ENGLISH
25 ނޮވެމްބަރު 2024
ކުޅުންތެރިންނާ އެކު އިތުރު ވަގުތު ބޭނުންވޭ: އަމޯރިމް
25 ނޮވެމްބަރު 2024
|
މެންޗެސްޓާރ ޔުނައިޓެޑްގެ ކޯޗު އަމޯރިމް
އެންމެ މަޤްބޫލު
މެންޗެސްޓާރ ޔުނައިޓެޑުގެ އާ ކޯޗު ރުބެން އަމޯރިމް އެ ޓީމުގެ ކުޅުންތެރިންނާ އެކު އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެފިއެވެ.
އޭނާގެ އިރުޝާދުގެ ދަށުން ސިޓީން ކުޅުނު ފުރަތަމަ މެޗުގައި އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގެ ދެވަނަ މިނެޓުގައި މާކޯސް ރަޝްފޯޑު ވަނީ ޔުނައިޓެޑްއަށް ލީޑު ނަގައިދީފައެވެ. ނަމަވެސް ހާފު ނިމުމުގެ ކުރިން އިޕްސްވިޗް ޓައުންގެ އޮމާރީ ހަޗިންސަން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.
އަމޯރިމް ބުނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ކުޅުމުގެ ވައްޓަފާޅިއަށް ކުޅުންތެރިން ހޭނުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. އަދި އޭނާގެ ޕްލޭނަށް ކުޅުންތެރިން ފިޓްކުރުމަށް އަދި ވަގުތު ބޭނުންވާނެ ކަމަށެވެ.
އަމޯރިމް ބުނީ ފީފާ ވިންޑޯގެ މެޗުތަކަށް ޤައުމީ ޓީމުގައި ބިޒީކޮށް 10 ދުވަހު އުޅުމަށްފަހު ޔުނައިޓެޑްގެ ކުޅުންތެރިން އެންބުރި ޓީމާ ގުޅުނީ މީގެ ތިން ދުވަސް ކުރިން ކަމަށެވެ. އަދި ޓީމު އެއްކޮށް ހަމަވެގެން ޕްރެކްޓިސް ކުރެވުނީ އެންމެ ދެ ދުވަހުގައި ކަމަށް ވެސް އަމޯރިމް ބުންޏެވެ.
ކޯޗު އަމޯރިމް މެންޗެސްޓާރ ޔުނައިޓެޑްއަށް އިރުޝާދުދެނީ
އަމޯރިމް ކުޅުންތެރިން ލައްވާ ކުޅުނީ 3-4-2-1 ސިސްޓަމަށެވެ. ކޯޗު ބުނީ ގިނަ ދުވަސްތަކަކަށް ފަހު ކުރިން ކުޅެމުން އައި ގޮތް ކުއްލިއަކަށް ބަދަލުކޮށްލާއިރު ކުޅުންތެރިންނަށް އުނދަގޫވާނެ ކަމަށް ޤަބޫލުކުރަން ޖެހޭނެ ކަމަށެވެ.
"މިހާރު އެއްވެސް ކަމަކަށް އުއްމީދު ކުރަން އުނދަގޫ ވާނެ. އަހަރެން ހައިރާނެއް ނުވޭ. އެހެންވެ އަހަރެން ކުޑަކޮށް ހާސްވި. އެއީ މެޗުގައި ވާނެ ގޮތް ނޭނގޭތީ. އަހަންނަށް އެކަން ދެނެގަނެވުނު. ކަންކަން އެހާ ބޮޑަށް ތަފާތު ކުރުމުން ކުޅުންތެރިންނަށް އެކަމަށް ވިސްނުމުގައި ދެމިތިބީ،" ޕްރިމިއާ ލީގުގައި އޭނާގެ ފުރަތަމަ ޕޯސްޓް މެޗް ޕްރެސްގައި އަމޯރިމް ބުންޏެވެ.
"ތިން ދުވަސްތެރޭގައި ކުޅުންތެރިންނަށް ހުރިހާ ކަމަކާ ކުރިމަތިލާން އުނދަގޫ ވާނެ. އެކަމަކު އާ ހިޔާލުގެ މައްޗަށް ކަންކަން ބަދަލު ކުރަން އަހަރެމެން ހަނދާން ނައްތާލައިގެން ނުވާނެ. ކުރިން ކުރަމުން އައި ކަންކަމާ ތަފާތުކޮށް ކަންކަން ކުރަން ކުރިމަތި ވެފައި މިއޮތީ. އަހަރެމެން އެބަޖެހޭ ރިސްކް ނަގަން. އަހަރެމެން އެބަޖެހޭ މި ތަކުލީފް އުފުލަން. އެކަމަކު އަންނަ އަހަރު އަހަރެމެން ތިބޭނީ ރަނގަޅަށް."