ENGLISH
09 ސެޕްޓެމްބަރު 2025
ވަޒީރު ޑރ. ހައިދަރު، ސޯޝަލް ޑައިލޮގް ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައިފި
08 ސެޕްޓެމްބަރު 2025
|
ސޯޝަލް ޑައިލޮގް ކޮންފަރެންސްގައި ވަޒީރު ހައިދަރު ވާހަކަދައްކަވަނީ. ފޮޓޯ: މަތީ ތަޢުލީމާ ބެހޭ ވުޒާރާ
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދު، "ސޯޝަލް ޑައިލޮގް ކޮންފެރެންސް 2025" ގެ ނަމުގައި ބޭއްވި ބައިނަލްްްއަޤްވާމީ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައިފިއެވެ.
އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) ބައިވެރިވާ، "ސޯޝަލް ޑައިލޮގް ކޮންފެރެންސް 2025" އަކީ އިންޑަސްޓްރިއަލް ރިލޭޝަންސް އެކްޓްގެ 10 ވަނަ ބާބުގެ ދަށުން ކުރިއަށްގެންދާ ފުރަތަމަ ކޮންފަރެންސެވެ.
މިއަދު ހެނދުނު އޮތް ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ވަޒީރު ޑރ. ހައިދަރު ވިދާޅުވީ، އަމާޒަކީ ވަޒީފާގެ ބާޒާރުގައި މަސައްކަތްކުރަމުންދާ ހުރިހާ ފަރާތަކަށް ރައްކާތެރިކަން ފޯރުކޮށްދެއްވުން ކަމަށެވެ.
"އަމާޒަކީ ވަޒީފާގެ ބާޒާރުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ރައްކާތެރި ވަޒީފާގެ މާހައުލެއް ބިނާކޮށް، ވަޒީފާގެ މައިދާނުގައި ދިމާވާ މައްސަލަތަކަށް ސުލްޙަވެރިކަމާއެކު ހައްލުހޯދުމާއި، ދިވެހި ޒުވާނުންގެ ހުނަރުވެރިކަން އިތުރުކުރުމުގެ މަގުފަހިކޮށްދިނުމާއެކު ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަށް ފަހިކޮށްދިނުން" - ވަޒީރު ޑރ. ޢަލީ ހައިދަރު
ވަޒީރު ވަނީ، އަމިއްލަ މުއައްސަސާ ނުވަތަ އިދާރާގެ ކުރިއެރުމާއި މަންފާ ހޯދުމަށް މަސައްކަތްކުރުމުގެ އިތުރުން އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް އިލްތިމާސްކުރައްވައިފައެވެ. އަދި، ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދިނުމާއި، އާންމު މުޖުތަމައުއަށް ބޭނުންވާ ރައްކާތެރިކަން ހޯދައިދިނުން ފަދަ ޤައުމީ ޒިންމާތައް އަދާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އިސްކަންދިނުމަކީ މުހިއްމު ކަމެއްކަން ފާހަގަކުރައްވައި، އެގޮތުގައި ކުރިއަށްދިއުމަށް ވަޒީރު އެދިވަޑައިގަތެވެ.
ކޮންފަރެންސްގައި ވަނީ ރައްކާތެރި މަސައްކަތުގެ މާހައުލެއް ބިނާކުުރުންފަދަ މަސައްކަތްތެރިންގެ ޙައްޤުތައް ހިމާޔަތްކުރުމާއި ގުޅޭ މުހިއްމު މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.