ENGLISH

04 ނޮވެމްބަރު 2025

Advertisement

ރައީސް ގެންދަވަަނީ ކައުންސިލުތަކުގެ ހުށަހެޅުންތަކަށް އަމަލީ ސިފަ ގެންނަވަމުން: އާދަމް ޝަރީފު

06 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

މިނިސްޓަރު އާދަމް ޝަރީފު، ފޮޓޯ: ރައީސް އޮފީސް

ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކައުންސިލުތަކުން ހުށަހަޅާ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަމަލީ ސިފަ ގެނެސްދެއްވައި، އެކަންކަން ހަގީގަތަކަށް ހައްދަވައިދެއްވަމުންދާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. 

ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނު ގެންދަވަނީ ރަށްރަށަށް ދަތުރުކުރައްވައި ކައުންސިލުތަކާ ބައްދަލުކުރައްވައި، ކައުންސިލުތަކަށް ކުރިމަތިވާ ދަތިތަކާއި އުދަގޫތައް އޮޅުންފިލުއްވައި، އެކަންކަން ހައްލުކުރުމަށް ސަރުކާރަށް އެޅޭނެ ފިޔަވަޅުތައް ބައްލަވައި އެކަންކަން ތަންފީޒުކޮށްދެއްވަމުންނެވެ. 

އެގޮތުން ރޭ އެމަނިކުފާނު އިއުލާނުކުރެއްވި އެއް ފިޔަވަަޅަކީ ކައުންސިލުތަކަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން ކައުންސިލުތަކަށް ދައުލަތުން ދޭ ގްރާންޓު ދިނުމުގައި ބަލާ މިންގަނޑު ބަދަލުކޮށް، ރަށްރަށުގެ ބޮޑުމިނަށް ރިއާޔަތްކޮށްގެން ކައުންސިލަށް ދޭ ފައިސާ ކަނޑައެޅުމަށް ނިންމުމެވެ. 

އެކަން އިއުލާނުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 79 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ޢާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯރމިއުލާ ގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދު ކަމަށެވެ. ނަމަވެސް، އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދު ނޫންކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

އެހެން ކަމުން، ބްލޮކް ގްރާންޓުގެ ފިސްކަލް ފޯރމިއުލާ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުން، އެ ކައުންސިލްތަކަށް ގެއްލުން ވާތީ ފިސްކަލް ފޯރމިއުލާ މުރާޖާކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރަށް ރައީސްވަނީ ޑަބްލިއުޑީސީގެ ބަޖެޓު 5 އިންސައްތައިން 10 އިންސައްތައަށް އިތުރުކުރެއްވުމާއެކު، ޑަބްލިއުޑީސީގެ މެންބަރުންނަށް ދޭ ރަމަޟާން މަހުގެ އިނާޔަތް އެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލުގެ ބަޖެޓުން ދޭ ގޮތަށް ބަދަލުކުރެއްވުމަށްވެސް ނިންމަވާފައެވެ. 

ރައީސްގެ ނިންމެވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފު ވިދާޅުވީ ރަށުގެ ބޮޑުމިނަށް ބަލއިގެން ކައުންސިލުތަކުގެ ގްރާންޓު ކަނޑައަޅާ ގޮތަށް ނިންމުމަކީ ރައީސް މުއިއްޒު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ކައުންސިލުތަކުން އެމަނިކުފާނަށް ހުށަހަޅާ ކަންކަމަށް އަމަލީ ސިފަ ގެންނަވާ ކަމުގެ ހެއްކެއް ކަމުގައެވެ. 

އިތުރަށް ވަޒީރު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާވެ، ކައުންސިލުތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތައް އިތުރުކުރެވޭނީ މާލީ ގޮތުން ކައުންސިލުތައް ބާރުވެރިވެ، ދެމެހެއްޓެނެވި ގޮތެއްގައި ކައުންސިލުތަކަށް ލިބޭ އާމްދަނީ އިތުރުކުރެވޭނެ ވިސްނުންތަކެއް އުފަންކުރެވިގެން ކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ އެ ރައްޔިތުންނަށް ހިދުމަތް ދޭނެ ބާރާއި ހަކަތަ ހުރި ކައުންސިލުތަކެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. 

ލާމަރުކަޒީ ނިޒާމުގެ ދަށުން ރަށްރަށުގެ މުނިސިޕަލް ހިދުމަތްތައް ދެނީ ކައުންސިލުންނެވެ. ބްލޮކް ގްރާންޓު ދިނުމުގައި އެންމެ ބޮޑަށް ބަލަނީ އާބާދީއަށް ކަމުގައިވާއިރު، އާބާދީ ކުޑަ ބިން ބޮޑެތި ރަށްރަށުގައި ރަށު ތެރެ ބަލަހައްޓައި މުނިސިޕަލް ހިދުމަތް ދިނުމަށް ކުރަންޖެހޭ ހޭދަ ބޮޑެވެ. އެހެންކަމުން މި އައު ސިޔާސަތާއެކު މިފަދަ ރަށްރަށުގެ މުނިސިޕަލް ހިދުމަތް ދިނުމަށް ކައުންސިލުތަކަށް ފަސޭހަވާނެއެވެ. 

އޭގެ އިތުރަށް ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރަށްރަށުގެ އިހުތިސާސުގައި ފަޅުރަށްތައް ހިމަނައިދީ އިގުތިސާދީ މަސައްކަތްތައް ކައުންސިލުތަކަށް ކުރެވޭނެ ޖާގަ ތަނަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު