ENGLISH
09 ސެޕްޓެމްބަރު 2025
ދޮންފަނު ބިންހިއްކުން ކުރިއަށް ނުގެންދަން ރައީސް ނިންމަވައިފި
09 ސެޕްޓެމްބަރު 2025
|
ބ. ދޮންފަނު ބިންހިއްކަން ރައްޔިތުން މިހާރު ބޭނުންނުވާތީ އެ މަސައްކަތް ކުރިއަށް ނުގެންދަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
ސޯޝަލް މީޑިއާގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާން ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވަޢުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން ކަމަށާއި ރައްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ ކަމަށެވެ.
"މިއީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ، ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް،" ރައީސްގެ ޕޯސްޓުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބ. ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގަން ވަޢުދުވެވަޑައިގެންނެވި ކަމަށާއި އަދި އެ ވަޢުދު ފުއްދުމަށް އެގްރީމެންޓްގައި ސޮއި ވެސް ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އެމަނިކުފާނަށް ރައްޔިތުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވާތީ އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަސްމީކޮށް ކައުންސިލަށް މިއަދު ސިޓީއިން ކަމާބެހޭ ވުޒާރާއިން އެކަން އަންގާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ދޮންފަނު ބިން ހިއްކުމުގެ މަޝްރޫޢު ރައީސް އިޢުލާނު ކުރެއްވީ ބ. އަތޮޅަށް މިދިޔަ މަހު ރައީސް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. އެ މަޝްރޫޢު އިޢުލާން ކުރުމާ އެކު ތިމާވެއްޓަށް މަސައްކަތް ކުރާ ގިނަ ބަޔަކު ވަނީ އެ މަސައްކަތް އެ ގޮތަށް ނުކުރުމަށް ގޮވާލައިފަ އެވެ. އަދި ޕެޓިޝަނެއްގައި ސޮއި ވެސް ކުރަން ވަނީ ފަށައިފަ އެވެ.
ސަބަބަކީ ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް ސަރަހައްދުގައި އޮންނަ ދޮންފަނުގެ ބިން ހިއްކަން ފަށައިފި ނަމަ އެ ރަށާ ކައިރީގައި އޮންނަ ހަނިފަރު ބޭގެ ދިރުންތަކަށް އަސަރުކޮށް އޭގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ވެސް ގެއްލުންތަކެއް ލިބޭނެތީ އެވެ.