ENGLISH
10 ސެޕްޓެމްބަރު 2025
ނޭޕާލްގެ ޙާލަތު ރަނގަޅު ވަންދެން ދަތުރުނުކުރަން ޚާރިޖީ ވުޒާރާއިން އިލްތިމާސް ކޮށްފި
09 ސެޕްޓެމްބަރު 2025
|
ދިވެހި ޚާރިޖިއްޔާ --
ނޭޕާލުގައި މި ވަގުތު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ޤައުމުގެ މަސްރަޙު އާންމު ހާލަތަށް އަނބުރާ ރުޖޫޢަވަންދެން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް އެ ގައުމަށް ނުކުރުމަށް ދިވެހި ޚާރިޖިއްޔާއިން މިރޭ އިލްތިމާސް ކޮށްފި އެވެ.
ނޭޕާލްގައި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ބްލޮކް ކުރުމާ ގުޅިގެން އެ ޤައުމުގެ ޒުވާނުން ފެށި މުޒާހާރާތައް ހޫނުވެ ތަންތަނުގައި އަލިފާން ޖަހާ ހަމަނުޖެހުން ވަނީ ބޮޑުވެފަ އެވެ. އެ ހަމަނުޖެހުންތަކާއި ގުޅިގެން ނޭޕާލްގެ ބޮޑުވަޒީރާއި ވަރަށް ގިނަ ވަޒީރުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
ޚާރިޖީ ވުޒާރާއިން މިރޭ ބުނީ މި ނާޒުކު ދަނޑިވަޅުގައި ނޭޕާލުގެ ކަމާބެހޭ އިދާރާތަކުންނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަދި އެ ވުޒާރާއިން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށާއި، ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކާ ދުރުހެލިވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް އެދޭ ކަމަށެވެ.
މީގެއިތުރުން، ކަތަމަންޑޫގެ ގިނަ ސަރަޙައްދުތަކެއްގައި ކާރފިއު އިޢުލާންކޮށްފައިވާތީ، މި ދަނޑިވަޅުގައި ކަތަމަންޑޫގައި ދިރިއުޅޭ އަދި ދަތުރުފަތުރުކުރާ އެންމެހައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި ޒަރޫރީ ބޭނުންތަކަށް މެނުވީ މަގުމައްޗަށް ނުނިކުތުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.
މީގެ އިތުރުން، ނޭޕާލުގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ޤައުމުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށް، މި ޚާއްޞަ ޙާލަތުގައި ބޭނުންވާ ލުއިފަސޭހަތައް ހަމަޖައްސައިދިނުމަށް އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންނާއި އެ ވުޒާރާއިން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އަދި ނޭޕާލުގެ މަޝްރަޙު އިތުރަށް ގޯސްވެއްޖެނަމަ، ނޭޕާލުގައި ތިއްބެވި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ވަނީ ދީފަ އެވެ.
ނޭޕާލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެޤައުމުގައި ތިބި ދިވެހި ރައްޔިތުންގެ ކަންކަން ވަރަށް ގާތުން މި ވުޒާރާއިން ބަލަމުން ގެންދާ ކަމަށާއި ނޭޕާލުގެ ހާލަތު ބަދަލުވަމުންދާ ގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުންނަމަ އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް ވަނީ އެދިފަ އެވެ.
މީގެއިތުރުން، އެ ވުޒާރާގެ ހޮޓްލައިން ނަންބަރ ކަމުގައިވާ 7983400 އަށް ގުޅޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.