ENGLISH
10 ސެޕްޓެމްބަރު 2025
އަލަށް އުފަންވާ ކުދިންގެ ޞިއްޙަތަށް އިސްކަންދިނުމަކީ އިންސާނީ ދުޅަހެޔޮކަމުގެ ބިންގާ: ފަސްޓް ލޭޑީ ސާޖިދާ
10 ސެޕްޓެމްބަރު 2025
|
އަލަށް އުފަންވާ ތުއްތު ކުދިންނަށް ދެވޭ ޚާއްޞަ ފަރުވާއާ ގުޅޭ ކޮންފަރެންސްގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
އަލަށް އުފަންވާ ކުދިންގެ ޞިއްޙަތާ ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ އިންސާނީ ދުޅަހެޔޮކަމުގެ ބިންގާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިފަދައިން ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ، އަލަށް އުފަންވާ ތުއްތު ކުދިންނަށް ދެވޭ ޚާއްޞަ ފަރުވާ ނުވަތަ ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެކަމަނާ ވިދާޅުވީ، ފުރަތަމަ ފަހަރަށް ބާއްވާ ކޮންފަރެންސަކީ ތާރީޚީ ކޮންފަރެންސެއް ކަމަށާއި، އާ ފެށުމާއެކު އިތުރަށް ތަރައްޤީކޮށް ސިލްސިލާ ގޮތެއްގައި ހިނގަމުންދާނެ ޞިއްޙީ ހަރަކާތަކަށް ކޮންފަރެންސް ވެގެންދިއުމަށް އުއްމީދުކުރައްވާކަމަށެވެ.
"އަލަށް އުފަންވާ ކުދިންގެ ޞިއްޙަތާ ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ އިންސާނީ ދުޅަހެޔޮކަމުގެ ބިންގާ. އެހެންކަމުން އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކުގެ ޞިއްޙަތަށްޓަކައި ދުރާލާ ވިސްނައި އިލްމީ ގޮތުގައި މަޝްވަރާކުރުމުގެ މިފަދަ ކޮންފަރެންސެއް އިންތިޒާމުވުމަކީ ޤައުމީ ނިސްބަތުގައި ވެސް ވަރަށް ފާހަގަކޮށްލަންޖެހޭ ކަމެއް" - ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
އަލަށް އުފަންވާ ކުދިންގެ ފަރުވާއަށްޓަކައި ކުރާ މަސައްކަތް ފާހަގަކުރައްވައި، ކުރީސަފުގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނާއި ނަރުހުން އަދި ފޫޅުމައިންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޝުކުރުއަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، މާޒީއަށް ބަލާއިރު ޞިއްޙަތާ ބެހޭ ދާއިރާއަކީ ހިތްދަތި ކަންކަން ދިމާވެފައިވާ، އަދި މިއަދު ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ދާއިރާއެއް ކަމަށެވެ. އަދި މިހާރުވެސް ނިސްބަތަށް ބަލާއިރު އަވަސް ކުރިއެރުންތައް ބޭނުންވާ ދާއިރާއެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެގޮތުން، ޞިއްޙީ ދާއިރާގައި ތަކެއްޗާއި، ވަޞީލަތް އަދި އިންސާނީ ޤާބިލުކަން އިތުރުކުރަންޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.
ކޮންމެ ދާއިރާއަކީވެސް ކުރިއެރުން ބޭނުންވާ ދާއިރާއެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، އަލަށް އުފަންވާ ކުދިންގެ ފަރުވާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ވެސް ޓެކްނޮލޮޖީގެ ކުރިއެރުން ބޭނުންވާ ކަމަށެވެ. ކޮންފަރެންސްގެ ސަބަބުން އެފަދަ ކަންކަމާއި، އިތުރު މަޝްވަރާތަކާއެކު ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ފަސޭހަވެގެންދާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.
އަލަށް އުފަންވާ ކުދިންގެ ޞިއްޙަތާ ބެހޭގޮތުން ވާހަކަދެއްކުމަކީ ކޮންމެ ފަރުދަކާއި ކޮންމެ އާއިލާއަކަށް އަދި އަންނަން އޮތް ޖީލުގެ ޞިއްޙަތާ ސަލާމަތަށް މުހިއްމު ކަމެއްކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
ކޮންފަރެންސްގެ ބައިވެރިންގެ ބައިވެރިވުމާއެކު، ތުއްތު ކުދިންގެ ޞިއްޙަތުގެ ރައްކާތެރިކަމަށް ޞިއްޙީ ދާއިރާގެ އެންމެން ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވައިލެއްވިއެވެ.