ENGLISH

04 ނޮވެމްބަރު 2025

Advertisement

އެމްޓީސީސީ މެދުވެރިކޮށް ހަތް އަތޮޅަކަށް ހައިވަކަރު ގަސް ފޮނުވަނީ

06 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

އަތޮޅު ތެރެއަށް ފޮނުވާ ހައިވަކަރު ގަސް އެމްޓީސީސީއާ ހަވާލުކުރުން

ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ތަބީއީ މާހައުލާއި ދިރުންތައް ރައްކާތެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްްނެންގެވުމަށް ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގެ ދަށުން ރާއްޖޭގެ ހަތް އަތޮޅަކަށް ހައިވަކަރު ގަސް ފޮނުވުމުގެ މަސައްކތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދަން ފަށާފައިވާކަމަށް އެންވަޔަަރަމެންޓް މިނިސްޓްރީން ބުނެފިއެވެ. 

އެ މިނިސްޓްރީން ބުނި ގޮތުގައި އެމްޓީސީސީއާ ހަވާލުކޮށްގެން ހައިވަކަރު ގަސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ވ، ފ، ނ، ލ، ތ، ގއ، އަދި ގދ. އަތޮޅުގެ ރަށްރަށަށެވެ. 

ރާއްޖޭގެ ރަށްރަށުގެ ފެހިކަން އިއާދަކުރުމަށް ރައީސް ނިންމެވި ނިންމެވުމުގެ މައްޗަށް ފެށި މި މަޝްރޫއަށް އެހީތެރިވުމަށް އަވައްޓެރި ލަންކާއިންވަނީ ގިނަ އަދަދެއްގެ ހައިވަކަރު ގަސް ސަރުކާރަށް ހަދިޔާކޮށްފައެވެ. ސަރުކާރުން އަންނަަނީ މި ހައިވަކަރު ގަސްތައް މީހުން ދިރިއުޅޭ ރަށްތަކާއި، ރިސޯޓުތަކަށާއި އެއާޕޯޓު ހުންނަ ސަރަހައްދުތަކަށް ފޯރުކޮށްދީ، ހައިވަކަރު ގަހަކީ ރާއްޖޭގެ ރަށްރަށުގެ މަލަމަތީގެ ބިންފާހަގައެއް ގޮތުގައި ހެދުމަށް މަސައްކަތް ކުރަމުންނެވެ. 

ފަސް މިލިއަން ގަސް ޕްރޮގުރާމުގެ ތެރެއިން ރަށްރަށުގައި އިންދުމަށް ނިންމާފައިވަނީ އެކި ބާވަތްތަކުގެ ބަގީޗާ ގަސްތަކުގެ އިތުރަށް ރާއްޖޭގެ ރަށްރަށުން ނެތެމުންދާ ގަސްތަކެވެ. ހައިވަކަރު ގަހަކީ ކުރިން ރާއްޖޭގެ ރަށްރަށުގައި ގިނަ އަދަދަކަށް ފެނުނު ގަސްތަކެއް ނަމަވެސް މިހާރު ވަރަށް މަދުން ނޫނީ ނުފެންނަ ގަހެކެވެ. 

މިހާތަނަށް މި ޕްރޮގުރާމުގެ ދަށުން 650،000 ގަސް އިންދާފައިވެއެވެ. ސަރުކާރުން ހާމަކުރި ގޮތުގައި މި މަޝްރޫއުގެ ދަށުން 6.4 މިލިއަން ގަސް އިންދޭނެ ކަމުގައި ބެލެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު