ENGLISH
04 ނޮވެމްބަރު 2025
ކީރިތި ރަސޫލާ ދެކެ ލޯބިވުމަކީ މުސްލިމުންގެ މައްޗަށް ވާޖިބެއް: ހުކުރު ޚުޠުބާ
05 ސެޕްޓެމްބަރު 2025
|
އިންސީންނާއި ޖިންނީންނަށް ތެދުމަގު ދެއްކެވުމަށް ﷲ ތަޢާލާ ފޮނުއްވި މާތް ނަބިއްޔާ، މުޙައްމަދު صلى الله عليه وسلم ދެކެ ލޯބިވުމަކީ އެކަމަށް ﷲ ތަޢާލާ އަމުރުކުރައްވާފައިވާ ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"ރަސޫލުﷲ صلى الله عليه وسلم ދެކެ ލޯބިވުން" މި މައުޟޫޢަށް މިއަދު ދިން ޚުޠުބާގައިވަނީ، މާތް ނަބިއްޔާ صلى الله عليه وسلم ދެކެ ލޯބިވުމުގެ މުހިންމުކަމުގެ މައްޗަށާއި، އެކަލޭގެފާނު ދެކެ ލޯބިވާންޖެހޭ ސަބަބުތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ޚުޠުބާގައި ބުނެފައިވަނީ، ތާރީޚު ދުށް ޖަހާލަތުގެ އެންމެ އަނދިރި ވަޅުގަނޑު ތެރޭގައި އިންސާނުން ވަނިކޮށް ﷲ ތަޢާލާ އިންސާނުންގެ މައްޗަށް ދަރުމަވެވޮޑިގެން އެއުރެންނަށް ތެދުމަގު ދެއްކެވުމަށް، މާތް މުޙައްމަދު ނަބީކަލޭގެފާނު ފޮނުއްވި ކަމަށެވެ. އެކަލޭގެފާނު ގެނެސްދެއްވި ދީނުގެ ސިފަތަކުގެ ތެރޭގައި، އިންސާފުވެރިކަމާއި ހަމަހަމަކަން އޮތުމުގެ ނަތީޖާއެއްގެ ގޮތުން، ބައިބައިވެފައި އޮތް މުޖުތަމަޢު އެކުވެރިވެ، ހަތުރުން، މިތުރުންނަށް ބަދަލުވި ކަމަށެވެ. އަދި، އެކަލޭގެފާނު ގެނެސްދެއްވި ދީނަކީ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރެވޭނެ މަގު ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ. މިކަންކަން ބަޔާންކުރައްވާ، އާލް ޢިމްރާން ސޫރަތުގެ 103 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅު، ޚުޠުބާގައި ގެނެސްފައިވެއެވެ. އާޔަތުގެ މާނައިގައިވަނީ: "ތިޔަބައިމީހުން އެންމެން اللَّه ގެ دين ގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! އަދި، اللَّه ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ، ތިޔަބައިމީހުން عداوة ތެރިން ކަމުގައިވަނިކޮށް، އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. ދެން، އެކަލާނގެ ދެއްވި نعمة ގެ ސަބަބުން ތިޔަބައިމީހުންނީ އަޚުންތަކެއް ކަމުގައި ވެއްޖައީމުއެވެ. އަދި، ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއެވެ. ދެން، އެކަލާނގެ ތިޔަބައިމީހުން އެއިން ސަލާމަތް ކުރެއްވިއެވެ. اللَّه، އެކަލާނގެ އާޔަތްތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ، އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ."
ކީރިތި ރަސޫލާ ދެކެ ލޯބިވުމަކީ ކޮބައިކަން ދަންނަންޖެހޭ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އެގޮތުން، އެކަލޭގެފާނު ގެންނެވި ރިސާލަތަށް ތަބަޢަވުމާއި، ތިމާ، އެމީހަކުދެކެ އެންމެ ބޮޑަށް ލޯބިވާ މީހަކީ އިތުރު އެކަލޭގެފާނު ކަމުގައި ހެދުމާއި އެކަލޭގެފާނުގެ އަރިހުގައި އަޑުމަޑުކުރުމާއި އެކަލޭގެފާނަށް އިޙްތިރާމްކުރުން ފަދަ ކަންކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އަދި މިއަދު އެކަލޭގެފާނުދެކެ ލޯބިވުމުގެ ތެރެއިން ގުނޭނެ ކަންކަމުގެ ތެރޭގައި އެކަލޭގެފާނުގެ ޝަޚްޞިއްޔަތާއި، އެކަލޭގެފާނުގެ ސުންނަތާއި، އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނާއި އަނބިއަނބިކަނބަލުން ދިފާޢުކުރުމުގެ އިތުރުން، އެކަލޭގެފާނުގެ ސުންނަތުގެ މައްޗަށް ބަސްނުކިއުން ހިމެނޭނެކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަނބިކަނބަލުން، ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އަޅުވާ، އެކަމަނާ ބަދުނާމުކޮށް ވާހަކަ ފެތުރި މީހުންނަށް ނޫރު ސޫރަތުގެ 11 ވަނަ އާޔަތުގައި ވަޙީކުރެއްވި ކޯފާގެ ބަސްފުޅު، ޚުޠުބާގައި ގެނެސްފައިވެއެވެ. "ހަމަކަށަވަރުން، ބޮޑުވެގެންވާ ދޮގުވާހަކައާއިގެން އައި މީހުންނަކީ، ތިޔަބައިމީހުންގެ ތެރެއިންވާ ބަޔަކު މީހުންނެވެ. އެއީ ތިޔަބައިމީހުންނަށްހުރި ނުބައެއްކަމުގައި ތިޔަބައިމީހުން ހީނުކުރާށެވެ! އަދި ކިއެއްތަ! އެއީ ތިޔަބައިމީހުންނަށްހުރި ހެވެކެވެ. އެއުރެންކުރެ ކޮންމެމީހަކަށްމެ، ފާފައިގެ ތެރެއިން އެމީހަކު ހޯދައިގަތްކަމެއް ވެއެވެ. އަދި އެއުރެންގެ ތެރެއިން އެކަމުގެ ބޮޑުބައި ލިބިގަތްމީހާ (ދަންނާށެވެ!) އޭނާއަށް ބޮޑުވެގެންވާ عذاب ހުށްޓެވެ."
ދެވަނަ ޚުޠުބާގައި ބުނެފައިވަނީ، މާތްﷲ ގެ ދީން ފުރިހަމަވަނީ އެކަލާނގެ ނަބިއްޔާގެ ސުންނަތާއި އެކުގައި ކަމަށެވެ. އެހެންކަމުން، ކީރިތި ޤުރްއާންގެ އިތުރުން އެކަލޭގެފާނުގެ ސުންނަތުގައިވެސް ވަރުގަދައަށް ހިފެހެއްޓުމަށް އަހަރެމެންނަށް އަމުރުކުރައްވާފައިވާ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. މީގެ އިތުރުން، މުސްލިމުން އެކަތިގަނޑަކަށް ވުމަށާއި، ބައިބައި ނުވުމަށް އަމުރުކުރައްވާފައިވާކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
އިތުރު އެކަލޭގެފާނުގެ ސިފަފުޅުތަކުގެ ތެރޭގައި، އެކަލޭގެފާނުގެ އުންމަތަށް ނުހަނު އޯގާތެރިކަމާއި، ދީލަތިފުޅުކަމާއި، މުސްލިމުންގެ މައްޗަށް އޯގާވެރިކަމާއި، މީސްތަކުންގެ ކުށްތަކަށް މަޢާފުކުރެއްވުމުގެ ލާމަސީލު ނަމޫނާއެއްކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، އެކަލޭގެފާނުގެ މަޑުމައިތިރިކަމަށް، ކީރިތި ޤުރްއާނުގައި ތަޢުރީފުކުރައްވާފައިވާ ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ. "އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، اللَّه ގެ حضرة ން ލެއްވި رحمة އެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، خُلق ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު عفو ކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެމީހުންނާ مشورة ކުރައްވާށެވެ! ފަހެ، (ކަމަކާމެދު) ކަލޭގެފާނު عزم ކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު اللَّه އަށް وكيل ކުރައްވާށެވެ! ހަމަކަށަވަރުން، وكيل ކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ."