ENGLISH
04 ނޮވެމްބަރު 2025
ނުގަވާއިދުން އުޅޭ ބިދޭސީން ރެގިއުލަރައިޒް ކުރުމަށް މާސް ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވެއްޖެ
05 ސެޕްޓެމްބަރު 2025
|
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ރެގިއުލަރައިޒް ކުރުމަށް މާސް ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަޖީދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މި މައްސަލަ ހައްލުކުރުމަށް ތަންފީޒީ އިދާރާތައް ގުޅިގެން މިދިޔަ އަހަރު ވަނީ މަސައްކަތްތަކެއް ފަށައިފައެވެ. "ކުރަނގި" ނަމުގައި ފެށި އޮޕަރޭޝަނުގައި މިހާތަނަށް ވަނީ ގަވާއިދާ ޚިލާފަށް އުޅެމުން ދިޔަ ގިނަ އަދަދެއްގެ ބިދޭސީން ގަވާއިދުގެ ތެރެއަށް ފައްތައިފަ އެވެ.
ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ އިތުރުން، ޤަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެފުރުސަތު ވެސް ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މި މައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ބިދޭސީން ޤަވާއިދަށް ފެއްތުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ ބިދޭސީން ރެގިއުލަރައިޒް ކުރުމަށް މާސް ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި މި ޕްރޮގްރާމުގެ ތެރެއިން ޤަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މީހާއަށް ސިސްޓަމްގެ ތެރެއަށް ވަނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ސްޓޭޓް މިނިސްޓަރ ވަނީ، ޤަވާއިދުގެ ތެރެއަށް ބިދޭސީން ވަނުމުގެ ފުރުސަތުގެ ބޭނުން ހިފުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި މި ކަމަށް މަދުވެގެން 6 މަސްދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް ސްޓޭޓްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބިދޭސީން އުޅޭ މައްސަލަ ބޮޑުވެ ރެގިއުލޭޓްކުރުމަށްޓަކައި ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ އެއްކުރުމުގެ މަސައްކަތް މިނިސްޓްރީން ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ.
ސްޓޭޓް ވިދާޅުވީ މި މަސައްކަތުގެ ދަށުން މިހާތަނަށް އެއްލައްކަ ފަސްދޮޅަސް ހަ ހާހަށްވުރެ ގިނަ މީހުންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ.
ކުރަނގި އޮޕަރޭޝަން ނިމޭއިރު، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެ ކަމަށް ސަރުކާރުން ދެކެއެވެ. މީގެ އިތުރަށް ރާއްޖެއަށް ބިދޭސީން ގެނައުމުގައި މިހާރު އޮތް ދަތިކަން ވެސް ފިލާނެ ކަމަށް ގަބޫލުކުރެއެވެ.