ENGLISH
07 ސެޕްޓެމްބަރު 2025
މީހަކަށް ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުނު ދެމީހަކު ހައްޔަރު ކޮށްފި
07 ސެޕްޓެމްބަރު 2025
|
ފޭރުނު ދެ މީހުން
މީހަކަށް ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުނު ދެމީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައަކީ، ފޭސްބުކް މެސެންޖަރ އިން މީހަކާ ވާހަކަދައްކައި އެ މީހާގެ އޮރިޔާން ވީޑީއޯ ހުރިކަމަށް ބުނެ ބިރުދައްކައިގެން ހުޅުމާލެ ފޭސް 1 އަށް ގެންގޮސް، ވަޅިން ބިރުދައްކައި، އެ މީހާގެ އެކައުންޓުން ފައިސާ ނަގައި، އޮރިޔާންކޮށް އަދި ވީޑިއޯކޮށް އިތުރު ފައިސާ ހޯދުމަށް ޑިމާންޑުކުރާ ކަމަށް ރިޕޯޓުކޮށްފައިވާ މައްސަލައެކެވެ. މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ތުހުމަތު ހައްޔަރު ކޮށްފައި ވަނީ ހއ. ފިއްލަދޫ / ސީރީންމަންޒިލް، މުޙައްމަދު ޟަމީރު (29އ) އާއި ލ. ގަން / ތުނޑި. އަރާއިރު، ޢަލީ ހައިސަލް (37އ) އެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގަ އެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ގައި އެ މީހުން ދިރިއުޅޭ އެޕާޓްމަންޓަކުން އެ ދެމީހުން ހައްޔަރުކޮށް، އެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު، 3 މޯބައިލްފޯނު، 3 އަތުކުރީގަޑި، 1 ޑްރޯން، 1 ދޮށި، 2 އަވިއައިނު އަދި ރިހި ފަށަކާއި ރިހި އަނގޮޓިއެއް ފެނިފައިވާ ކަމަށެވެ. މި ތަކެއްޗަކީ އެކި މީހުންގެ އަތުން ފޭރިފައިވާ ތަކެތި ކަމަށް ބެލެވެ ކަމަށާ މީގެ އިތުރުން 6 ވަޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ހައިސަލް 4 ދުވަހަށް އަދި މުޙައްމަދު ޟަމީރު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް މީހުންނާ ވާހަކަދައްކައި އޮރިޔާން ވީޑިއޯ ހުރިކަމަށް ބުނެ ބިރުދައްކައިގެން، މުޙައްމަދު ޟަމީރުއާއި، ޢަލީ ހައިސަލް ދިރިއުޅޭ އެޕާޓްމަންޓަށް ގެންގޮސް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، ވީޑިއޯކޮށް އަދި ފައިސާ ހޯދާފައިވާ އިތުރު ދެ މައްސަލަ ވެސް ރިޕޯޓުކޮށްފައިވާ މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެމީހުން، އިތުރު މީހުންނަށް ވެސް ބިރުދައްކައިގެން ފޭރިފައިވާ ކަމަށް ބެލެވޭތީ، އެ މީހުންގެ ފަރާތުން މިފަދަ އެއްވެސް ކަމެއް ދިމާވެފައިވާ އެއްވެސް މީހަކު ވާނަމަ ފުލުހުންނަށް ރިޕޯޓުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.