ENGLISH

04 ނޮވެމްބަރު 2025

Advertisement

ތިނަދޫގައި އިމާރާތްކުރާ ރޯހައުސްތަކަށް ކުރިމަތިލާން ހުޅުވާލައި، އުސޫލު އާއްމުކޮށްފި

04 ސެޕްޓެމްބަރު 2025

|

ޢަލީ ޝަހީމް

ގދ. ތިނަދޫ. އެރަށުގައި ތަރައްގީކުރާ ރޯހައުސްތަކަށް ކުރިމަތިލާން ވަނީ ހުޅުވާލާފަ. ފޮޓޯ: އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ

ގދ. ތިނަދޫ ސިޓީގައި ސަރުކާރުން އިމާރާތްކުރާ 200 ރޯހައުސްއަށް ކުރިމަތިލާން ހުޅުވާލައި، އެކަމާ ބެހޭ އުސޫލު، އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އާއްމުކޮށްފިއެވެ. 

ތިނަދޫ ރޯހައުސްތަކަށް ކުރިމަތިލާން ހުޅުވާލީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ. ރޯހައުސްތަކަށް ކުރިމަތިލާން ފެށޭނީ ސެޕްޓެމްބަރު 7 ވަނަ ދުވަހުގެ ހެނދުނު 9 އިން ފެށިގެންނެވެ. ރޯހައުސްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ނޮވެމްބަރު 7 ވަނަ ދުވަހުގެ ރޭގަނޑު 11:59 ގެ ނިޔަލަށެވެ. 

ރޯހައުސްތަކަށް ކުރިމަތިލާން ހުޅުވާލައި ގެޒެޓުގައި އުސޫލު އާއްމުކުރީ ސެޕްޓެމްބަރު 3 ވަނަ ދުވަހުއެވެ. ތިނަދޫން ދޫކުރާނީ ތިން ކޮޓަރީގެ 200 ރޯހައުސްއެވެ. 

އެޕްލިކޭޝަން ހުށަހަޅާއިރު، ހުށަހަޅާ ފަރާތަކީ އެއްމެދު އިމާރާތަކުން 600 އަކަފޫޓުގެ ނުވަތަ އެއަށްވުރެ ބޮޑު ތަނެއް ގަނެފައިވާ ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ފަރާތަކަށް ވެގެންނުވާނެއެވެ. އަދި، މަހަކަށް ޖެހޭ ޖުމްލަ އާމްދަނީ 60،000 ރުފިޔާއަށް ވުރެ އިތުރަށް ލިބޭ ފަރާތަކަށް ވެގެންނުވާނެކަމަށް އުސޫލުގައި ބުނެފައިވެއެވެ. 

ރޯހައުސްތަކަށް އެދި ހުށަހެޅޭނީ ތިނަދޫގެ ރައްޔިތުންގެ އިތުރުން އެރަށުގައި ދިރިއުޅޭތާ 10 އަހަރުވެފައިވާ މީހުންނަށެވެ. އުސޫލުގައި ބުނެފައިވަނީ، ތިނަދޫ ނޫން ރަށްވެހިން، ތިނަދޫގައި ދިރިއުޅެމުން އަންނަކަން ނުވަތަ ތިނަދޫއަށް ހިޖުރަކޮށް، މެދުނުކެނޑި ދިރިއުޅެމުން އަންނަތާ 10 އަހަރު ވާންޖެހޭނެ ކަމަށެވެ. 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ހާއްސައެހީއަށް ބޭނުންވާ ފަރާތް ނުވަތަ އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކާއި، ނުވަތަ ޝަރުޢީގޮތުން ނުވަތަ ޤާނޫނީގޮތުން ހަވާލުކޮށްގެން ބަލަހައްޓަމުން އަންނަ ފަރާތްތައް ނުވަތަ މައިންބަފައިން ބަލަހައްޓަމުން އަންނަ ފަރާތްތަކަށް ޕޮއިންޓް ދިނުމުގެ ތަރުތީބުގައި ވަނީ ހާއްސަ ގޮތްތަކެއް ކަނޑައަޅައިފައެވެ. 

އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ އުސޫލު ކަނޑައެޅުމުގެ މުހިއްމު ބޭނުމަކީ، ތިނަދޫ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދިނުން ކަމަށެވެ. އަދި، ތިނަދޫގައި މިވަގުތު ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރަތްތަކަށް ބޯހިޔާވަހިކަން ލިބުމުގެ ފުރުސަތު ފަހިވާގޮތަށް ކަންކަން ކަށަވަރުކުރުމަކީ މުހިއްމު ބޭނުމެއް ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު