ENGLISH
07 ސެޕްޓެމްބަރު 2025
ފުރިހަމަ ހަނދުކޭތައެއް 82 މިނެޓްއިރަށް ފެންނަން ހުންނާނެ
07 ސެޕްޓެމްބަރު 2025
|
ފުރިހަމަ ހަނދުކޭތައެއް 82 މިނެޓްއިރަށް ފެންނަން ހުންނާނެ
މިރޭ ދަންވަރު ހިފާ ފުރިހަމަ ހަނދު ކޭތަ ދުނިޔޭގެ އާބާދީގެ ވަރަށް ބޮޑު ބަޔަކަށް ފެންނާނެ ކަމަށް ފަލަކީ ޢިލްމުވެރީން ލަފާކޮށްފި އެވެ.
މިރޭ ފުރިހަމަ ހަނދުކޭތައެއް ހިފާނެ އެވެ. ހަނދުކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑީން މިރޭ 8:28 ގަ އެވެ. ނަމަވެސް ލޮލަށް ފެންނަން ފަށާނީ 9:30 ގެ ފަހުން ކަަމަށް ލަފާކޮށްފައިވެ އެވެ.
ފުރިހަމަ ކޭތައެއްގެ ގޮތުގައި ފެންނާން ފަށާނީ ރާއްޖެގަޑީން މިރޭ 10:30 އިން ފެށިގެން 11:52 އާ ހަމައަށެވެ. އަދި ކޭތަ ވީއްލާ އެއްކޮށް ނިމޭނީ ދަންވަރު 01:55 ގައި ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ފަލަކީ ޢިލްމަށް ވަރަށް ބޮޑަށް ލޯބިކުރައްވާ އަދި އެ ޢިލްމާއި ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ދިވެހީންނަށް ހިއްސާ ކުރައްވާ އެއް ބޭފުޅަކީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމެވެ. އެމަނިކުފާާނު ވަނީ މިރޭ ހިފާ ހަނދުކޭތައާ ގުޅޭގޮތުން ފަލަކީ ޢިލްމުވެރީން ފާހަގަ ކުރައްވާ މުހިންމު ބައެއްކަން ހިއްސާ ކުރައްވާފަ އެވެ.
ރައީސް މައުމޫން ވިދާޅުވި ގޮތުގައި މިރޭ ދަންވަރު ހިފާ ފުރިހަމަ ހަނދު ކޭތަ ދުނިޔޭގެ އާބާދީގެ ވަރަށް ބޮޑު ބަޔަކަށް ފެންނާނެ ކަމަށް ޢިލްމުވެރީން ލަފާ ކުރައްވަ އެވެ. އަދި ރާއްޖޭ ގަޑިން މިރޭ 11:30 އިންފެށިގެން 82 މިނެޓުއިރު ފުރިހަމަ ކޭތައެއްގެ ގޮތުގައި ފެންނަން ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ.
މިއަދަކީ ރާއްޖެއަށް މޫސުން ރަނގަޅު ދުވަހެކެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނި ގޮތުގައި މިރޭ ޢާންމު ގޮތެއްގައި އުޑުމަތި ސާފުވާނެ އެވެ. އެހެން ކަމުން ރާއްޖެއަށް ސާފުކޮށް ފުރިހަމަ ހަނދުކޭތައެއް ފެންނާނެ އެވެ.