ENGLISH
09 ސެޕްޓެމްބަރު 2025
މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފި
08 ސެޕްޓެމްބަރު 2025
|
ފަތުރުވެރިންތަކެއް ރާއްޖޭގައި. މިއަހަރު ފަތުރުވެރިން ޒިޔާރަތްކުރި އަދަދު ވަނީ 1.5 މިލިއަން ހުރަސްކޮށްފަ
އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރާފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުން ދައްކައިފިއެވެ.
އެ ވުޒާރާއިން ފަތުރުވެރިންގެ އެންމެ ފަހުގެ ތަފާސްހިސާބު އާއްމުކުރީ މިއަދެވެ. މިއަދު އާއްމުކުރި ތަފާސްހިސާބުގައި ވާގޮތުން ސެޕްޓެމްބަރު 7 ވަނަ ދުވަހުގެ ނިޔަލަށް 1،520،699 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
ދޮޅު މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުމާއެކު ފަތުރުވެރިކަމުގެ ވުޒާރާއިން މިއަދު އާއްމުކުރި މީސްމީޑިއާ ޕޯސްޓުގައި ބުނީ، ރާއްޖޭން ބޭނުންވާ ލަނޑުދަނޑިއަށް ވާސިލްވެވޭ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމޭއިރު 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުމެވެ. ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދެމިލިއަން ފަތުރުވެރިން ހަމަވީ 2024 ވަނަ އަހަރެވެ.
ތަފާސްހިސާބަށް ބަލާއިރު، މިއަހަރު ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ ނިސްބަތް މިދިޔަ އަހަރާ އަޅާބަލާއިރު 9.7 އިންސައްތަ ހުރީ މަތީގައެވެ. މިދިޔަ އަހަރު ސެޕްޓެމްބަރ 7 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރީ 1،386،554 ފަތުރުވެރިންނެވެ. މިދިޔަ އަހަރާ އަޅާބަލާއިރު އެއީ 134،145 ފަތުރުވެރިންގެ ކުރިއެރުމެކެވެ.
ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާއިރު، ދުވާލަކު ރާއްޖެ ޒިޔާރަތްކުރާ އެވްރެޖް އަދަދަކީ 6083 ފަތުރުވެރިންނެވެ.
ފަތުރުވެރިންގެ ތެރެއިން 73.4 އިންސައްތަ މީހުން ޗުއްޓީ ހޭދަކުރަނީ ރާއްޖޭގެ ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތަކުގައި 21.9 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކުރާއިރު، ފަތުރުވެރިން ދެން ޗުއްޓީ ހޭދަކުރަނީ ޓޫރިސްޓް ހޮޓާތަކާއި ސަފާރީތަކުގައެވެ.
ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކަށް ބަލާއިރު ޗައިނާއިން ވަނީ ދެލައްކަ ފަތުރުވެރިން ފަހަނައަޅައިފައެވެ. ޗައިނާއަކީ ރާއްޖޭގެ އެންމެ ބޮޑު މާކެޓެވެ.