ENGLISH
04 ސެޕްޓެމްބަރު 2025
ނޮޅިވަރުމުގެ ސްޕޯޓްސް ކޮމްޕްލެކްސް އެޅުން އެމްއޭސީއެލްއާ ހަވާލުކޮށްފި
04 ސެޕްޓެމްބަރު 2025
|
ނޮޅިވަރަމުގެ ސްޕޯޓްސް ކޮމްޕްލެކްސް އެޅުމަށް ހަވާލުކުރަނީ، ފޮޓޯ: އެމްއޭސީއެލް
ހދ.ނޮޅިވަރަމުގައި ގިނަ ކުޅިވަރު ކުޅެވޭ ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމަށް ސްޕޯޓްސް މިނިސްޓްރީއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށް، އެ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ހާއްސަ ރަސްމިއްޔާތެއް ނޮޅިވަރަމުގައި ބާއްވާފައިވެއެވެ. އެ ކޮމްޕްލެކްސް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަބްދުﷲ ރާފިއެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފު މުހައްމަދެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއުއާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ޝަރީފު މުހައްމަދާއި، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބރު މުހައްމަދު ރަޝީދާއި، ނޮޅިވަރަމު ކައުންސިލުގެ ނައިބުރައީސް މުހައްމަދު ހުސައިންވަނީ ސްޕޯޓްސް ކޮމްޕްލެކްސްގެ ބިންގާ އަޅުއްވާފައެވެ.
ސަރުކާރުންވަނީ ބައެއް ރަށްރަށުގައި ފިޓްނަސް ރެކްރިއޭޝަން ސެންޓަރު އެޅުމުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފައެވެ. އެގޮތުން 63 ރަށެއްގައި އެފްއާރްސީތައް ގާއިމުކުރުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވާއިރު ނޮޅިވަރުމުގެ ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫއަކީ މި މަޝްރޫއުތަކުގެ ތެރޭގައި ހިމަނަައިގެން ހިންގާ މަޝްރޫއެކެވެ.
އަންނަ އަހަރު ނިމެންވާއިރަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން ސަރުކާރުގެ އެކި ކުންފުނިތަކާ ހަވާލުކޮށްގެން އެފްއާރްސީތައް ގާއިމުކުރުމުގެ މަސައްކަތް ހަލުއިކޮށްދަނީ ކުރަމުންނެވެ.
ރައީސް އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން މިފަދައިން ބިނާކުރަން ނިންމާފައިވާ އެފްއާރްސީތަކުގެ އަމަލީ މަސައްކަތް އަންނަނީ ފައްޓަވައިދެއްވަމުންނެވެ.