ENGLISH
18 ސެޕްޓެމްބަރު 2025
އައްޑޫން ކަރަންޓު ކެނޑުނީ ކޭބަލަކަށް ގެއްލުންދޭން އުޅުމުން، އެފަދަ ކަންކަން ނުކުރަން އިލްތިމާސްކުރަން: ފެނަކަ
06 ސެޕްޓެމްބަރު 2025
|
އައްޑޫ ސިޓީ. ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
އައްޑޫ ސިޓީގެ ރަށްތަކުން ރޭ މެންދަމުގެ ވަގުތެއްގައި ކަރަންޓު ކެނޑުނީ މީހަކު ކޭބަލަކަށް ގެއްލުންދޭން އުޅުމުން ކަމަށާއި، އެފަދަ ކަންކަން ނުކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އިލްތިމާސްކޮށްފިއެވެ.
އައްޑޫގެ ރަށްތަކުން ރޭ ކަރަންޓު ކެނޑުނީ މެންދަމު 2:40 ހާއިރުއެވެ. ފެނަކައިން މިއަދު ވަނީ އެކަން ހިނގާދިޔަގޮތް އާއްމު ރައްޔިތުންނަށް ސާފުކޮށްދީފައެވެ.
އެ އިދާރާއިން މިއަދު އާއްމުކުރި ނޫސްބަޔާނުގައި ބުނީ، ކުންފުނީގެ އެލާމް ސިސްޓަމަށް އެވަގުތު ނޮޓިފިކޭޝަން ލިބުމުން ކަރަންޓު ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިކަމަށެވެ. ފެނަކައިގެ މުވައްޒަފުން އެކަމުގެ ސަބަބު ދެނެގަނެ މައްސަލަ ހައްލުކޮށް ފަތިހު 5:55 ގައި މުޅި ސިޓީއަށް އަލުން ކަރަންޓުދިން ކަމަށް ފެނަކައިގެ ބަޔާނުގައި ބުނެފައިވެއެވެ.
ކަރަންޓުގެ ޚިދުމަތް ކެނޑިފައިވަނީ އައްޑޫގެ 41 ނަންބަރު ސަބްސްޓޭޝަންގެ ކޭބަލަކަށް މީހަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ކަރަންޓު ޝޯޓެއް ހިނގައި، ސެންޓްރަލް ޕަވަރ ހައުސް އެއްކޮށް ޑައުންވުމުގެ ސަބަބުންނެވެ.
"މިފަދަ އަމަލުތަކަކީ، ކުންފުނީގެ މުދަލަށް ގެއްލުން ލިބުމާއި، އާއްމު ރައްޔިތުންނަށް ތަކުލީފު ލިބުމުގެ އިތުރުން، އެފަދަ ޢަމަލެއް ކުރާ ފަރާތްތަކަށާއި ނުވަތަ ޢަމަލުގައި ބައިވެރިނުވާ ފަރާތްތަކުގެ ހަށިގަނޑަށާއި ފުރާނަޔަށް ނުރައްކާވެދާނެފަދަ ކަންކަން ކަމަށްވުމުން، މިފަދަ ޢަމަލުތައް ނުކުރުމަށް މިކުންފުނިން އިލްތިމާސްކުރަން" - ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
އައްޑޫ ސިޓީގައި ދެމުންގެންދާ ކަރަންޓުގެ ޚިދުމަތަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދާނެކަމުގެ ޔަގީންކަން ފެނަކައިން ވަނީ ދީފައެވެ.