ENGLISH
10 ސެޕްޓެމްބަރު 2025
މެރިކަލްޗަރ ދާއިރާއިން މީހުން ބިނާކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
10 ސެޕްޓެމްބަރު 2025
|
މެރިކަލްޗަރ ކޯހުގެ ދެވަނަ ބެޗް ކ. މަނިޔަފުށީގައި ފަށައިގެން ކުރިއަށްދަނީ - ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
"މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ދަށުން މި އަހަރު ކުރިއަށްގެންދާ ދެވަނަ އަސާސީ މެރިކަލްޗަރ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ބުނީ މި ޕްރޮގްރާމަކީ އެ މިނިސްޓްރީ އާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން އަދި ވޯރލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ ޓްރާންސްފޯމިންގް ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ސައުތް - ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ (ޓްރާންސްފޯމް ޕްރޮޖެކްޓް) އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މިނިސްޓްރީން ބުނީ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ދަށުން މި އަހަރު ކުރިއަށްގެންދާ ދެވަނަ އަސާސީ މެރިކަލްޗަރ ކޯސް ބާއްވާނީ 18 އޮކްޓޯބަރު 2025 އިން 30 އޮކްޓޯބަރު 2025 އަށް، 14 ދުވަހުގެ މުއްދަތަށް ކ. މަނިޔަފުށީގައި ކަމަށެވެ.
މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު 15 ފަރާތަކަށް ވަނީ ހުޅުވާލެވިފައިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ މަގުސަދަކީ ދެމެހެއްޓެނިވި މެރިން އެކުއަކަލްޗަރގެ (މެރިކަލްޗަރގެ) ސިނާއަތެއް ރާއްޖޭގައި ގާއިމުކުރުމަށް މަގުފަހި ކުރުމަށްޓަކައި މެރިކަލްޗަރ ދާއިރާއިން މީހުން ބިނާކުރުން ކަމަށެވެ.
ބޭސިކް މެރިކަލްޗަރ ކޯހުގައި ދަސްކޮށްދެވޭ މައިގަނޑު ބައިތައް:
• އެކުއާކަލްޗަރގެ ނިޒާމުތަށް
• ދިރޭ ކާނާ އާލާކުރުން
• މަހުގެ ބަޔޮލޮޖީ
• ފާނަ އާލާކުރުން
• ހުއިފި ލަނޑާ އާލާކުރުން
• ދިވެހި މާގަނޑު މަސް އާލާކުރުން
• އިތާމުތް އާލާކުރުން
• މޫދުވިނަ ހަދައި އާލާކުރުން
• އާލާކުރާ ދިރުމަށްޖެހޭ ބަލިތައް ދެނެގަތުމާއި ބަލިތަކުން ރައްކާތެރިކުރުން
• އެކުއާކަލްޗާރ ކުރާއިރު ތިމާވެށި ރައްކާތެރިކުރުން
މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 30ގެ ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފަައެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް 15 ފަރާތަށްވުރެ އިތުރަށް ފޯމު ހުށަހަޅާފައިވާނަމަ، ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަަށެވެ.
ކޯހުގެ މުއްދަތުގައި ބައިވެރިންގެ ހުރުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ކ. މަނިޔަފުށީގައެވެ. އަދި ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުށި ދެމެދު ކުރަންޖެހޭ ދަތުރުތަކާއި، ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމު ހަމަޖައްސައިދޭނީ މިނިސްޓްރީންނެވެ.
މި ޕްރޮގްރާމްތަކަކީ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްގީކޮށް، އިގްތިސާދީ ގޮތުން ސިންދަފާތުކުރުމަށާއި، މި ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ އިސްތިރާޖީ މަސައްކަތްތަކުގެ މުހިންމު ބައެކެވެ. މި ޕްރޮގްރާމްތަކުގެ މަގްސަދަކީ ގައުމުގެ އިގްތިސާދީ ދުވެލި އަވަސްކުރުމާއެކު، މަސްވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ހޯދުން ކަމަށް ސަރުކާރުން ބުނެއެވެ.