ENGLISH
03 ނޮވެމްބަރު 2025
އިޒްރޭލުން ގަތަރަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފި
09 ސެޕްޓެމްބަރު 2025
|
ރައީސް ޔޫއެންގައި ތަޤުރީރު ކުރައްވަނީ -- ފައިލް ފޮޓޯ
ހައްދުފަހަނައަޅާފައިވާ ޒަޔަނިސްޓް ޔަހޫދީ ދައުލަތުން ގަތަރަށް މިއަދު ދިން ޓެރަރިސްޓް ހަމަލާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފި އެވެ.
ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި ޖިހާދު ކުރަމުންދާ ހަމާސް ޖަމާޢަތުގެ އިސްވެރީން އަވަހާރަކޮށްލުމުގެ ނަމުގައި އިޒްރޭލުން މިއަދު ގަތަރަށް ހަމަލާދީފައި ވަނީ އެފަދަ ހަމަލާއެއް އެ ޤައުމަށް ދޭނެ ކަމަށް އިންޒާރު ދޭތާ ދުވަސްތަކެއްގެ ފަހުންނެވެ.
އިޒްރޭލްގެ އެ ހަމަލާ ކުށްވެރި ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލްގެ އެ އަމަލަކީ ބައިނަލްއަޤްވާމީ ހުރިހާ ޤާނޫނުތަކާ ޚިލާފު އަމަލެއް ކަމަށެވެ.
އަދި އެއީ މިނިވަން ޤައުމެއްގެ މިނިވަން ކަމަށް އަރައިގަތުމުގެ ބޮޑު ޖަރީމާއެއް ކަމަށް ވިދާޅުވި އެވެ. ރައީސް ވަނީ އިޒްރޭލް ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަކުރާރުކޮށް ގޮންޖަހަމުންދާއިރު އެކަންކަން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤްވާމީ ދުނިޔެއަށް ގޮވާލައްވާފަ އެވެ.
ގަތަރުގެ ދޯހާއަށް އިޒްރޭލުން ދިން ހަމަލާ އެ ޤައުމުން ވަނީ ކުށްވެރި ކޮށްފަ އެވެ. އަދި މިއީ އިޒްރޭލުން ހިންގި ފިނޑި އަމަލެއް ކަމަށް ބުނެފައިވެ އެވެ.
ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފުވެ ހިންގާފައިވާ މި އަމަލުގެ ފުރިހަމަ ޒިންމާ އެ ޤައުމުން ނަގަން ޖެހޭނެ ކަމަށް ވެސް ގަތަރުން ވަނީ ބުނެފަ އެވެ.
އިޒްރޭލް ގެންދަނީ ފަލަސްތީނުގައި އިމެއް / މިނެއް ނެތި އިންސާނިއްޔަތާއި ޚިލާފު އެތައް ޖަރީމާތަކެއް ހިންގަމުންނެވެ. އެެ ޖަރީމާތައް ހުއްޓުވުމުގައި ބައިނަލްއަޤްވާމީ ދުނިޔެ ނުކުޅެދިފައިވާއިރު ހަމާސް ޖަމާއަތުން ގެންދަނީ ވަރަށް ހިތްވަރާއެކު އެ ޤައުމުގެ މިނިވަން ކަމަށްޓަކައި ޖިހާދު ކުރަމުންނެވެ.