ENGLISH

08 ސެޕްޓެމްބަރު 2025

Advertisement

ޑިސެމްބަރު ބަންދުގައި މޯލްޑިވިއަނުން ބެންކޮކާއި މެލޭޝިއާއަށް ހާއްސަ ދަތުރުތަކެއް

08 ސެޕްޓެމްބަރު 2025

|

ޢަލީ ޝަހީމް

މޯލްޑިވިއަންގެ ބޯޓެއް. ބޮޑު ޗުއްޓީއަށް ހާއްސަ ދަތުރުތަކެއް ވަނީ ހުޅުވާލާފަ. ފޮޓޯ: މޯލްޑިވިއަން

ޑިސެމްބަރު މަހު ލިބޭ ސްކޫލް ބަންދާއި އާ އަހަރުގެ ޗުއްޓީއާ ދިމާކޮށް ގައުމީ އެއާލައިން މޯލްޑިވިއަނުން ތައިލެންޑުގެ ބެންކޮކާއި މެލޭޝިއާއަށް ހާއްސަ ދަތުރުތަކެއް ބާއްވަން ނިންމައިފިއެވެ. 

މޯލްޑިވިއަނުން އިއްޔެ މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓުތަކުގައި ބުނެފައިވަނީ އެ ދަތުރުތަކަށް ހާއްސަ ފެއާތަކެއް ކަނޑައަޅާފައިވާކަމަށެވެ. 

ހާއްސަ ފެއާގައި ބެންކޮަކަށް ދިއުމަށް ހުޅުވާލީ ޑިސެމްބަރު 23 އިން ޖަނަވަރީ 13 އަށެވެ. ފެއާ ރޭޓުގައި ދެކޮޅު ޓިކެޓުގެ އަގަކީ 399 ޑޮލަރެވެ. ބެންކޮކަށް ދަތުުރުތައް ކުރުމަށް ހަމަޖެހިފައިވަނީ، އެ މުއްދަތުގައި ކޮންމެ އަންގާރަ ދުވަހަކުއެވެ. 

މެލޭޝިއާއަށް ދިއުމަށް ހާއްސަ ދަތުރުތައް ހުޅުވާލީ ޑިސެމްބަރު 21 އިން ޖަނަވަރީ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. މެލޭޝިއާ ދެކޮޅު ޓިކެޓުގެ ގޮތުގައި ހަމަޖައްސާފައިވަނީ 355 ޑޮލަރެވެ. މެލޭޝިއާއަށް ދަތުރުތައް ކުރާނީ ކޮންމެ އާދީއްތަ ދުވަހަކު ކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ. 

ޗުއްޓީއާ ދިމާކޮށް ހުޅުވާލި ހާއްސަ ފެއާތަކުގައި ދަތުރުކުރުމަށް ޓިކެޓް ނެގުމުގެ ފުރުސަތު މޯލްޑިވިއަނުން މިހާރު ވަނީ ހުޅުވާލާފައެވެ. މޯލްޑިވިއަންގެ ވެބްސައިޓުންނާއި ކޯލް ސެންޓަރު ނަންބަރު 1671 އަށް ގުޅުމުން ޓިކެޓް ނެގުމުގެ ކަންކަން ކުރިއަށްގެންދެވޭނެކަމަށް ބުނެފައިވެއެވެ. 

މޯލްޑިވިއަނުން އަންނަނީ ކޮންމެ ބޮޑު ޗުއްޓީއަކާއި ހާއްސަ ދުވަސްތަކުގައި ރާއްޖޭން ބޭރުގެ ބައެއް މަންޒިލްތަކަށް ދަތުރުތައް ހުޅުވާލަމުންނެވެ. ދާދިފަހުން މޯލްޑިވިއަނުން ވަނީ ޗައިނާގެ އިތުރު ތިން ސިޓީއަކަށް ދަތުރުތައް ފަށައި، ހެޔޮ އަގުގައި ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. 

ބައިނަލްއަގްވާމީ ދަތުރުތައް ގިނަކުރުމުގެ އިތުރުން މޯލްޑިވިއަނުން އަންނަނީ ޑޮމެސްޓިކް ދަތުރުތައް ފުޅާކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން އެންމެ ފަހުން އެ އެއާލައިނުން ހުޅުވާލި ފުރުސަތަކީ ބ. ކަމަދޫއަށް ސީޕްލޭން ދަތުރުތައް ފެށުމެވެ. 

ކިޔުންތެރިންގެ ހިޔާލު