ENGLISH
09 ސެޕްޓެމްބަރު 2025
ރައީސް، ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުކަމަށް ދެ ބޭފުޅަކު އައްޔަނުކުރައްވައިފި
08 ސެޕްޓެމްބަރު 2025
|
ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުކަމަށް ދެ ބޭފުޅަކު އައްޔަނުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރުކަމުގެ މަޤާމަށް ދެ ބޭފުޅަކު ޢައްޔަނުކުރައްވައިފިއެވެ.
އެޗްއާރުސީއެމްގެ މެމްބަރުކަމުގެ މަޤާމަށް ދެ ބޭފުޅުން ޢައްޔަނުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، މެމްބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރެއްވީ، މ. ޕޮޕީ، މުޙައްމަދު ޝަފީޤް މަޙްމޫދާއި ސ. ހުޅުދޫ، ސީބްރީޒް އަޙްމަދު މަޤުސޫމްއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަނުކުރެއްވުމުގެ ކުރިން، ދެ ބޭފުޅުންނަށް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމްއެވެ.
ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވި ދެ މެންބަރުންނާ، އެ މަޤާމަށް ޢައްޔަނުކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރައްވާފައެވެ.
ފަސް މެމްބަރުން ހިމެނިވަޑައިގަންނަވާ އެޗްއާރުސީއެމްގެ މެމްބަރުކަމުގެ ދެ ގޮނޑި ހުސްވީ، މޫމިނާ ވަޙީދު އާއި އާމިނަތު ޝިފާތު ޢަބްދުއްރައްޒާގުގެ ދައުރު ހަމަވުމުންނެވެ.
އަލަށް ޢައްޔަނުކުރެއްވި މުޙައްމަދު ޝަފީޤާއި އަޙްމަދު މަޤުސޫމްގެ އިތުރުން އެޗްއާރުސީއެމްގެ މެމްބަރުކަމުގެ މަޤާމުގައި ތިއްބެވީ، ކޮމިޝަނުގެ ރައީސް މަރްޔަމް މުނާއާއި ސަމާޢު އަޙްމަދު ނަޖީބުގެ އިތުރުން އިސްމާޢީލް ހަބީބެވެ.