ENGLISH
16 ސެޕްޓެމްބަރު 2025
ތިނަދޫގައި އިމާރާތްކުރާ 200 ރޯހައުސްއަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
07 ސެޕްޓެމްބަރު 2025
|
ގދ. ތިނަދޫގައި އިމާރާތްކުރާ 200 ރޯހައުސްއަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް ހައުސިން މިނިސްޓްރީން ހުޅުވާލައިފިއެވެ.
ގެދޮރުވެރިކަމާބެހޭ ވުޒާރާއިން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ތިނަދޫގައި ތަރައްޤީކޮށްފައިވާ 200 ރޯހައުސްތަކަށް އެދުމުގެ ފުރުޞަތު މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މި ރޯހައުސްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ގެދޮރުވެރިކަމާބެހޭ ވުޒާރާގެ ހިޔާވެހި ޕޯޓަލް (hiyaavehi.housing.gov.mv) މެދުވެރިކޮށެވެ.
އެ ވުޒާރާއިން ވަނީ ތިނަދޫގައި ތަރައްޤީކޮށްފައިވާ ރޯހައުސްތައް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުޞޫލު އާންމުކޮށްފައެވެ.
އެ އުޞޫލުގައިވާ ގޮތުން، މި ރޯހައުސްތަކަށް ކުރިމަތިލެވޭނީ، ދިވެއްސަކަށް ވުމާއެކު އުމުރުން 18 އަހަރުވެފައިވާ ތިނަދޫގެ ރަށްވެއްސެއް ނުވަތަ ތިނަދޫއަށް ހިޖުރަކޮށް އެރަށުގައި މެދުނުކެނޑި ދިރިއުޅޭތާ 10 އަހަރުވެފައިވާ މީހުންނަށެވެ.
މީގެއިތުރުން، ރޯހައުސްއަށް އެދޭ ފަރާތަކީ އެއްމެދު އިމާރާތަކުން 600 އަކަފޫޓުގެ ނުވަތަ އެއަށްވުރެ ބޮޑު ތަނެއް ގަނެފައިވާ ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ. އަދި އެހެން ރަށަކުން ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ފްލެޓް ނުވަތަ ހައުސިންގ ޔުނިޓް ލިބިފައިވާ ފަރާތަކަށްވެސް ވެގެން ނުވާނެއެވެ.
ހަމައެއާއެކު، މި އުޞޫލުގެ ދަށުން ޕޮއިންޓު ދިނުމުގެ މިންގަނޑު ތަރުތީބު ކުރުމުގައި ޢާއިލާގެ ކުޑަބޮޑު މިނަށާއި ދިރިއުޅުމުގެ ޙާލަތަށް ބެލުމާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތް ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތް ނުވަތަ އިޖުތިމާޢީ ރައްކާތެރިކަން ބޭނުންވާ ފަރާތް ނުވަތަ ޝަރުޢީގޮތުން ނުވަތަ ޤާނޫނީގޮތުން ޙަވާލުކޮށްގެން ބަލަހައްޓަމުން އަންނަ ފަރާތް ނުވަތަ މައިންބަފައިން ބަލަހައްޓަމުން އަންނަ ފަރާތްތަކަށް އިސްކަން ދޭނެއެވެ.
ތިނަދޫގައި ޢިމާރާތް ކޮށްފައިވާ މި ރޯހައުސްތަކަށް އެދި ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓު ދިނުމުގައި ބަލަންޖެހޭ މިންގަނޑުތައް ބަލައި، ރޯހައުސްއަށް އެދި ހުށަހަޅާ ހުށަހެޅުންތައް އިވެލުއޭޓްކުރާނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނުވަތަ އެ ވުޒާރާއިން ކަނޑައަޅާ އިދާރާއަކުން ނުވަތަ ކޮމިޓީއަކުންނެވެ. މިއީ ތިން ކޮޓަރީގެ ރޯހައުސްތަކެކެވެ.