ENGLISH
08 ސެޕްޓެމްބަރު 2025
ސްޓެލްކޯ ހިންގެވުމަަށް ދެއްވި ފުރުސަތަށް ފަހުމީގެ ޝުކުރު ރައީސަށް
07 ސެޕްޓެމްބަރު 2025
|
ހުސައިން ފަހްމީ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމު ހަވާލުކުރައްވާ އެ ކުންފުނި ހިންގެވުމަށް ދެއްވި ފުރުސަތަށް އެ މަޤާމުން މިއަދު ވަކިކުރެއްވި ހުސައިން ފަހްމީ, ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރު އަދާކުރައްވައިފި އެވެ.
ފަހްމީ ކުރެއްވި ޕޯސްޓެއްގައި ވަަނީ ސްޓެލްކޯގައި 27 އަހަރު ޚިދުމަތް ކުރައްވާފައިވާ ކަން ފާހަގަ ކުރައްވާފަ އެވެ. އަދި ރައީސް މުޢިއްޒުގެ ޒަޢާމަތުގައި އެ ކުންފުނީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގަައި ސްޓެލްކޯ ހިންގެވުމުގެ ފުރުސަަތު ދެއްވިކަން ފާހަގަ ކުރައްވާ އެމަނިކުފާނަށް ޝުކުރު އަދާކުރެއްވި އެވެ.
ފަހްމީ ވިދާޅުވީ ސްޓެލްކޯގެ ކާމިޔާބީ އަކީ އެ ކުންފުނީގެ އިސް ބޭފުޅުންނާއި މުވައްޒިފުން ކަމަށެވެ. އެކަމަށްޓަކައި ހުރިހާ މުވައްޒިފުންނަށް ޝުކުރު އަދާކުރރެއްވި އެވެ. އަދި ވިދާޅުވީ މިދިޔަ މުއްދަތުގައި ކުންފުނީން ހޯދާފައިވާ ހުރިހާ ކާމިޔާބީއަކަށް ފަޚުރުވެރިވާ ކަމަށެވެ. އެދިވަޑައިގަތީ ސްޓެލްކޯއަށް ކުރިއެރުމާއި ކާމިޔާބީ އަށެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވަކިކުރައްވާ، އެ މަގާމަށް މިފްކޯގެ ކުރީގެ ސީއީއޯ ހުސައިން ޝަމާހް ރަޝީދު އައްޔަނުކުރައްވާފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ އިޢުލާނު ކުރައްވާފަ އެވެ.
ސްޓެލްކޯގެ ވެރިއަކަށް ފަހްމީ ހަމަޖެއްސެވީ ނޮވެންބަރު 28, 2023 ގަ އެވެ. އޭރު އޭނާ ހުންނެވީ ކުންފުނީގެ ޖެނެރަލް މެނޭޖަރުގެ މަގާމުގަ އެވެ.
ޓްރޭނިންގ އޮފްސަރެއްގެ ގޮތުގައި ފަހުމީ ސްޓެލްކޯއާއި ގުޅިވަޑައިގެންނެވީ 1998 ވަނައަހަރުއެވެ. އޭގެ ފަހުން ސްޓެލްކޯގެ އެސިސްޓެންޓް ޑިރެކްޓަރ ކަމާއި ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަގާމު ފުރުއްވާފައިވެ އެވެ.