ENGLISH

04 ނޮވެމްބަރު 2025

Advertisement

ހިލޭ އައިނު ހެއްދޭނެ ގޮތް ހަމަޖެއްސުން: ބޮޑު ބަދަލެއް އަންނާނެ ހަރުދަނާ ފިޔަވަޅެއް

05 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

އައިޖީއެމްއެޗްގެ އައިނު ފިހާރަ

ފަޤީރު ޤައުމުތަކުގެ ލިސްޓުން އުނިވެ ތަރައްޤީވަމުންދާ ޤައުމުތަކުގެ ލިސްޓަށް ރާއްޖެ އެރުމާއެކު ދިރިއުޅުމަށް އައި ބޮޑެތި ބަދަލުތަކާއެކު ދިވެހީންގެ ތެރޭގައި ޢާއްމުންވަމުންދާ ބަލިތަކަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތުން ލޮލުގެ ފެނުން ގޯސްވުމާއި ލޮލާއި ގުޅިފައިވާ ބަލިތަކަކީ އޭގެތެރެއިން އެއް މައްސަލައެވެ. އެކަމަށް އޮތް މައިގަނޑު ހައްލަކީ ނުވަތަ ފަރުވާއަކީ ލެންސް ނުވަތަ އައިނު ހެއްދުންކަމަށްވާއިރު، އެކަމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމަކީ ދިވެހި ރައްޔިތުންނަށް ޒަމާނުއްސުރެ ކުރިމަތިވެފައިވާ ބޮޑު ތަކުލީފެކެވެ.

އައިނު ހެއްދުމަށް ޑޮކްޓަރަށް ދެއްކުމާއި ލެންސުގެ އިތުރުން އައިނުގެ ދުނިގަނޑާއެކު އެންމެ އާދައިގެ އައިނެއް ހެއްދުމަށްވެސް 3500 އާއި 4000އާއި ދެމެދު ހޭދަކުރަންޖެހެއެވެ. ނުވަތަ ލޮލުގެ އޮޕަރޭޝަނެއް ކުރަންޖެހޭނަމަ އުފުލަންޖެހޭ މާލީ ބުރަ މާބޮޑެވެ. އައިނު ހައްދަން ނުވަތަ ލެންސް ހެދުމަށް ކުރާ ހޭދަ ބޮޑުވުމާއި އެކަމަށް އުފުލަންޖެހޭ ތަކުލީފު ބޮޑުވުމަކީ އެ ފަރުވާ ހޯދުމަށް ގިނަ ބަޔަކަށް އެޅިފައިވާ އެންމެ ބޮޑު ހުރަހެވެ.

ހާއްސަގޮތެއްގައި މެދު ފަންތީގެ އާމްދަނީ ލިބޭ މީހުންނާއި އެންމެ މަދުން އާމްދަނީ ލިބޭ ގިންތީގެ މީހުންނަށް އައިނު ހެއްދުމަކީ އަތްފޯރާ ހިސާބެއްގައި އޮތް ކަމެއް ނޫނެވެ. މާލީގޮތުން އުފުލަންޖެހޭ ބުރައަކަށްވުމުން އެތައް ބަޔަކު ތިބެނީ އައިނު ނުހައްދައެވެ. އެކަމުގެ ސަބަބުން އެމީހެއްގެ ލޮލުގެ ފެނުމަށް ދިމާވާ މައްސަލަތައް އިތުރުވުމުގެ އިތުރުން، އާމްދަނީ ހޯދުމަށް އެ މީހަކު ކުރާ މަސައްކަތަށްވެސް ދަތި އުނދަގޫތައް ކުރިމަތިވާނެކަން މިއީ ފެންނަން އޮތް ހަގީގަތެކެވެ. އާހިރު ނަތީޖާއަކަށް ވެގެންދަނީ ގައުމުގެ އުފެއްދުންތެރިކަން ދަށްވެ، އިގްތިސާދަށް އޭގެ އަސަރު ނޭދެވޭ އަސަރުތައް ކުރުމެވެ.

ލޮލަށް ފެނުމުގައި ހުންނަ ދަތިތަކާއި، އެކަމާއި ގުޅިގެން ކުރިމަތިވާ މައްސަލަތައް ދިރާސާކޮށްގެން 2019 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާ ޑަބްލިޔުއެޗްއޯއިން ނެެެރެފައިވާ "ވޯލްޑް ރިޕޯޓް އޮން ވިޝަން" ގައިވާ ގޮތުން ދުނިޔޭގެ އާބާދީގެ 2.2 ބިލިޔަން މީހުންނަކީ ކައިރި ނުވަތަ ދުރު ފެނުމުގައި ލޮލުގެ މައްސަލަތަކެއް ހުންނަ މީހުންނެވެ. އަދި މީގެތެރެއިން 1 ބިލިއަން މީހުންގެ ލޮލަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެވޭނެ ނުވަތަ ފަރުވާ ކުރެވޭނެކަމަށް ރިޕޯޓްގައިވެއެވެ. ނަމަވެސް ފަރުވާއަށް ހޯދަން ނުވަތަ އައިނު ހެއްދުމަށް ކުރިމަތިވާ މާލީ ބުރައަކީ އެކަމަށް ހައްލު ހޯދަން ދިމާވެފައިވާ އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. އަދި ޒަމާނަށް އަންނަ ބަދަލުތަކާއެކު ފޯނާއި ޓެބްލެޓާއި ޓީވީ އަދި ކޮމްޕިއުޓަރުފަދަ އާލާތްތައް ބޭނުންކުރާ މިންވަރު އިތުރުވެ، ސްކްރީން ޓައިމް އިތުރުވުމުންނާއި އުމުރުން ދުވަސްވީ މީހުން އިތުރުވަމުން ދިއުމަކީ ލޮލުގެ ފަރުވާއަށް އޮންނަ ޑިމާންޑް އިތުރުވާނޭކަމެއްކަމަށް ޑަބްލިޔުއެޗްއޯއިން ފާހަގަކުރައްވައެވެ. އެހެންކަމުން ލޮލުގެ ފެނުމުގެ މައްސަލަތައް ހުންނަ މީހުންގެ އަދަދު އިތުރުވުމަކީ އޭގެ ސަބަބުން އިޤްތިޞާދަށްވެސް ގެއްލުންތަކެއް ކުރިމަތިވާކަމެއްކަން ޑަބްލިޔުއެޗްއޯގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ޑަބްލިޔުއެޗްއޯގެ ރިޕޯޓްގައިވާ ގޮތުން ލޮލުގެ ފެނުން ދަށްވެ، މަސައްކަތްތެރީންގެ އުފެއްދުންތެރިކަން ދަށްވުމުގެ ސަބަބުން ދުނިޔޭގެ އުފެއްދުންތެރިކަމަށް އަހަރަކު 400 ބިލިޔަން ޑޮލަރުގެ ގެއްލުމެއް ލިބެއެވެ. އެހެންކަމުން ލޮލުގެ ފަރުވާ ހޯދުމަށް މާލީ ގޮތުން ތަނަވަސްކަން ނެތް ފަރާތްތަކަށް އެހީތެރިވެވޭނެ ގޮތްތައް ހޯދައި، އެކަމަށް ގައުމީ ފެންވަރުގައި ގައުމުތަކުން މަސައްކަތްކުރަންޖެހޭކަން ޑަބްލިޔުއެޗްއޯއިން ފާހަގަކުރައްވައެވެ. ޑަބްލިޔުއެޗްއޯގެ ރިޕޯޓްގައި ވަނީ އައިނު ހެއްދުމާއި ލޮލުގެ ފަރުވާއަށް ސަރުކާރުތަކުން ކުރާ ހޭދަ އިތުރުކުރުމަކީ ސިއްހީ ދުޅަހެޔޮކަމުގެ އިތުރުން، އޭގެ ސަބަބުން އެ ގައުމެއްގެ އުފެއްދުންތެރިކަން އިތުރުވެ، އެ ގައުމެއްގެ އިގްތިސާދުވެސް ކުރިއަރާނެކަން ބަޔާންކޮށްފައެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ލޮލުގެ ފެނުން ދަށްވުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ދަނޑުވެރިންތަކަކަށް އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުމުން އެމީހުންގެ އުފެއްދުންތެރިކަން ވަނީ އެ ދަނޑުގައި މަސައްކަތް ކުރާ އެހެން މީހުންނާ އަޅާބަލާއިރު 22 އިންސައްތަ އިތުރުވެފައެވެ. ފާހަގަކޮށްލަން ޖެހޭގޮތުގައި މި ދިރާސާގައި ބައިވެރިވި މީހުންގެ އުފެއްދުންތެރިކަން އިތުރުވުމަށް މާގިނަ ދުވަސްތަކެއް ނުނަގައެވެ. އެމީހުންގެ އުފެއްދުންތެރިކަން އިތުރުވެފައި ވަނީ ހިލޭ އައިނު ހައްދައިދިންތާ އެންމެ 11 ހަފްތާގެ ތެރޭގައެވެ. އެކަމުގެ ސަބަބުން އެ ދަނޑުތަކުގެ ވެރިންނަށް އިގްތިސާދީ ފައިދާ ލިބުމުގެ އިތުރުން، އެ ދަނޑުވެރިންނަށް ލިބެމުންދިޔަ އާމްދަނީވެސް ވަނީ އިތުރުވެފައެވެ.

ހިލޭ އައިނު ހައްދައިދިނުމަކީ އެކަމުގެ ސަބަބުން ސަރުކާރަށް މާލީ ބުރައެއް ކުރިމަތިވާނެކަމެއްކަމަށް ބައެއް ފަރާތްތަކަށް ހީވެދާނެއެވެ. ނަމަވެސް އެއީ ވަރަށް ބޮޑު ކުށް ހީ އެކެވެ. ދިރާސާތަކުން ދައްކާގޮތުން އައިނު ހެއްދުމަށް ނުވަތަ ލޮލުގެ ފެނުން ރަނގަޅުކުރުމަށް ހޭދަކުރާ ކޮންމެ ޑޮލަރަކަށް 36 ޑޮލަރުގެ ފައިދާއެއްް އުފެއްދުންތެރިކަމުގެ ތެރެއިން އެ ގައުމެއްގެ އިގްތިސާދަށް ލިބިގެންދާނެއެވެ. ކުރިން ބަޔާންކުރި ދަނޑުވެރިންގެ ދިރާސާއަކީ އޭގެ ހެއްކެކެވެ.

ރާއްޖޭގައިވެސް ލޮލުގެ ފެނުމަށް އެކި ކަހަލަ މައްސަލަތައް ކުރިމަތިވެފައިވާ މީހުން ގިނައެވެ. ނަމަވެސް ނިމިދިޔަ އެއްވެސް ސަރުކާރަކުން އެކަމުގައި ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތަކަށް ލުޔެއް ހޯއްދަވައިދެއްވާފައެއް ނުވެއެވެ. ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމާއި ހަމައަށް އާސަންދައިގެ ދަށުން އައިނު ހެއްދުމަށް ދެމުން އައީ ކޮންމެ ދެ އަހަރަކުން އެއް އަހަރު 1000 ރުފިޔާަައެވެ.

އައިނު ހެއްދުމާއި ގުޅޭ ތަފާސްހިސާބުތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވުމަކީވެސް އެކަމަށް ސަރުކާރުތަކުން އަހަމިއްޔަތުކަން ދީފައިނުވާކަން ހާމަވާ ކަމެކެވެ.

ނިމިދިޔަ ސަރުކާރުތަކުން އެގޮތަށް އަމަލު ކުރެއްވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތީ އެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯއްދަވައިދެއްވުމުގެ ވައުދާއެކުއެވެ. އެގޮތުން އެމަނިކުފާނު ވަނީ އައިނު ހެއްދުމަށް އާސަންދައިން މީގެކުރިން ދެމުން އައި 1000 ރުފިޔާ 2000 ރުފިޔާއަށް ބޮޑުކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި އެ ވަޢުދާއި އެއްގޮތަށް މިދިޔަ ޖޫންމަހުން ފެށިގެން ވަނީ އެ އަދަދު ބޮޑު ކޮށްދެއްވާފައެވެ. މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އާސަންދައިގެ ދަށުން 36950 ފަރާތަކަށް އެހީތެރިކަން ވަނީ އައިނު ހެއްދުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި އެކަމަށް 36 މިލިޔަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ހޭދަކޮށްފައިވެއެވެ.

ރާއްޖޭގައި އައިނު ހެއްދުމަށް ވިޔަފާރިވެރިން ނަގާ އަގުތައް ބޮޑުވުމުން ސަރުކާރުން ވަނީ އެކަމަށް ވަށާޖެހޭ ޖުމްލަ ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން އައިޖީއެމްއެޗުގައި ސަރުކާރުން ހިންގާ އައިނު ފިހާރައެއް ހުޅުވުމަށް ނިންމަވައި، މިދިޔަ މިނިވަން ދުވަހާއި ދިމާކޮށް އައިނު ފިހާރައެއް ހުޅުވާފައެވެ. އަދި އެ ފިހާރައިން ދިވެހި ރައްޔިތުންނަށް ހިލޭ އައިނު ހެއްދޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ޒަމާނުއްސުރެ ދިވެހި ރައްޔިތުން އުފުލަމުންދިޔަ ބޮޑު ތަކްލީފަށް ލިބިގެންދިޔަ ދާއިމީ ހައްލެކެވެ. މިއީ އެއްވެސް ހާލެއްގައި ބަޔަކު ކުރާ ވިޔަފާރިއެއްގެ ތެރެއަށް ވަދެ، އޭގެއިން ނަފާއެއްް ހޯދުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅެއް ނޫންކަން މިކަމުގެ ފަހަތުގައިވާ ކަންކަން ބަލާލުމުން ދިވެހި ރައްޔިތުންނަށް މިއަދު ސާފުވެގެން ދާނެއެވެ.

މިއީ ހަމައެކަނި އަދުގެ ޖީލާއި، އަންނާން އޮތް ޖީލުތަކަށް އޭގެ ސަބަބުން އެތައް ފަސޭހައެއް ލިބޭނެ ކަމެއްގެ އިތުރުން، ގައުމުގެ އުފެއްދުންތެރިކަން އިތުރުވެ، އިގްތިސާދީ ކުރިއެރުން ލިބި، ދިވެހިންނާއި ފާގަތިކަމާއި ކުރިއެރުންތަައް ލިބޭނެ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅެކެވެ. ޒަމާންވީ ބޮޑު މައްސަލައަކަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމުގެ މާތް މަގްސަދުގައި ސަރުކާރުން ގެނެސްދެއްވި ވަށާޖެހޭ ހައްލެކެވެ.

ކިޔުންތެރިންގެ ހިޔާލު