ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ރައީސްގެ އަނބިކަނބަލުން، ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސް ފެށުން ޝަރަފްވެރިކޮށްދެއްވައިފި

10 ސެޕްޓެމްބަރު 2025

|

ޢަލީ ޝަހީމް

ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ، އަލަށް އުފަންވާ ތުއްތު ކުދިންނަށް ދެވޭ ޚާއްޞަ ފަރުވާ ނުވަތަ ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފްވެރިކޮށްދެއްވައިފިއެވެ.  

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފްވެރިކޮށްދެއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. ރަސްމިއްޔާތުގައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ހަލީމް ޢަބްދުއްރައްޒާގްގެ އިތުރުން ހޮސްޕިޓަލްތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، އަލަށް އުފަންވާ ކުދިންގެ ޞިއްޙަތާ ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ އިންސާނީ ދުޅަހެޔޮކަމުގެ ބިންގާ ކަމަށެވެ. އަދި، އަލަށް އުފަންވާ ކުދިންގެ ދުޅަހެޔޮކަމަށް އެންމެ އެކީގައި މަސައްކަތްކުރުމަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ.

މިއަދު ފެށި ކޮންފަރެންސް ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަކަށެވެ. ކޮންފަރެންސްގައި މާލެ ސަރަޙައްދުގެ ހޮސްޕިޓަލްތަކާއި ސަރަޙައްދީ ހޮސްޕިޓަލްތައް ހިމެނޭހެން 40 ނަރުހަކު ބައިވެރިވެއެވެ.

ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސް ފެށިއިރު ސެޕްޓެމްބަރު މަސް ފާހަގަކުރަނީ ނިއޯނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓް (އެންއައިސީޔޫ) އާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށެވެ. އަދި، ސެޕްޓެމްބަރު މަހުގެ ދެވަނަ ހަފްތާ ނިއޯނޭޓަލް ނަރުހުންގެ ހަފްތާގެ ގޮތުގައި ފާހަގަކުރެއެވެ.

ކޮންފަރެންސްގެ މަގްސަދަކީ ދާއިރާއާ ގުޅޭ މަޢުލޫމާތު ހިއްސާކޮށް ނިއޯނޭޓަލް ނަރުހުންގެ ބާރުވެރިކަން އިތުރުކުރުމެވެ. މުޅި ރާއްޖެ ހިމެނޭހެން ކުރިއަށްގެންދާ މި ކޮންފަރެންސާއެކު ނަރުހުންގެ މެދުގައި ރަނގަޅު ނެޓްވޯކެއް ގާއިމުކުރެވި ނިއޯނޭޓަލް ނަރސިން ރާއްޖޭގައި އިތުރަށް ތަރައްގީވުމަށް މަގުފަހިވެގެންދާނެއެވެ.

އަލަށް އުފަންވާ ތުއްތު ކުދިންނަށް ދެވޭ ޚާއްޞަ ފަރުވާ ރާއްޖޭގައި ތަޢާރަފްކުރީ 1995 ވަނަ އަހަރުގެ ފަހުކޮޅެވެ. އައިޖީއެމް ހޮސްޕިޓަލުގައި 5 އެނދާއެކު ފެށި މަސައްކަތް މިހާރު ވަނީ ފުޅާކޮށްފައެވެ. ނިއޯނޭޓަލް ކޮންފަރެންސްގެ މައިގަނޑު ބޭނުމަކީ މިހާރު ދެވޭ ޚިދުމަތް އިތުރަށް ފުޅާކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމެވެ.

އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުގެ އެންއައިސީޔޫއިން އަހަރު 1000 އަށް ވުރެ ގިނަ ކުދިން އެނދުމަތިކޮށްގެން ފަރުވާދޭ ކަމަށެވެ. މާލެ ސަރަޙައްދުގެ ހޮސްޕިޓަލްތަކަށް ބަލާއިރު ނިއޯނޭޓަލް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި 18 އެނދު އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި 19 އެނދު ހުރެއެވެ. އަދި، ހުޅުމާލެ ހޮސްޕިޓަލުގެ 14 އެނދުގައި ޚިދުމަތްދެއެވެ.

ނިއޯނޭޓަލް ޚިދުމަތުގެ ފެންވަރު ރަނގަޅުވުމާއެކު ކުރިން ދިމާވަމުން އަންނަ ޞިއްޙީ މައްސަލަތައް ނިސްބަތުން މަދުވެފައިވާކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި، ޚިދުމަތް ޒަމާނީކޮށް ފެންވަރު މަތިކުރުމުގެ މަސައްކަތްތައް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު