ENGLISH
08 ސެޕްޓެމްބަރު 2025
ވިހި އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވައިލުމުގައި ބައިވެރިނުވާނެ ކަަމަށް އެމްޑީޕީން ބުނެފި
07 ސެޕްޓެމްބަރު 2025
|
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ --
ދިވެހިރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތުގައި ބައިވެރިނުވާނެ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
ޤައުމީ ތަރައްޤީގެ ޕްލޭންގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ނެކްސިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުނިން ވަނީ އެމްޑީޕީއާ ބައްދަލުކުރުމަށް އެދިފައެވެ. ނަމަވެސް އެއްވެސް އަސާސެއް ނެތް ބަހަނާތަކެއް ދެއްކުމަށް ފަހު އެމްޑީޕީން ވަނީ މިއަދު އެ ކުންފުންޏަށް ޖަވާބު ދީފައެވެ.
އަދި ރައްޔިތުންނަށް ހަޤީޤަތް އޮޅުވާލަން އެމްޑީޕީން ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމުގެ ބޭނުމެއް މިހާރު ނެތް ކަަމަށް ބުނެފައިވެ އެވެ.
ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވައިލުމުގެ ޢަމަލީ މަސައްކަތްކުރާނެ ޓީމު އެކުލަވާލާ ރައްޔިތުންގެ ޚިޔާލު ހޯދުމަށް މީހުން ދިރިއުޅޭ ރަށްރަށަށް ކުރާ ދަތުރުތައް ވަނީ ފަށާފަ އެވެ.
ދިވެހިރާއްޖޭގެ ކުރިމަގާއި, ދިވެހިރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއާއި ތަސައްވުރާ ބެހޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހުރި ގޮތް މި ޓީމުން ހޯދާނެއެވެ.
ރާޢްޖޭގެ ތަރައްޤީގެ ޕްލޭންގައި ހިމެނުމަށް ބޭނުންވާ ކަންކަމަަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކުރަން ފަށާ މި ދަތުރުތަކުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވިލުންތެރި ރާއްޖެ ޓީމުތަކުން ދަތުރުކުރާނެއެވެ. މި ދަތުރުތަކުގައި "ވިލުންތެރިރާޢްޖެ ޓީމު"ން ބާޢްވާ ބައްދަލުކުރުންތަކުގައި ބައިވެރިވެ މަޝްވަރާތަކުގައި ބައިވެރިވުމަށް ރަށު ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި, ރަށުގައި ޤާއިމްކޮށްފައި ހުންނަ ސަރުކާރުގެ ހުރިހައި މުއައްސަސާތަކަށާއި، އާންމު ޖަމްޢިއްޔާ ޖަމާޢަތްތަކާއި ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ވެސް ފުރުޞަތު އޮންނާނެއެވެ.
"ވިލުންތެރި ރާއްޖެ 2045" ގެ ނަމުގައި 2025 އިން 2045 އަށް އަމަލު ކުރަން ރާވާ 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ މި ޕްލޭނަކީ އެކުލަވާލުމުގައި ރާއްޖޭގެ ވީހާ ގިނަ ފަރާތްތަކެއްގެ ޚިޔާލާއި ބައިވެރިވުން ހޯދުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. މި ޕްލޭނަކީ 2040 ވަނަ އަހަރު އަންނަ އިރު, ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މުހިންމު މަސައްކަތްޕުޅެކެވެ.
20 އަހަރު ދުވަހުގެ ޤައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމުގެ ބޭނުމަކީ ޤައުމުގައި ކުރެވޭ އެންމެހައި ކަންކަމަކީ ދުރު ރާސްތާއަށް ވިސްނައިގެން، ލިބެންހުރި ވަސީލަތްތަކުގެ ބޭނުން, ދެމެހެއްޓެނިވި ގޮތެއްގައި ހިފައިގެން، ޤައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތެއްގައި ކަންކަން ކުރަން މަގުފަހިކުރުމެވެ. އަދި ދުނިޔޭގެ އިޤްތިޞާދަށާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއި އަދި ވަކިން ޚާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމާއި އެކަންކަމުން އަރައިގަނެވޭނެ ޤާބިލުކަން ހުރި ވިލުންތެރި ރާއްޖެ އެއް ބިނާކުރުމެވެ.
މީގެއިތުރުން ދުނިޔޭގެ އިޤުތިޞާދީ އަދި ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި ދިވެހިން ސާބިތުކަންމަތީ ދެމިތިބެ ޤައުމުދެކެ ލޯބިވާ ޤައުމީވަންތަ އުފާފާގަތި ރާއްޖެއެއް ބިނާކުރުމެވެ. އަދި ވޭތުވެދިޔަ ތާންގައި ތަރައްޤީއަށްޓަކައި ރާއްޖޭން ކޮށްފައިވާ މަސައްކަތްތަކުން ލިބެން ހުރި މަޢުލޫމާތުގެ އަލީގައި ދިވެހިރާއްޖޭގެ ކުރިމަގު ބިނާކުރުމެވެ.