ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ދޮންފަނުގެ ބިން ނުހިއްކިޔަސް، ބަނދަރާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން ކުރާނެ: ވަޒީރު މުއްޠަލިބް

09 ސެޕްޓެމްބަރު 2025

|

ޢަލީ ޝަހީމް

ދޮންފަނު ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވި ރަސްމިއްޔާތުގައި ވަޒީރު ޑރ. މުއްޠަލިބް ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ބ. ދޮންފަނުގެ ބިން ނުހިއްކިޔަސް، ސަރުކާރުން އެރަށުގައި ހިންގުމަށް ނިންމާފައިވާ ތަރައްޤީގެ އިތުރު މަޝްރޫޢުތައް ކުރިއަށްގެންދަވާނެކަމަށް ގޮދޮރުވެރިކަމާއި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. 

ވަޒީރު މިފަދައިން ވިދާޅުވީ، ދޮންފަނުގެ ބިން ހިއްކުން ކުރިއަށް ނުގެންދަވަން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމެވުމާ ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ދޮންފަނު ބިންހިއްކަން ރައްޔިތުން މިހާރު ބޭނުންނުވާތީ އެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމަވާފައިވާ ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އެ ނިންމެވުމާއި ގުޅިގެން މުއްޠަލިބް ވިދާޅުވީ ދޮންފަނުގެ ބިން ނުހިއްކިޔަސް، ދޮންފަނުގެ ބަނދަރުގެ މައްސަލަ ޙައްލުކުރުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ސަރުކާރުން ކުރިއަށްގެންދާނެ ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމުގައި ވިދާޅުވީ، ބ. ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގަން ވަޢުދުވެވަޑައިގެންނެވި ކަމަށާއި، އަދި އެ ވަޢުދު ފުއްދުމަށް އެގްރީމެންޓްގައި ސޮއި ވެސް ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އެމަނިކުފާނަށް ރައްޔިތުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވާތީ އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރަސްމީކޮށް ކައުންސިލަށް މިއަދު ސިޓީއިން ކަމާބެހޭ ވުޒާރާއިން އެކަން އަންގާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހުރިއްޔާ ދޮންފަނަށް ވަޑައިގެންނެވީ އޮގަސްޓް 13 ވަނަ ދުވަހެވެ. ރައީސުލްޖުމްހޫރިއްޔާގެ އެ ދަތުރުފުޅުގައި އެރަށުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ފައްޓަވައިދެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު