ENGLISH
18 ސެޕްޓެމްބަރު 2025
އަތޮޅުތެރޭގެ ސިއްހީ ޚިދުމަތް ރަނގަޅުކުރުމުގެ މަސައްކަތް: އެމްސީޖީއެޗްގެ މަލްޓި ސްޕެޝަލިޓީ ސަރޖިކަލް ކޭމްޕް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި
06 ސެޕްޓެމްބަރު 2025
|
މަލްޓި ސްޕެޝަލިޓީ ސަރޖިކަލް ކޭމްޕް، ރ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފެށުން
ރާއްޖޭގެ އަތޮޅުތަކުން ދޭ ސިއްހީ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގެ މަލްޓި ސްޕެޝަލިޓީ ސަރޖިކަލް ކޭމްޕް، ރ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަށައިފިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ޕްރޮގްރާމަކީ ރާއްޖޭގެ އަތޮޅުތަކުގައި ދެމުންދާ ސިއްހީ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ހެލްތު މިނިސްޓްރީއާއި، ރީޖަނަލް ހޮސްޕިޓަލްތަކާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މިކަމުގައި އެމްސީޖީއެޗް ގެ ދައުރު އިތުރަށް ފުޅާކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްދިނުމަކީ އެމްސީޖީއެޗް ގެ މުހިއްމު އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރައްޒާގު ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން އެކި ސްޕެޝަލިޓީތަކުން ޑޮކްޓަރަށް ދެއްކުމާއި، ސަރޖިކަލް އޮޕަރޭޝަންތައް ކުރުމާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ތަމްރީނުކުރުމުގެ އިތުރުން ހޮސްޕިޓަލުގެ ކްލިނިކަލް އަދި ފަންކްޝަނަލް ކެޕޭސިޓީ އެސެސްކުރުން ހިމެނޭ ކަމަށެވެ.
މި ސަރުކާރުން ވެރިކަމަށް އައި އިރު ރާއްޖޭގެ ސިއްހީ ހާލަތު އޮތީ ވަރަށް ބޮޑަށް އަޅާނުލެވިފައި ކަމަށް ރައީސުލްޖުމްހޫރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާއިރު އެމަނިކުފާނު ވިދާޅުވީ ސިއްހީ ދާއިރާއަކީ މި ސަރުކާރުން ވަރަށް ބޮޑު އަހައްމިޔަތުކަމެއް ދޭ ދާއިރާއެއް ކަމަށެވެ. އަދި ސިއްހީ ދާއިރާ ކުރިއަރުވަން މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ އިންފްރާސްޓްރަކްޗާ، އިމާރާތްތައް ކުރުން އަދި ވަސީލަތްތަކުގެ ގޮތުންވެސް މި ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކުރަންޖެހުނު ކަމަށެވެ. މީގެއިތުރުން އިންސާނީ ވަސީލަތްތައް ވެސް ބޮޑުތަނުން ތަރައްޤީ ކުރަން ޖެހިފައި ހުރި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މުޅި ސިއްހީ ނިޒާމު ވެސް ވަރަށް ހާލުގައި އޮތުމުން މުޅި ދާއިރާ ވެސް ތަރައްގީ ކުރަންޖެހޭ ކަމަށެވެ. އެހެންކަމުން މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މި ނިޒާމު ރަނގަޅުކުރުމަށް ކަމަށް ފާހަގަކުރެއްވިއެވެ.