ENGLISH
10 ސެޕްޓެމްބަރު 2025
ވަކި ބަޖެޓަކުން ބާރުވެރިކުރުމަށް ވުރެ ވަސީލަތްތައް ބޭނުންކޮށްގެން ލިބޭ އާމްދަނީ އިތުރުކުރުން މުހިއްމު: މިނިސްޓަރު
10 ސެޕްޓެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު އުމަރު - ފޮޓޯ: މިނިސްޓްރީ
ދައުލަތުން ވަކި ބަޖެޓެއް ދީގެން ކައުންސިލްތައް ބާރުވެރިކުރުމަށް ވުރެ ވަސީލަތްތައް ބޭނުންކޮށްގެން އެ ރަށަކަށް ލިބޭ އާމްދަނީ އިތުރުކުރެވޭނެ ގޮތްވުން މާ މުހިންމު ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދައުލަތުން ވަކި ބަޖެޓެއް ދީގެން ކައުންސިލްތައް ބާރުވެރިކުރުމަށް ވުރެ މުހިންމީ ކައުންސިލްތައް އޭގެ ޒާތުގައި މުސްތަގިއްލުކަމާއެކީ، އެ މީހުންނަށް ވަސީލަތްތައް ބޭނުންކޮށްގެން އެ ރަށަކަށް ލިބޭ އާމްދަނީ އިތުރުކުރެވޭނެ ގޮތެއް ވުން ކަމަށެވެ.
ލާމަރުކަޒީ ނިޒާމަކީ އޭގެ ޒާތުގައި ރައްޔިތުން ވަރަށް ބޮޑަށް މިއަދު ބަލައިގަނެފައި އޮތް ނިޒާމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ޚާއްސަކޮށް ފެހި ގާނޫނު އަސާސީން ދިވެހިންނަށް ލިބުނު އެންމެ ރަނގަޅު ހަދިޔާއަކީ ލާމަރުކަޒީ ނިޒާމު ކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ.
މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން، ލާމަރުކަޒީ ނިޒާމަށް ކުރާ އިތުބާރު ބޮޑުވެ، ނިޒާމާ ދޭތެރޭގައި މީހުން ދެކޭ ގޮތް އިތުރަށް ރަނގަޅުވުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވެގެންދާނެ ކަމަށެވެ.