ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ސައުތު އޭޝިއަން ސުޕަރ ކަޕް: ރާއްޖޭން ޗެމްޕިއަންކަން ހޯދައިފި

09 ސެޕްޓެމްބަރު 2025

|

މުޙައްމަދު އަދުހަމް

މުބާރާތުގައި ލަންކާއާ ރާއްޖެ ބައްދަލުކުރި ފުރަތަމަ މެޗުގެ ތެރެއިން. --ފޮޓޯ: އެފްއޭއެމް / ސުޕުން

ސައުތު އޭޝިއަން ސުޕަރ ކަޕް 2025 ގެ ދެވަނަ ލެގުގައި މިރޭ ސްރީ ލަންކާއާ 1-1 އިން އެއްވަރުކޮށް، ދިވެހިރާއްޖޭން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މި މެޗުން އެއްވަރުވުމާއެކު، ރާއްޖޭން ދެ ލެގުގެ އެގްރިގޭޓުން ކުރިހޯދީ 4-1 އިންނެވެ. މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގުގައި މި މަހުގެ ހަވަނަ ދުވަހު ލަންކާ އަތުން ރާއްޖޭ މޮޅުވީ 3-0 އިންނެވެ.

ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެ ޓީމުން ވެސް ލަނޑުޖެހީ ފަހު ހާފުގައެވެ.

މުބާރާތުގެ ފުރަތަމަ ލެގުގެ މެޗާއި ހިލާފަށް ލަންކާ އިން މޮޅު ކުޅުމެއް ދައްކަމުންދިޔަ މެޗުގައި އެ ޓީމުގެ ގޯލު ފޫއަޅުވާލުމުގައި ރާއްޖޭން ކުރަމުންއައި މަސައްކަތްތައް ކާމިޔާބުވީ ދެވަނަ ހާފުގެ ކުޅުން ދެބައިވާން ކައިރިވެފައިވަނިކޮށެވެ.

މެޗުގެ 67 ވަނަ މިނެޓުގައި ރާއްޖޭން މި ލަނޑުޖެހީ މި ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަލީ ފާސިރު (ސެންޓޭ) ނަގައިދިން ހުރަހެއް ޕެނަލްޓީއޭރިޔާތެރެއިން ރާއްޖޭގެ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ބޮލުން ފޮނުވާލުމުން ހުރަސްދަނޑީގައި ޖެހިފައި ނިކުތް ވަގުތު ދެވަނަ ފަހަރަށް ނާއިޒް ހަސަން (ދާދު) އެ ބޯޅަ ގޯލުގެތެރެއަށް ފޮނުވާލައިގެންނެވެ. މި ދެ ޓީމުގެ މެދުގައި މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުގައިވެސް ލީޑުނަގައިދިނީ ދާދު އެވެ.

ލަންކާ އިން އެއްވަރުކުރަން ކުރި މަސައްކަތުގެ ތެރެއިން މެޗުގެ އިތުރުވަގުތުގެ ތެރޭގައި ލަނޑުޖަހައިދިނީ އޮލިވާ ކެލާޓް އެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން ރާއްޖޭގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ލަންކާ އިން ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން ވެސް ލަންކާ އިން އިތުރު ގޯލެއް ޖެހުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުކޮށްލުމުގައި ރާއްޖޭގެ ގޯލްކީޕަރު، މުޙައްމަދު ފައިސަލް ވަނީ މޮޅު ކުޅުމެއްދައްކައި، ގިނަ ސޭވްތަކެއް ކޮށްފައެވެ. އަނިޔާގެ ސަބަބުން ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުރުމަށްފަހު މި ފަހަރުގެ ޤައުމީ ސްކޮޑުން ޖާގަ ހޯދި ފައިސަލް ވަނީ މި މެޗުގެ އިތުރުން ފުރަތަމަ މެޗުގައި ވެސް ލަންކާ އިން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު