭނުންވާ މުވައްޒަފުން ނުނެގި އެތައް ދަތިތަކެއްގައި ޖުޑީޝަރީ އޮންނަނީ ތާށިވެފައެވެ.
ކޮންމެ އަހަރަކުވެސް ޖުޑީޝަރީން މި ޝިކާޔަތު މަޖިލީހާ ހިއްސާކުރެއެވެ. ކޮންމެ އަހަރަކުވެސް ފިނޭންސް މިނިސްޓްރީއަށް ޖުޑީޝަރީގެ ބޭނުންތައް ވަރަށް ތަފުސީލުކޮށް ހިމަނައިގެން ތައްޔާރުކުރާ ބަޖެޓު ޕްރޮޕޯސަލެއް ހުށަހަޅައެވެ. ނަމަވެސް މިހާތަނަށް ޝަރުއީ ދާއިރާގެ މި ޝަކުވާތަކާއި އުދާސްތަކަށް އެއްވެސް ތަސައްލީއެއް އެއްވެސް ސަރުކާރަކުން ހޯދައިނުދެއެވެ. ކުރީގެ ވެރިންނެއް އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެއްވައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހާލަތު ބަދަލުކުރައްވައިފިއެވެ. މި މައްސަލައަށް ދާއިމީ ނިޒާމީ ހައްލެއް ގެންނަވާނެކަން އެމަނިކުފާނު މިއަދު އިއުލާނުކުރައްވާފައިވެއެވެ. ޖުޑީޝަރީ މިނިވަންކަމާއެކު ރަނގަޅަށް ހިނގުމަށް މާލީ ގޮތުން މިނިވަންކަން އޮތުމަކީ ޟަރޫރީ ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އަންނަ އަހަރަށް ފާސްކުރާ ދައުލަތުގެ ބަޖެޓާއެކު ކުރިން ޖުޑީޝަރީއަށް ނެތް މާލީ އަދި އިދާރީ މިނިވަންކަން ލިބިގެންދާނެ ފަދަ ހެޔޮ ބަދަލެއް ގެނައުމަށް ކެބިނެޓުގައި މަޝްވަރާކުރެވި މިހާރު އެ ބަދަލު ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ.
އެމަނިކުފާނުވަނީ އެ ބަދަލުގެ ތަފުސީލުތައްވެސް ހިއްސާކުރައްވާފައެވެ. ފުރަތަމަ ބަދަލަކީ ޖުޑީޝަރީގެ ބަޖެޓަކީ ދައުލަތުގެ މުޅި އާމްދަނީގެ ވަކި އިންސައްތައެއް ކަމުގައި ކަނޑައެޅުމެވެ. މިގޮތަށް ކަނޑައެޅުމުން ދައުލަތުގެ ތަނަވަސްކަން އިތުރުވެ އާމްދަނީ މަތިވާ މިންވަރަކުން ޖުޑީޝަރީގެ ބަޖެޓުވެސް ބޮޑުވެ، އިތުރުވަމުންދާނެކަމުގެ ޔަގީންކަން ލިބޭނެއެވެ.
އާމްދަނީގެ ވަކި އިންސައްތައެއް ޝަރުއީ ދާއިރާގެ ބަޖެޓުގެ ގޮތުގައި ކަނޑައެޅުމަށްފަހު އެ ފައިސާ ބްލޮކް ގްރާންޓެއްގެ ގޮތުގައި ދޫކުރަން ނިންމަވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތަށް ދޭ ފައިސާ ހަރަދުކުރާނީ ޖުޑީޝަރީންނެވެ. އެފައިސާ ހަރަދުކުރުމުގެ ނިޒާމަކީ ޖުޑީޝަރީގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި އޮންނާނެ ނިޒާމަކަށްވާނެއެވެ.
އިތުރަށް ރައީސް ދެއްވި ޔަގީންކަމަކީ މި ބަދަލާއެކު އާމްދަނީން ޖުޑީޝަރީއަށް ކަނޑައެޅޭ އިންސައްތައަކީ މިހާތަނަށް ޖުޑީޝަރީއަށް ބަޖެޓުގައި ކަަނޑައަޅާ ސީލިންތަކަށްވުރެ ބޮޑު އަދަދެއް ލިބޭނެ އިންސައްތައެއްކަމުގައި ހެދުމަށްވެސް ނިންމަވާފައިވާ ކަމުގެ ޔަގީންކަމެވެ.
މިގޮތަށް ކަންކަން ހަމަޖެއްސުމަށްޓަކައި ގާނޫނުތަކަށް ބައެއް ބަދަލުތައް ގެނައުމާއި، ފަންނީ ގޮތުންނާއި ނިޒާމީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ފަށާފައިވާކަމަށް ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
ޖުޑީޝަރީއަށް މާލީ މިނިވަންކަން ލިބުމަކީ ޝަރުއީ ދާއިރާއަށް ހަގީގީ މާނާގައި މުސްތަގިއްލު ވަކި ބާރެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ތަނަވަސްކުރެވޭ ޖާގައެކެވެ. އެއީ ޝަރުއީ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށް، އެ ދާއިރާގެ ތަރައްގީއަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ހުޅުވޭ ދޮރެކެވެ. ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް، ދެން އޮތް ދެ ބާރަށް ފާރަވެރިވުމަށް ބޭނުންވާ މުސްތަގިއްލުކަން ފަނޑިޔާރުގެއާއި ފަނޑިޔާރުންނަށް ލިބޭނެ މަގެކެވެ.