ENGLISH
10 ސެޕްޓެމްބަރު 2025
ކުރީގެ ރަައީސުންނާއި މެންބަރުންނަށް ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރަން ޤާނޫނުތައް އިސްލާޙު ކުރަނީ
10 ސެޕްޓެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އަދި މީގެ އިތުރުން ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރެވެމުން ކަމުގައި ވިދާޅުވި އެވެ.
އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހު ކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިއީ ވަރަށް ގިނަ ރައްޔިތުން އެދެމުން އައި ބަދަލެކެވެ. ނަމަވެސް ސިޔާސީ ގޮތުން ކުރިމަތިވެދާނެ ކަންކަމަށް ބަލާ ކުރީން ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކަށް މިފަދަ ނިންމެވުމެއް ނިންމަަވަން ކެރިވަޑައިނުގެންނެވި އެވެ.