ENGLISH
09 ސެޕްޓެމްބަރު 2025
މަގުތަކާއި ޢާއްމު ތަންތަން ދިއްލުމަށް ޑޮމެސްޓިކް ރޭޓުން ބިލްކުރަން ރައީސް ނިންމަވައިފި
08 ސެޕްޓެމްބަރު 2025
|
ރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްރަށުގެ މަގުތަކާއި އާއްމު ތަންތަން ދިއްލުމަށް ކައުންސިލްތަކަށް ފެނަކަ އަދި ސްޓެލްކޯ އިން ބިލް ކުރާނީ ޑޮމެސްޓިކް ރޭޓުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
ރައީސް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްޤީ ކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން، ޖެނުއަރީ 1، 2026 އިން ފެށިގެން، ރާއްޖޭގެ ހުރިހާ ރަށެއްގެ މަގުތަކާއި ޢާއްމު ތަންތަން ދިއްލުމަށް ކައުންސިލްތަކަށް ޑޮމެސްޓިކް ރޭޓުން ބިލް ކުރަން ނިންމުމުން މުނިސިޕަލް އެހެން ޚިދުމަތްތަކަށް ޚަރަދު ކުރަން ލިބޭ ޢަދަދު ބޮޑުވެގެންދާނެ ކަމަށެވެ.
މީގެ ކުރިން ސިޓީތަކާއި ރަށްރަށުގެ މަގުތަކާއި އާއްމު ތަންތަން ދިއްލުމަށް ޚަރަދު ކުރަނީ ވިޔަފާރިތަކަށް ބިލްކުރާ ރޭޓުގަ އެވެ.
މީގެ އިތުރުން ރައީސް ވަނީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ގިނަ ކަންކަން ނިންމަވައިފައެވެ. އެގޮތުން، ކައުންސިލްތަކަށް ސަރުކާރުން ދޭ ޢާންމު ހިލޭ އެހީގެ ފައިސާ ނުވަތަ ބްލޮކް ގްރާންޓް ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅާފައިވާ ފިސްކަލް ފޯރމިއުލާގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭމިންވަރު މަދުކަން ފާހަގަކުރެވޭތީ ފިސްކަލް ފޯރމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކޮށް، އަންނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު މި ބަދަލާއެކު ހުށަހެޅުމަށް ރައީސް ވަނީ ނިންމަވައިފައެވެ.
ރައީސް ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 79 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ޢާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯރމިއުލާ ގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދު ކަމަށެވެ. ނަމަވެސް، އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދު ނޫންކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
އެހެން ކަމުން، ބްލޮކް ގްރާންޓުގެ ފިސްކަލް ފޯރމިއުލާ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުން، އެ ކައުންސިލްތަކަށް ގެއްލުން ވާތީ ފިސްކަލް ފޯރމިއުލާ މުރާޖާކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބްލޮކް ގްރާންޓް ދިނުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު މި ބަދަލާ އެކު ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.
ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓް ބޮޑުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ބްލޮޮކް ގްރާންޓްގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ކައުންސިލްތަކަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި ރައްޔިތުންގެ ފައިސާ އެންމެ ހެޔޮގޮތުގައި ނޫނީ ބޭނުން ކުރުމަށް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
މީގެ އިތުރުން ރައީސް ވަނީ އަންނަ އަހަރުން ފެށިގެން ކައުންސިލްގެ ބަޖެޓުން، އ.ތ.މ ކޮމެޓީތަކަށް ދެމުން އަންނަ ބަޖެޓް ދެގުނަ ބޮޑުކުރެއްވުމަށް ނިންމަވައިފައެވެ.