ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ކިންގްސް ކަޕް: އާރްއާރްސީ އިން ޗެމްޕިއަންކަން ހޯދައިފި

10 ސެޕްޓެމްބަރު 2025

|

މުޙައްމަދު އަދުހަމް

މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އާރްއާރްސީން ޓްރޮފީ އުފުލާލަނީ. ފޮޓޯ: އިމޭޖަސް.އެމްވީ

ކްލަބް މޯލްޑިވްސްގެ ކިންގްސް ކަޕް ފުޓްސަލް މުބާރާތުގެ ފައިނަލުގައި ބ. އޭދަފުށީގެ ޗެމްޕިއަން، ކްލަބް ކޮމްބިނޭޝަން ސްޕޯޓްސް ކްލަބު (ސީސީ) 4-9 އިން ބަލިކޮށް، ރޯޑް ރެކްރިއޭޝަން ކްލަބު (އާރްއާރްސީ) އިން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ އާރްއާރްސީ އިން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ބޭއްވީ ކިންގްސް ކަޕްގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަނުންނަކީ ކްލަބް ވެމްކޯ އެވެ. ވެމްކޯ އިން ތަށި ހޯދީ ފައިނަލުގައި ޖޯލި މޯލްޑިވްސް ބަލިކޮށްގެންނެވެ. އެ ފަހަރުގެ މުބާރާތުގައި ކުޅުނީ މި ދެ ޓީމު އެކަންޏެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި އާރްއާރްސީ އިން ޖެހި ނުވަ ލަނޑުގެ ތެރެއިން، ޝަނާން ރަޝީދު ވަނީ ހެޓްރިކެއް ފުރިހަމަކޮށްފައެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ، އިބްރާހިމް އަސްވަދު (ގަބޭ) ދެ ގޯލާއި، އަލީ ޝާމިސް، އަހުމަދު އަފްލާޒް، އަބްދުﷲ ޔާމީން (ޔާނު) އާއި އިބްރާހިމް ޝަރީފް މުޙައްމަދު އެވެ.

މެޗުގައި ސީސީ އިން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ މުޙައްމަދު ފާސިރު (ފާއްޓޭ) ދެ ގޯލާއި، އަހުމަދު އަޔާޒް އަދި އުނައިސް ޒުބައިރު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާރްއާރްސީގެ ގޯލްކީޕަރު، މުޙައްމަދު ލުފްޝާން (ޕަފް) އެވެ.

މެޗަށްފަހު މުބާރާތުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމުދިންއިރު، އެންމެ މޮޅު ކުޅުންތެރިޔާ "ސަލްޓަން" އަކީ އާރްއާރްސީގެ ކެޕްޓަން، ގަބޭ އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ، އާރްއާރްސީގެ ގަބޭ، ޝަނާން، ލުފްޝާން އާއި ޖޯލި މޯލްޑިވްސްގެ މުޙައްމަދު ޖުމާން އަދި ސީސީގެ ފާއްޓޭ އެވެ. އެންމެ މޮޅު ކޯޗަށްދޭ "މާސްޓަރ އޮފް ސަލްޓަން" ގެ އެވޯޑް ހާސިލްކުރީ އާރްއާރްސީގެ ކޯޗު، އިސްމާއިލް ޝަރީފް (އިއްސެ) އެވެ.

ކިޔުންތެރިންގެ ހިޔާލު