ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ބީއެމްއެލް އަދި މޯޕާ ގުޅިގެން ޕްލާސްޓިކް ރިސައިކަލް ކުރުމުގެ ޕްރޮޖެކްޓެއް ހިންގަނީ

10 ސެޕްޓެމްބަރު 2025

|

ޝާމަ ޝުޢައިބު

ދެމެހެއްޓެނިވި ގޮތެއްގައި ޕްލާސްޓިކް ރިސައިކަލް ކުރުމުގެ ނިޒާމު ހަރުދަނާކުރުމުގެ އެއްބަސްވުމެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) ސޮއި ކުރުން - ފޮޓޯ: ބީއެމްއެލް

ރާއްޖޭގައި ޕްލާސްޓިކް މެނޭޖްކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ޕްލާސްޓިކް ރިސައިކަލް ކުރުމުގެ ނިޒާމު ހަރުދަނާކުރުމުގެ އެއްބަސްވުމެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) ސޮއި ކޮށްފިއެވެ. 

ބީއެމްއެލްގެ "އީއެންވީ ޕީއޯއެސް" ޕްރޮގްރާމްގެ ދަށުން ސޮއިކުރި މި އެއްބަސްވުމުގެ މަގްސަދަކީ ރާއްޖޭގައި ރިސައިކަލް ކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ތިމާވެއްޓާއި ރައްޓެހިގޮތަށް ޕްލާސްޓިކް މެނޭޖްކުރުން ކަމަށް އެ ކުންފުނިން ބުނެއެވެ.

މި އެސްބަސްވުމުގެ ދަށުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ގާއިމްކޮށްފައިވާ މޯޕާގެ މެޓީރިއަލް ރިކަވަރީ ފެސިލިޓީގައި އިތުރު ފެސިލިޓީއެއް ގާއިމްކުރެވިގެންދާނެއެވެ. އަދި މި ތަނުގައި ޕެޓް ޕްލާސްޓިކް ގްރައިންޑަރތައް ގާއިމުކުރުމަށްފަހު ޕްލާސްޓިކް ފުޅިތައް ގްރެނިއުލްސްއަށް ބަދަލުކޮށް، އިންޑިއާ އަދި މެލޭޝިއާގެ ރީސައިކްލިންގ ފެސިލިޓީތަކަށް އެކްސްޕޯޓްކުރާނެއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އީއެންވީ ޕީއޯއެސް ޕްރޮގްރާމްގެ ދަށުން މޯޕާއާ ގުޅިގެން މަސައްކަތްކުރުމަށް ފުރުސަތު ލިބިގެންދިއުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ ޕްލާސްޓިކް ރީސައިކްލިންގެ ގާބިލުކަން އިތުރުކޮށް، ސަރަހައްދީ ފެސިލިޓީތަކަށް އެކްސްޕޯޓްކުރުމަށް މަގުފަހިކޮށްދީ، ރާއްޖޭގެ ދެމެހެއްޓެނިވި މުސްތަގުބަލެއް ގާއިމުކޮށް ތިމާވެއްޓަށް ފައިދާހުރި ބަދަލުތަކެއް ގެނެވޭނެކަން އެ ކުންފުނިން ދައްކުވައިދެމުން ދާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. 

މޯޕާގެ ރައީސް އަޙްމަދު މައުމޫން ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްއާއެކު ވެވުނު މި އެއްބަސްވުމަކީ މޯޕާއިން ގައުމީ ފެންވަރެއްގައި ހިންގާ ރީސައިކްލިންގ މަސައްކަތްތަކަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި އައު ފެސިލިޓީ ގާއިމުކުރުމުން، ގިނަ އަދަދެއްގެ ޕްލާސްޓިކް، ބޭނުންތެރި ރޯމެޓީރިއަލްއަށް ބަދަލުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ މި އެހީތެރިކަމުގެ ސަބަބުން ކުނި މެނޭޖް ކުރުމަށް މުހިންމު މަސައްކަތްތަކެއް ފަށައި، ދެމެހެއްޓެނެވި ހަރުދަނާ ނިޒާމެއް ގާއިމްކުރެވިގެންދާނެ ކަމަށެވެ. 

އީއެންވީ ޕީއޯއެސް ޕްރޮގްރާމަކީ ތިމާވެށި ރައްކާތެރިކުރުމަށް ބީއެމްއެލްގެ ދުރުރާސްތާ އަމާޒުގެ ދަށުން، ބީއެމްއެލް އީއެންވީ ކާޑު މެޝިން ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ބޭންކުން ވަކި އަދަދެއް ކަނޑައަޅައި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ މަސައްކަތެކެވެ. 

ބީއެމްއެލް އިން ބުނީ މި ޕްރޮގްރާމަށް ކަސްޓަމަރުން ވެސް އަދި ވިޔަފާރިތަކުންވެސް އެއްވެސް އިތުރު ޚަރަދެއް ކުރަން ނުޖެހޭނެ ކަމަށެވެ. އެހެންކަމުން އީއެންވީ މެޝިންތަކުގައި ކާޑުން ކުރާ ކޮންމެ މުއާމަލާތަކުން ކަސްޓަމަރުންނަށް ސީދާގޮތުން ރާއްޖޭގެ ނާޒުކު ތިމާވެއްޓާއި ކަނޑުފަރުގެ ދިރުންތައް އަންނައޮތް ޖީލުތަކާ ހަމައަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދެވޭނެ ކަން އެ ކުންފުނިން ފާހަގަކުރެއެވެ. 

މި ޕްރޮގްރާމްގެ ދަށުން، ޕާލޭގެ އެއަރ ސްޓްރެޓެޖީއަށް އެހީތެރިވެދީ ޕާލޭ މޯލްޑިވްސްއިން ޖަރުމަނުވިލާތަށާއި، ތައިވާނާއި މެލޭޝިއާއަށް ޕްލާސްޓިކް އެކްސްޕޯޓްކުރުމުގެ މަސައްކަތަށްވެސް ބީ.އެމް.އެލްއިން ވަނީ އެހީތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު