ENGLISH
09 ސެޕްޓެމްބަރު 2025
ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
09 ސެޕްޓެމްބަރު 2025
|
ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުން ފުލުހުން ހޯދި މަސްތުވާތަކެތި. ފޮޓޯ: ފުލުހުން
ހުޅުމާލެ ކަންނެލި ޖެޓީ ސަރަޙައްދުން މަސްތުވާތަކެތި ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެ ޚިދުމަތުން މިއަދު ބުނެފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އާއްމުކޮށްފައިވާ މައުލޫމާތުގައި ބުނީ، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ކަންނެލި ޖެޓީ ސަރަޙައްދު ބަލައިފާސްކޮށް ފެނުނު މަސްތުވާތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ މަޢުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން އެ ސަރަޙައްދު ބަލައިފާސްކުރީ ސެޕްޓެމްބަރު 8 ވަނަ ދުވަހެވެ. އެދުވަހު ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އެ ސަރަހައްދުގައި ތިބި ބައެއްގެ އަމަލުތައްހުރި ގޮތުން ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
އެމީހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 23 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދީފައިވެއެވެ. އެ ތަކެތި ފެނުނީ ކަންނެލި ޖެޓީގެ ޑޮކް ފެންޑަރެއްގެ ތެރެއިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެއެވެ. ފުލުހުން ގެންދަނީ އެމައްސަލަ ތަޙްޤީގު ކުރަމުންނެވެ.
ހުޅުމާލެއިން މަސްތުވާތަކެތި ފެނުނުއިރު، ސެޕްޓެމްބަރު 4 ވަނަ ދުވަހު ފުލުހުން ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި މ. މުލިން މީހަކު ހައްޔަރުކޮށްފައެވެ. އެރަށުން ހައްޔަރުކުރީ އުމުރުން 33 އަހަރުގެ ފިރިހެނެކެވެ.
މަސްތުވާތަކެތީގެ އޮޕަރޭޝަންތައް މުޅި ރާއްޖޭގައި ފުލުހުން ހިންގާއިރު އެފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ މައްސަލަތައް ފުލުހުން ގެންދަނީ ތަހްޤީގުކުރަމުންނެވެ.