ENGLISH
10 ސެޕްޓެމްބަރު 2025
ކެރަމް ވޯލްޑް ކަޕްގައި ވާދަކުރާ ޤައުމީ ޓީމު އެކުލަވާލައިފި
10 ސެޕްޓެމްބަރު 2025
|
ކެރަމް ރޭންކިންގެ ފިރިހެން ގަދަ 5. ފޮޓޯ: ސީއޭއެމް
އަންނަ ޑިސެންބަރު މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެރަމް ވޯލްޑް ކަޕްގައި ވާދަކުރާ ޤައުމީ ސްކޮޑު ނެގުމަށް ކުރިއަށްގެންދިޔަ ސިލެކްޝަން ނިންމާލައި، ޓީމު އެކުލަވާލައިފިއެވެ.
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ކެރަމް އެރީނާގައި މި މަހު 1 އިން 8 ގެ ނިޔަލަށް ކުރިއަށްގެންދިޔަ ސިލެކްޝަންގައި އެންމެ ފަހުން ކުޅެވުނު ފަސްވަނަ ބުރުގެ މެޗުތަކަށް ފަހު އަންހެން އަދި ފިރިހެން ފަސް ކުޅުންތެރިން ރޭންކް ކުރުމަށްފަހު ވަނީ ޤައުމީ ޓީމު އެކުލަވާލައިފައެވެ.
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން ބުނީ، މި ފަހަރުގެ ޤައުމީ ޓީމަށް ކުޅުންތެރިން ނެގުމަށް ބޭއްވި ސިލެކްޝަންގައި އަންހެން އަދި ފިރިހެން ދެ ޑިވިޝަން ހިމެނޭ ގޮތަށް މުޅިއެކު 49 ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށެވެ.
ސިލެކްޝަންގައި ކުޅުނު ފަސްވަނަ ބުރުގެ މެޗުތަކަށްފަހު، ފައިނަލް ކުރެވުނު ޤައުމީ ސްކޮޑުގައި ހިމެނެނީ؛ އިބްރާހިމް ހުޖާން އަލީ، ހަސަން ނާޒިމް (ނާނަ)، އިސްމާއިލް އަޒްމީން، އާދަމް އަދީލް އާއި މުޙައްމަދު މުންތަސިރު އެވެ.
މި ފަހަރުގެ ޤައުމީ ޓީމުން ޖާގަ ހޯދި އަންހެން ފަސް ކުޅުންތެރިންނަކީ؛ އައިޝަތު ނަހުފާ، ފާތިމަތު ރަޔާނާ، އައިޝަތު ފައިނާޒް، އައިމިނަތު ވިދާދް އާއި އާމިނަތު ވިޝާމާ އެވެ.
ކެރަމް ވޯލްޑް ކަޕަކީ އިންޓަރނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް) އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. މިއީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެނުންގެ ޓީމް އިވެންޓުން ބްރޯންޒް މެޑެލް ހާސިލްކޮށްފައިވެއެވެ.