ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

އަމާން އުދަރެސް ފްލެޓްތަކުގެ ތަޅުދަނޑި މި ހަފްތާ ހަވާލުކުރަން ފަށަނީ

10 ސެޕްޓެމްބަރު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ފޮޓޯ--- އެފްޑީސީ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" ފްލެޓްތަކުގެ ތެރެއިން ފުރަތަމަ 14 ޓަވަރުގެ ތަޅުދަނޑިތައް މި ހަފްތާގައި ހަވާލުކުރަން ފަށާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެފްޑީސީން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވި ގޮތުގައި، ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް މި ހަފްތާގައި ފެށޭނެއެވެ. ފުރަތަމަ ހަވާލުކުރާނީ "އަމާން އުދަރެސް" މަޝްރޫޢުގެ 16 ޓަވަރުގެ ތެރެއިން 14 ޓަވަރު ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ތަޅުދަނޑި ހަވާލުކުރަން ނިންމާފައިވަނީ ޓަވަރުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނަން ފޮނުއްވާފައިވާ މީހުންނަށެވެ. ޓަވަރުތައް ނިމި، ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދައްކަމުންދާވަރަކުން ޓަވަރުތައް ހަވާލުކުރުން ކުރިއަށްދާނެކަމަށް ވެސް އެފްޑީސީން ބުނެފައިވެއެވެ. 

މި މަޝްރޫޢުގެ ދަށުން ޖުމްލަ 16 ޓަވަރެއްގައި 2,304 ފްލެޓް އިމާރާތްކޮށްފައިވާއިރު، މިއީ ރާއްޖޭގައި މިހާތަނަށް ތަރައްޤީކޮށްފައިވާ ބޯހިޔާވަހިކަމުގެ މުހިއްމު މަޝްރޫޢެކެވެ. އެފްޑީސީން ބުނީ އެ ކޯޕަރޭޝަނުން މަސައްކަތްކުރަމުން ދަނީ މާދަމާ ތަޅުދަނޑި ހަވާލުކުރަން ފަށަން ކަމަށެވެ. މި ޓަވަރުތަކުގެ މަސައްކަތް ނިމިފައިވާއިރު، ފްލެޓް ހަވާލުކުރާނީ އެއްބަސްވުމުގައި ސޮއިކޮށް، ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކަށެވެ.

2 ކޮޓަރީގެ އެޕާޓްމަންޓަކަށް 15,000ރ، އަދި 3 ކޮޓަރީގެ އެޕާޓްމަންޓަކަށް 25,000ރ ގެ ޑިޕޮސިޓެއް ދައްކަން ޖެހެއެވެ. މިހާތަނަށް 3,000 އަށް ވުރެ ގިނަ މީހުން ވަނީ އެއްބަސްވުމުގައި ސޮއިކޮށް، ޑިޕޮސިޓް ދެއްކުމަށް ހުޅުވާލާފައެވެ.

ސަރުކާރުން ވަނީ ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދިނުމަށް ނިންމާފައެވެ. އެގޮތުން، 2 ކޮޓަރީގެ އެޕާޓްމަންޓްގެ ކުލި 9,000ރ އިން 7,000ރ އަށް، އަދި 3 ކޮޓަރީގެ އެޕާޓްމަންޓްގެ ކުލި 13,000ރ އިން 9,000ރ އަށް ވަނީ ކުޑަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު