ENGLISH

04 ނޮވެމްބަރު 2025

Advertisement

އަޙްމަދިއްޔާ ސްކޫލުން ވަނީ މާނަފުން ތާރީޚަކާއި ފަޚްރުވެރި ކާމިޔާބީތަކެއް ހޯދާފަ: ރައީސްގެ އަނބިކަނބަލުން

06 ސެޕްޓެމްބަރު 2025

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

އަޙްމަދިއްޔާ ސްކޫލަކީ މާނަފުން ތާރީޚަކާއި ފަޚްރުވެރި އެތައް ކާމިޔާބީތަކެއް ހޯދާފައިވާ، އަދި ޒިންމާދާރު އެތައް ދަރީންނެއް ބިނާކޮށްފައިވާ ސްކޫލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޘާނަވީ ދަރިވަރުންގެ އަހަރީ އިނާމު ދިނުމަށް މިއަދު ހެނދުނު ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެކަމަނާގެ ވާހަކަފުޅުގައި ވަނީ، ސްކޫލު އުފެދިގެން މިއަދާ ހަމައަށް ދެމިއޮތުމުގައި ޖަމާޢަތުގެ ގުޅުމާއި، ބެލެނިވެރިންގެ އެއްބައިވަންތަކަމާއި، އެކަކުއަނެކަކަށް އޮތް ހެޔޮއެދުމުގެ ރޫޙުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އެކަމަނާގެ ތަޢުލީމީ ހަޔާތްޕުޅުގައިވެސް އަޙްމަދިއްޔާގެ ޢިލްމީ ހިޔާވަހިކަން ލިބިވަޑައިގެންފައިވާތީ އެކަން ފާހަގަކުރައްވައި، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގެ ފުރުޞަތު ދެއްވީތީ ސްކޫލުގެ ޕްރިންސިޕަލާއި ހުރިހާ މަސްއޫލުވެރިންނަށް އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ، ދިވެހި ތަޢުލީމީ ދާއިރާގައި ވަޅުލެވުނު ކުޑަ އޮށަކުން ހެދިބޮޑުވެ، ޤައުމަށް ޢިލްމީ ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ ސްކޫލެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ތަޢުލީމް ހާސިލުކުރުމަށް ލިބިފައިވާ ނަސީބަކީ ބޮޑު ނިޢުމަތެއްކަން ފާހަގަކުރައްވައި، އެކަމަނާ ވަނީ އެކަމުގައި ބޮޑު ޒިންމާއެއްވެސް އޮންނަކަން ދަރިވަރުންނަށް ހަނދާންކޮށްދެއްވާފައެވެ.

އުނގެނުމުގެ ދަތުރަކީ ނިމޭނެ ދަތުރެއް ނޫންކަމަށާއި، ދުރަށް ދިޔަވަރަކަށް އެ ދަތުރުގެ ނިމުމެއް ނެތްކަން ފެންނާނެކަން ފާހަގަކުރައްވައި އެކަމަށްޓަކައި ދަރިވަރުން ވިސްނަންޖެހޭ ބައެއް ކަންކަން އެކަމަނާގެ ވާހަކަފުޅުގައި ހަނދާންކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އަޙްމަދިއްޔާ އިންޓަނޭޝަން ސްކޫލުގެ އެއްވަނަ ދަރިވަރަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

ދިވެހި ޤައުމަށް ފާރަވެރިވެ، އަޚްލާޤް ރަނގަޅު، މަސައްކަތްތެރި، ހީވާގި، އަދި ދުނިޔެއަށް ލޯ ހުޅުވިފައިވާ މުސްލިމް ދިވެއްސަކަށް ވުމަށް އެކަމަނާ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. ދިރިއުޅުމުގައި ޤަދަރާއި ޢިއްޒަތްލިބި، މަތިވެރި އަޚްލާޤާއި ހެޔޮވިސްނުންތެރިކަމާއިއެކު ލިބިފައިވާ ޢިލްމު ވެގެންދާނީ އިންސާނިއްޔަތަށް އޮތް ހިޔާވައްސަކަށްކަން އެކަމަނާ ވަނީ ދަރިވަރުންނަށް ހަނދާންކޮށްދެއްވާފައެވެ. 

އެކަމަނާގެ ވާހަކަފުޅުގައި މުސްލިމު ދިވެއްސެއްގެ ގޮތުގައި ދަރިވަރުން ބިނާކުރެވޭކަން ކަށަވަރުކުރެއްވުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. އެކަން ކަށަވަރުކުރެވޭނީ ގޭތެރެއިން ފެންނަ ނަމޫނާތަކާއި، އަމަލުކުރެވެމުންދާ ހެޔޮލަފާ، ރީތި، ގޮތްތަކުން ކަމަށްވާތީ، ގޭތެރެއިންނާއި ވެށީގެ ތެރެއިންވެސް އެކަން ކަށަވަރުކޮށްދެއްވުމަށް އެކަމަނާ ބެލެނިވެރިންނާއި މުދައްރިސުންގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.

އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ''ބްރިލިއަންސް ޓީޗަރ'' އަދި ''ބެސްޓް އޯވަރޯލް ޓީޗަރ'' އިނާމު ލިބިވަޑައިގެންނެވި ޓީޗަރުންނަށް އިނާމު ޙަވާލުކޮށްދެއްވާފައެވެ.

ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ އެއްވަނައަށް ހޮވުނު ދަރިވަރާއި، ޘާނަވީ ތަޢުލީމު ނިންމާއިމްތިޙާނުތަކުން މުޅި ދުނިޔެއިން އެކިވަނަ ހޯދި ތިން ދަރިވަރުންނާއި ''ބެސްޓް އޯލްރައުންޑް'' ޙާސިލްކުރި ތިން ދަރިވަރުންނަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިނާމު ޙަވާލުކޮށްދެއްވިއެވެ. 

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޘާނަވީ ދަރިވަރުންގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ އެ ސްކޫލްގެ ހަނދާނީ ގެލެރީ ބައްލަވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު