ENGLISH
18 ސެޕްޓެމްބަރު 2025
ހުރިހާ އެއާޕޯޓުތަކެއް އެމްއޭސީއެލްގެ ދަށަށް ގެންދިއުމަކީ ރަނގަޅު ނިންމުމެއް: ފިރާގް
06 ސެޕްޓެމްބަރު 2025
|
މުހައްމަދު ފިރާގު - ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ރާއްޖޭގެ ހުރިހާ އެއާޕޯޓުތަކެއް އެމްއޭސީއެލްގެ ދަށަށް ގެންނަން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފިރާގު ވިދާޅުވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އާރުއޭސީއެލްގެ ދަށުގައި ހުރި ހުރިހާ އެއާޕޯޓްތަކެއް އެމްއޭސީއެލްއަށް ގެނައުމަކީ ސަރަހައްދީ އެއާޕޯޓްތައް ތަރައްގީ ކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާ ކަމެއް ކަމަށެވެ.
އެއީ ސަރުކާރުން އެޅި ރަނގަޅު ފިޔަވަޅެއްކަން ފާހަގަކުރައްވާ ފިރާގު ވިދާޅުވީ އެމްއޭސީއެލްގައި މިހާރުވެސް ކަރަންޓް ޖަނަރޭޓަރުން ފެށިގެން ބަސްތަކާއި ގިނަ ވަސީލަތްތަކެއް ހުރުމާއެކު އޭގެ ބޭނުންވެސް ފައިދާހުރި ގޮތެއްގައި ކުރެވިދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ހާއްސަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލާއެކު މި ވަސީލަތްތައް ހަރުދަނާ ކަމާއެކު އެހެން އެއާޕޯޓުތަކަށް ބޭނުން ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ދަށުން ހިންގަމުން އައި ހުރިހާ ސަރަހައްދީ އެއާޕޯޓުތަކެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ދަށަށް ވަނީ ބަދަލު ކޮށްފައެވެ.
މީގެ ދެ ހަފުތާއެއްހައި ދުވަސް ކުރިން އެމްއޭސީއެލްގެ ދަށަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން ހިންގަމުން އައި ނުވަ އެއާޕޯޓެއް ހިންގުމުގެ ހުރިހާ ކަމެއް ބަދަލުކޮށްފައިވާކަން އެ ކުންފުނިން ޔަގީންކޮށްދީފައިވެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އިއުލާނުކުރައްވާފައިވާ ސިޔާސަތުގެ ދަށުން އަޅާ ފިޔަވަޅެކެވެ.
އެމްއޭސީއެލްގެ ދަށަށް ރީޖަނަލް އެއާޕޯޓްްސްގެ ދަށުން ހިންގަމުން އައި ހުރިހާ އެއާޕޯޓެއް ބަދަލުކުރި ނަމަަވެސް ރީޖަނަލް އެއާޕޯޓްސް ކުންފުނި އުވައިލުމުގެ މަސައްކަތް އަދި އެކީ ނިންމައިނުލެވެއެވެ.
އެމްއޭސީއެލްގެ ދަށަށް ބަދަލުކުރި އެއާޕޯޓުތަކުގެ ތެރެއިން ބައެއް އެއާޕޯޓުތައް ހުރީ ވަރަށް ބޮޑަށް ހާލު ދެރަވެފައެވެ. އެގޮތުން ބައެއް އެއާޕޯޓުތަކުގައި އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ މައްސަލަ ބޮޑެވެ. އެ މައްސަލަ ހައްލުކުރުމަށް އެ އެއާޕޯޓުތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް އެމްއޭސީއެލްއިން އަންނަނީ ކުރަމުންނެވެ.
އެއާޕޯޓުތައް އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމުގެ އިތުރަށް އެތަންތަނުގެ ހުރިހާ މުވައްޒަފުންވެސް އެ ކުންފުނީގެ ދަށަށް ބަދަލުކޮށް، ކުރިން މޯލްޑިވިއަންއިން ހިންގަމުން އައި ޑޮމެސްޓިކް އެއާޕޯޓުތަކުގެ ގްރައުންޑް އޮޕަރޭޝަންތަކާވެސް އެމްއޭސީއެލްއިން ހަވާލުވެފައިވެއެވެ.
ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ބައެއް ކުންފުނިތައް އުވައިލުމާއެކު، އަނެއް ބައި ކުންފުނިތައް އެއްކުރަން ސަރުކާރުން ނިންމާފައިވެއެވެ. ދައުލަތުން ކެޕިޓަލް ދީގެން ހިންގަމުން އަންނަ ގިނަ ކުންފުނިތަކަކީ ގެއްލުމުގައި ހިންގާތާ އަހަރުތަކެއް ވެފައިވާ ކުންފުނިތަކެވެ.