ENGLISH
09 ސެޕްޓެމްބަރު 2025
ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތުގެ ފުރަތަމަ ސެގްމަންޓް ޝީޓްޕައިލްކޮށް ނިންމައިފި
08 ސެޕްޓެމްބަރު 2025
|
ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތުގެ ދަށުން އެ މަގު ފުޅާކުރުމަށް ޝީޓް ޕައިލް ކުރުމުގެ މަސައްކަތުގެ ފުރަތަމަ ސެގްމެންޓް ނިންމާލައިފި އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތުގެ ދަށުން މިހާތަނަށް ވަނީ 132 މީޓަރުގެ ސަރަހައްދެއް ޝީޓްޕައިލްކޮށްފަ އެވެ.
އެމްޓީސީސީން ބުނީ ދެން ކުރިއަށްދާނީ މަގު ފުޅާކުރާ ސަރަޙައްދަށް ވެލި އަޅައި، އެ ސަރަޙައްދު ހިއްކުމުގެ މަސައްކަތް ކަމަށެވެ. އަދި ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް ވެސް ކުރިއަށްދާނެ ކަމަށް ބުންޏެވެ.
މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްގީކުރަނީ ރަސްމީ ފާލަން ހިމެނޭ ސަރަހައްދެވެ. އެ މަސައްކަތް އަމަލީގޮތުން ފެށީ އޮގަސްޓް 21 ވަނަ ދުވަހު އެވެ.
ޝީޓް ޕައިލިންގެ މަސައްކަތަކީ މަގު ހެދުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމު އެއް މަސައްކަތެވެ.
ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތުން 830 މީޓަރުގެ ސަރަހައްދުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރެއިން 737 މީޓަރު ސަރަހައްދުގައި ޝީޓް ޕައިލް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެ މަޝްރޫއުގެ ދަށުން ތާރުއަޅައި ސަބްބޭސް ތައްޔާރުކޮށް ފެންހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެއެވެ. މުޅި މަގު ތަރައްގީކުރާނީ ހަތަރު ލޭން ހިމެނޭ ގޮތަށެވެ.
މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރުމަށް އެ ސަރަހައްދު ބަންދުކުރީ އޮކްޓޫބަރު 13 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގައި އެ ސަރަހައްދުގެ ފަޅު ވެސް ބަންދުވާނެއެވެ.
ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ތަރައްގީކުރެވުމުން، އެ ސަރަހައްދުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބޭނެއެވެ. ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުގައި ޓްރެފިކް ތޮއްޖެހުން އިތުރުވެ، ދަތުރުފަތުރުކުރާ އުޅަނދުތަކަށާއި އާއްމުންނަށް ބޮޑެތި ތަކުލީފުތައް ކުރިމަތިވެއެވެ. އެހެންނަމަވެސް މަގު ތަރައްގީކުރުމާއެކު، އެ ހުރިހާ ކަމަކަށް ހައްލު ލިބިގެންދާނެއެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، މާލޭގެ އެހެން މަގުތައް ވެސް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.