ENGLISH

07 ސެޕްޓެމްބަރު 2025

Advertisement

ޤައުމުގެ އުފެއްދުންތެރިކަމާއި ކުރިއެރުން ބޮޑަށް ގުޅިފައިވަނީ ރައްޔިތުންގެ ޞިއްޙަތާ: ވަޒީރު ނާޒިމް

07 ސެޕްޓެމްބަރު 2025

|

ޢަލީ ޝަހީމް

ކޮމިއުނިޓީ މެޑިކަލް ކޭމްޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު ނާޒިމް ވާހަކަދައްކަވަނީ. ފޮޓޯ: ޞިއްޙަތާ ބެހޭ ވުޒާރާ

ޤައުމުގެ އުފެއްދުންތެރިކަމާއި ޤައުމުގެ ކުރިއެރުން ބޮޑަށް ގުޅިލާމެހިފައިވަނީ އެޤައުމެއްގެ ރައްޔިތުންގެ ފުރިހަމަ ޞިއްޙަތާ ކަމަށް، ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ވަޒީރު މިފަދައިން ވިދާޅުވީ ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްއިން އިންތިޒާމުކޮށްގެން ބޭއްވި މެޑިކަލް ކޭމްޕް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. 

މެޑިކަލް ކޭމްޕް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބާއްވާފައިވަނީ ސެޕްޓެމްބަރު 6 ވަނަ ދުވަހުގެ ހަވީރު 4 އިން ރޭގަނޑު 10:30 ގެ ނިޔަލަށެވެ. 

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ނާޒިމް ވިދާޅުވީ ޤައުމަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ ދުޅަހެޔޮ އާބާދީއެއް ކަމަށެވެ. އެހެންކަމުން، ޤައުމުގެ އުފެއްދުންތެރިކަމާއި ޤައުމުގެ ކުރިއެރުން ރައްޔިތުންގެ ޞިއްޙަތާ ވަރަށް ބޮޑަށް ގުޅިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. 

"އޭގެ ނަތީޖާއެއްގެ ގޮތުން އުފެއްދުންތެރިކަން އިތުރުވެ، އުފާވެރި އާބާދީއެއް ދިރިއުޅޭ ޤައުމެއްގެ ގޮތުގައި ޤައުމު ވެގެންދިއުމުގެ ސަބަބުން ޤައުމަށް ހިތްހަމަޖެހުން ލިބޭ، ކުރިއެރުން އާދޭ، އެންމެން އުފަލުގަ އުޅޭތަން އަޅުގަނޑުމެންނަށް ފެނޭ. އާއިލާތަކުން ކަންބޮޑުވުމާ ފިކުރުބޮޑުވުން ފިލައިގެންދޭ،" ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވިއެވެ. 

ކޮމިއުނިޓީ މެޑިކަލް ކޭމްޕް ވަޒީރު ނާޒިމް ހުޅުއްވައިދެއްވަނީ. --ފޮޓޯ: ޞިއްޙަތާ ބެހޭ ވުޒާރާ

ވަޒީރު ވިދާޅުވީ، ޞިއްޙީ ކަންކަމަކީ އެއްވެސް އިރެއްގައި ސަރުކާރުން ކުރެވޭ މަސައްކަތަކުން އެންމެ ރަނގަޅު ނަތީޖާ ޙާސިލްކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ. 

"އެއަށްވުރެ ބޮޑަށް ޞިއްޙީ ކަންކަން ފެށޭ ހިސާބަކީ ހެލްތު ފެސިލިޓީސްތައް ކަމުގައި އަޅުގަނޑުމެން ދެކުމަކީ މާޒީވެ ގޮސްފައިވާ ބޯދާ ޚިޔާލެއް. ހެލްތުގެ ކަންކަން، ދުޅަހެޔޮ އާބާދީއެއް ބިނާކުރުމުގެ މަސައްކަތް ފެށޭ ހިސާބަކީ އާއިލާތައް މުުޖުތަމައުތައް، އެކުވެރިން، ރަހުމަތްތެރިން މުޖުތަމައުގައި ޝާމިލްވާ އެންމެންގެ މަސައްކަތް،" ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވީ، ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި، އެފަދަ ފިޔަވަޅުތައް ނާޅައި އާބާދީ ދުޅަހެޔޮ ޞިއްޙަތެއްގައި ނުބޭއްވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. 

ހުޅުމާލެ ކޮމިއުނިޓީ އެލަޔަންސްއިން ކުރިއަށްގެންދިޔަ ކޭމްޕުގައި، އެކި ސްޕެޝަލިޓީގެ ޑޮކްޓަރުންނާ ބައްދަލުކޮށް، ސިއްޙަތާ ގުޅޭ މަޢުލޫމާތު ހޯދައި، ޗެކަޕް ހެދުމުގެ ފުރުސަތު ފަހިކޮށްދީފައިވެއެވެ. 

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިޖްތިމާޢީ ގުޅުން ބަދަހިކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރާ ޖަމިއްޔާގެ މަސައްކަތް ފާހަގަކުރައްވައި، ވަޒީރު ނާޒިމް ވަނީ އެ ޖަމިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި، ކޭމްޕް ބޭއްވުމުގައި އެހީތެރިވެރިން ހުރިހާ ފަރާތްތަކަށް ވަޒީރު ޝުކުރުއަދާކުރެއްވިއެވެ.  

ކިޔުންތެރިންގެ ހިޔާލު