ENGLISH
10 ސެޕްޓެމްބަރު 2025
އުފަންވާއިރު ނާޒުކު ހާލަތުގައި ތިބޭ ކުދިންނަށް ދޭ ފަރުވާގެ ފެންވަރު ރަނގަޅުވެއްޖެ: ސީއީއޯ ރައްޒާގު
10 ސެޕްޓެމްބަރު 2025
|
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް - ފޮޓޯ: އައިޖީއެމްއެޗް
އުފަންވާއިރު ނާޒުކު ހާލަތުގައި ތިބޭ ކުދިންނަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅުކުރެވިފައިވާ ކަމަށާއި އެކަމުގެ ސަބަބުން އުފަންވާއިރު ނާޒުކު ހާލަތުގައި ތިބޭ ކުދިންގެ ފުރާނަ ސަލާމަތްކުރުމަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ، އަލަށް އުފަންވާ ތުއްތު ކުދިންނަށް ދެވޭ ޚާއްސަ ފަރުވާ ނުވަތަ ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ ވޭތުވެދިއަ މުއްދަތުގައި މި ދާއިރާއިން ގިނަ ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ރާއްޖޭގައި މިދާއިރާއިން ޚާއްސަ ސްޕެޝަލައިޒްޑް ޑޮކްޓަރުންނާއި ނަރުހުން ނެތުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަލަށް އުފަންވާ ނާޒުކު ތުއްތު ކުދިންގެ ފުރާނަ ސަލާމަތް ކުރުމާއި، އެކުދިންނަށް އެންމެ ރަނގަޅު ފަރުވާ ދިނުމާއި އެންމެ ކުޑައިރުން ފެށިގެން ޚިދުމަތް ދިނުމަށް ކުރައްވާ މަސައްކަތަކީ އަގު ނުކުރެވޭނެ ބޮޑު ޚިދުމަތެއް. ފަރުވާދިނުމުގައި ގިނަ ކުރިއެރުން ގެނެވުމާއެކު އުފަންވާއިރު ނާޒުކު ހާލަތުގައި ތިބޭ ކުދިންގެ ދިރިހުރުމުގެ ނިސްބަތް އިތުރުވެފައިވާކަން ފާހަގަކުރެވޭ. ނަމަވެސް ތަމްރީނުވެފައިވާ ނިއޮނޭޓަލް ނަރުހުން މަދުކަން ފާހަގަކުރެވޭ. އަދި ސްޕެޝަލައިޒްޑް ނިއޮނޭޓަލް ނަރުހަކު ނެތުމަކީވެސް މިއީ ކުރިމަތިވެފައިވާ ގޮންޖެހުމެއް." - މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް
ރާއްޖޭގައި އުފަންވާއިރު ނާޒުކު ހާލަތުގައި ތިބޭ ކުދިންނަށް މިހާރު ދެވޭ ފަރުވާގެ ހާލަތަށް އަލިއަޅުއްވާލައްވާ އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ އެމްސީޖީއެޗްގެ ދަށުން ޚިދުމަތް ދެމުންދާ އައިޖީއެމްއެޗްގެ އެންއައިސީޔޫގައި 18 އެނދު، ހުޅުމާލޭ ހޮސްޕިޓަލުގައި 14 އެނދު އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އެންއައިސީޔޫގައި 10 އެނދާއެކު ޖުމްލަ 40 އެނދު މާލެ ސަރަހައްދުގައި ފަރުވާގެ ނިޒާމުގައި މިހާރު ވެސް އެބަހުރި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފްވެރިކޮށްދެއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. ރަސްމިއްޔާތުގައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ހަލީމް ޢަބްދުއްރައްޒާގްގެ އިތުރުން ހޮސްޕިޓަލްތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، އަލަށް އުފަންވާ ކުދިންގެ ޞިއްޙަތާ ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ އިންސާނީ ދުޅަހެޔޮކަމުގެ ބިންގާ ކަމަށެވެ. އަދި، އަލަށް އުފަންވާ ކުދިންގެ ދުޅަހެޔޮކަމަށް އެންމެން އެކީގައި މަސައްކަތްކުރުމަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ.
މިއަދު ފެށި ކޮންފަރެންސް ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަކަށެވެ. ކޮންފަރެންސްގައި މާލެ ސަރަޙައްދުގެ ހޮސްޕިޓަލްތަކާއި ސަރަޙައްދީ ހޮސްޕިޓަލްތައް ހިމެނޭހެން 40 ނަރުހަކު ބައިވެރިވެއެވެ.
ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސް ފެށިއިރު ސެޕްޓެމްބަރު މަސް ފާހަގަކުރަނީ ނިއޯނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓް (އެންއައިސީޔޫ) އާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށެވެ. އަދި، ސެޕްޓެމްބަރު މަހުގެ ދެވަނަ ހަފްތާ ނިއޯނޭޓަލް ނަރުހުންގެ ހަފްތާގެ ގޮތުގައި ފާހަގަކުރެއެވެ.
ކޮންފަރެންސްގެ މަގްސަދަކީ ދާއިރާއާ ގުޅޭ މަޢުލޫމާތު ހިއްސާކޮށް ނިއޯނޭޓަލް ނަރުހުންގެ ބާރުވެރިކަން އިތުރުކުރުމެވެ. މުޅި ރާއްޖެ ހިމެނޭހެން ކުރިއަށްގެންދާ މި ކޮންފަރެންސާއެކު ނަރުހުންގެ މެދުގައި ރަނގަޅު ނެޓްވޯކެއް ގާއިމުކުރެވި ނިއޯނޭޓަލް ނަރސިން ރާއްޖޭގައި އިތުރަށް ތަރައްގީވުމަށް މަގުފަހިވެގެންދާނެއެވެ.
އަލަށް އުފަންވާ ތުއްތު ކުދިންނަށް ދެވޭ ޚާއްޞަ ފަރުވާ ރާއްޖޭގައި ތަޢާރަފްކުރީ 1995 ވަނަ އަހަރުގެ ފަހުކޮޅެވެ. އައިޖީއެމް ހޮސްޕިޓަލުގައި 5 އެނދާއެކު ފެށި މަސައްކަތް މިހާރު ވަނީ ފުޅާކޮށްފައެވެ. ނިއޯނޭޓަލް ކޮންފަރެންސްގެ މައިގަނޑު ބޭނުމަކީ މިހާރު ދެވޭ ޚިދުމަތް އިތުރަށް ފުޅާކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމެވެ.
އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުގެ އެންއައިސީޔޫއިން އަހަރު 1000 އަށް ވުރެ ގިނަ ކުދިން އެނދުމަތިކޮށްގެން ފަރުވާދޭ ކަމަށެވެ. މާލެ ސަރަޙައްދުގެ ހޮސްޕިޓަލްތަކަށް ބަލާއިރު ނިއޯނޭޓަލް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި 18 އެނދު އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި 19 އެނދު ހުރެއެވެ. އަދި، ހުޅުމާލެ ހޮސްޕިޓަލުގެ 14 އެނދުގައި ޚިދުމަތްދެއެވެ.
ނިއޯނޭޓަލް ޚިދުމަތުގެ ފެންވަރު ރަނގަޅުވުމާއެކު ކުރިން ދިމާވަމުން އަންނަ ޞިއްޙީ މައްސަލަތައް ނިސްބަތުން މަދުވެފައިވާކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި، ޚިދުމަތް ޒަމާނީކޮށް ފެންވަރު މަތިކުރުމުގެ މަސައްކަތްތައް ސަރުކާރުން އަންނަނީ ކުރަމުންނެވެ.