ENGLISH

08 ސެޕްޓެމްބަރު 2025

Advertisement

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސައިންލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލް ކޯހެއް ފަށަނީ

07 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ރާއްޖޭގެ ޤައުމީ ޔުނިވާސިޓީ

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިޝާރާތް ބަސް (ސައިން ލޭންގުއޭޖް)ގެ ސެޓްފިކެޓް ލެވެލްގެ ކޯހެއް ފަށަން ތައްޔާރު ވެއްޖެ އެވެ.

މިއީ އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިސްނެގުމުގެ މަތިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއެކު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެ ޔުނިވާސިޓީއިން ފަށާ ކޯހެކެވެ. 

އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމައުގެ އެހެން މީހުންނެކޭވެސް އެއްގޮތަށް ކަންކަމުގައި ޝާމިލުވެ އުޅޭ، އަދި ޚިދުމަތް ހޯދުމުގައި ވެސް އެ ފަރާތްތަކަށް ފަސޭހަކަން ލިބިފައިވާ ބައެއްކަން ކަށަވަރުކުރުމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ބައެވެ. 

އެމަނިކުފާނުގެ އެ ތަސައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުއާމަލާތުކުރުމަށް ބޭނުންކުރާ ސައިން ލޭންގުއޭޖް ވީހާވެސް ގިނަ ބަޔަކަށް ދަސްކޮށްދިނުމާއި، ސައިން ލޭންގުއޭޖުން މުއާމަލާތުކުރުމަކީ އަހުލުވެރި ކަމަކަށް ހެދުމުގެ އަމާޒުގައި މިނިސްޓްރީއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

އެގޮތުން އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މުއާމަލާތުކުރުމަށާއި، އެހެން ފަރުދުންނެކޭވެސް އެއްގޮތަށް ސަރުކާރުގެ އިދާރާތަކުން ޚިދުމަތް ހޯދުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީއިން ވަނީ އޮންލައިން ސައިން ލޭންގުއޭޖް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމުގައި ސަރުކާރުގެ އެކި މިނިސްޓްރީތަކުންނާއި، މުއައްސަސާތަކާއި ކުންފުނިތައް ހިމެނޭހެން 130 އަށް ވުރެ ގިނަ ފަރާތްތައް ބައިވެރިވެ ކޯސް ފުރިހަމަކޮށްފައި ވެއެވެ. 

މިހާރު އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގެންދަނީ އޮންލައިން ސައިން ލޭންގުއޭޖް އެޑްވާންސް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ ތައްޔާރީތައް ވަމުންނެވެ. 

އެއާއެކު ފުރަތަމަ ފަހަރަށް ސެޓްފިކެޓް ލެވެލްގެ ސައިންލޭންގުއޭޖް ކޯހެއް ޤައުމީ ޔުނިވާސިޓީގައި ކިޔަވައިދިނުމަށް ނިންމައި އެ ފުރުސަތު ހުޅުވާލުން ވެގެން ދިޔައީ، މިނިސްޓްރީއިން ސައިން ލޭންގުއޭޖަށް އާންމުން އަހުލުވެރިކުރުމަށް ކުރަމުންދާ މަސައްކަތަކަށް އިތުރުވި ބޮޅަކަށެވެ. 

އެގޮތުން ސައިން ލޭންގުއޭޖް ސެޓްފިކެޓް ލެވެލް 3 ގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ޤައުމީ ޔުނިވާސިޓީން ވަނީ ހުޅުވާލާފައެވެ. 6 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ޖީސީއޯލެވެލް ހަދާފައިވާ އަދި ސެޓްފިކެޓް ލެވެލް 2 ފުރިހަމަކޮށްފައިވާ ކޮންމެ ފަރާތަކަށް ވެސް ކުރިމަތިލެވޭނެ އެވެ. 

ސައިން ލޭންގުއޭޖް ކޯސް ފުރިހަމަކޮށް، ގިނަ ބަޔަކު ސައިން ލޭންގުއޭޖަށް އަހުލުވެރިވަމުން އަންނަކަމުގައި ވާނަމަ، ސައިން ލޭންގުއޭޖަކީ ހަމައެކަނި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެ ފަރާތްތަކުގެ އާއިލާ މެމްބަރުން ބޭނުންކުރާ އެއްޗަކަށް ވެފައި އޮތުން ނިމުމަކަށް އައިސް، މުޖުތަމައުގެ އެހެން މީހުންނެކޭ ވެސް އެއްގޮތަށް އަޑުއުވިއުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުއާމަލާތުކުރުމުގަޔާއި، ވަޒީފާގެ މާހައުލުގައި ހަރަކާތްތެރިވެ އުޅުމާއި، ޚިދުމަތްތައް ހޯދުމުގައި އަދި މުޖުތަމައުގެ ކަންކަމުގައި ބައިވެރިވެ އުޅުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ އެވެ. ހަމައެއާއެކު، އެއްވެސް ފަރުދަކު ބާކީނުވެ އެންމެން ޝާމިލުވާ، އެންމެންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބިގެންދާ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ވެސް މިފަދަ ކަންކަމުން ވަރަށް ބޮޑަށް ބާރުލިބިގެންދާނެ އެވެ. 

ކިޔުންތެރިންގެ ހިޔާލު