ENGLISH

07 ސެޕްޓެމްބަރު 2025

Advertisement

އެމްއޭސީއެލްގެ ދަށަށް ބަދަލުކުރި ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ފަށައިފި

07 ސެޕްޓެމްބަރު 2025

|

ޢަލީ ޝަހީމް

ފުވައްމުލަށް އެއާޕޯޓް. ޑޮމެސްޓިކް އެއާޕޯޓުތަކުގެ ޙާލަތު ރަނގަޅު ކުރުމުގެ މަސައްކަތް އެމްއޭސީއެލްއިން ވަނީ ފަށާފައި. ފޮޓޯ: އެއާގޭޓް މޯލްޑިވްސް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށަށް ދާދިފަހުން ބަދަލުކުރި ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ. 

ޑޮމެސްޓިކް އެއާޕޯޓުތައް ހިންގަމުން އައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އާއި އެމްއޭސީއެލް އެއްކޮށްލުމަށް ސަރުކާރުން ނިންމެވި ނިންމެވުމާއެކު އާރުއޭސީއެލް އިން ހިންގަމުން އައި ނުވަ އެއާޕޯޓެއްގެ އޮޕަރޭޝަންއާ އެމްއޭސީއެލްއާ ހަވާލުކުރީ މިދިޔަ މަހުގެ ފަހުކޮޅެވެ. 

އެމްއޭސީއެލްއިން މިއަދު މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ބުނީ، އެމަސައްކަތް ފެށީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އިސްކޮށް ހުންނަވައިގެން ކަމަށެވެ. 

އެންމެ ފުރަތަމަ މަސައްކަތުގެ ގޮތުން ނުވަ ޑޮމެސްޓިކް އެއާޕޯޓަށް ކުންފުނީގެ އެކްސްކޯގެ ބޭފުޅުންނާއި ޓެކްނިކަލް ޓީމުން ޒިޔާރަތްކޮށް، އެއާޕޯޓްތަކުގެ ހާލަތު ބަލައި ދެނެގަނެ، ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ވަނީ ފާހަގަކޮށްފައެވެ. 

އެމްސީއެލްއިން ބުނީ، އެކްސްކޯގެ ބޭފުޅުންނާއި ޓެކްނިކަލް ޓީމުން މިދިޔަ ހަފްތާ ތެރޭގައި ފުވައްމުލައް އެއާޕޯޓަށް ޒިޔާރަތްކޮށް އެތަނުގެ ހާލަތު ބައްލަވައި، އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާ ވެސް ބައްދަލުކޮށްފައިވާކަމަށެވެ. 

އެމްއޭސީއެލްގެ ދަށަށް ބަދަލުކުރި އެއާޕޯޓުތަކުގެ ތެރެއިން ބައެއް އެއާޕޯޓުތައް ހުރީ ވަރަށް ބޮޑަށް ހާލު ދެރަވެފައެވެ. އެގޮތުން ބައެއް އެއާޕޯޓުތަކުގައި އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ މައްސަލަ ބޮޑެވެ. އެ މައްސަލަ ހައްލުކުރުމަށް އެ އެއާޕޯޓުތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް އެމްއޭސީއެލްއިން އަންނަނީ ކުރަމުންނެވެ. 

އެއާޕޯޓުތައް އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމުގެ އިތުރަށް އެތަންތަނުގެ ހުރިހާ މުވައްޒަފުންވެސް އެ ކުންފުނީގެ ދަށަށް ބަދަލުކޮށް، ކުރިން މޯލްޑިވިއަންއިން ހިންގަމުން އައި ޑޮމެސްޓިކް އެއާޕޯޓުތަކުގެ ގްރައުންޑް އޮޕަރޭޝަންތަކާވެސް އެމްއޭސީއެލްއިން ހަވާލުވެފައިވެއެވެ. 

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ބައެއް ކުންފުނިތައް އުވައިލުމާއެކު، އަނެއް ބައި ކުންފުނިތައް އެއްކުރަން ސަރުކާރުން ނިންމާފައިވެއެވެ. ދައުލަތުން ކެޕިޓަލް ދީގެން ހިންގަމުން އަންނަ ގިނަ ކުންފުނިތަކަކީ ގެއްލުމުގައި ހިންގާތާ އަހަރުތަކެއް ވެފައިވާ ކުންފުނިތަކެވެ. 


ކިޔުންތެރިންގެ ހިޔާލު