ENGLISH

07 ސެޕްޓެމްބަރު 2025

Advertisement

ފުރިހަމަ ރެކޯޑާއެކު ހުޖާން އަށް އަނެއްކާވެސް ރޭންކިންގެ އެއްވަނަ، ޤައުމީ ޓީމުގެ ފުރަތަމަ ތިން ޖާގަ ކަށަވަރުވެއްޖެ

07 ސެޕްޓެމްބަރު 2025

|

މުޙައްމަދު އަދުހަމް

މީގެކުރީން ހުޖާން ކުޅުނު މެޗެއްގެ ތެރެއިން. ފޮޓޯ: ސީއޭއެމް

ކެރަމް ޤައުމީ ޓީމަށް ކުޅުންތެރިން ނެގުމަށް ބާއްވާ އަހަރުގެ ތިންވަނަ ސިލެކްޝަންގައި އެއްވަނަ ރޭންކިންގ އިބްރާހިމް ހުޖާން އަލީ ހޯދައިފިއެވެ.

މިއަހަރު މިހާތަނަށް ބޭއްވި ތިން ސިލެކްޝަނުގައި ވެސް ހުޖާން ވަނީ ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ފުރިހަމަ ރެކޯޑާއެކު އެއްވަނަ ރޭންކިންގ ހޯދައިފައެވެ.

މި މަހުގެ 1 އިން 8 ގެ ނިޔަލަށް ކުރިއަށްގެންދާ ސިލެކްޝަންގެ މެޗުތައް ކުޅެނީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ކެރަމް އެރީނާގަ އެވެ. މި ފަހަރުގެ ސިލެކްޝަންގައި އަންހެން އަދި ފިރިހެން ކުޅުންތެރިން ހިމެނޭ ގޮތަށް މުޅިއެކު 49 ކުޅުންތެރިން ވާދަކުރެއެވެ.

ކެރަމް އެރީނާގައި ކުރިއަށްދިޔަ ސިލެކްޝަންގެ ފުރަތަމަ ތިން ބުރުގެ މެޗުތަކަށްފަހު މިހާތަނަށް ވަނީ ޤައުމީ ޓީމުގެ ފުރަތަމަ ތިން ޖާގަ ކަށަވަރުވެފައެވެ.

އެގޮތުން، ސިލެކްޝަންގައި ކުރިއަށްދިޔަ ފުރަތަމަ ބުރުގެ ފައިނަލުގައި އެންމެ ފަހުގެ ޤައުމީ ޗެމްޕިއަން، ހުޖާން ވަނީ 2-1 ސެޓުން އިސްމާއިލް އަޒްމީން ބަލިކޮށް، މި އަހަރުގެ ތެރޭގައި ވިދިވިދިގެން ތިންވަނަ ފަހަރަށް އެއްވަނަ ރޭންކިންގ ހޯދާފައެވެ. 

މިފަހަރުގެ ސިލެކްޝަންގެ އަންހެން ކުޅުންތެރިންގެ ރޭންކިންގެ އެއްވަނަ އައިޝަތު ނަހުފާ ހޯދީ ފުރަތަމަ ބުރުގެ ފައިނަލުގައި ސީދާ ދެ ސެޓުން އައިމިނަތު ވިދާދު ބަލިކޮށްގެންނެވެ.

އެއަށްފަހު، ދެން ކުރިއަށްދިޔަ ދެވަނަ އަދި ތިންވަނަ ބުރުގެ މެޗުތަކަށް ފަހު ހަސަން ނާޒިމް (ނާނަ) އާއި އަޒްމީންގެ އިތުރުން ފާތިމަތު ރަޔާނާ އާއި އައިޝަތު ފައިނާޒް ވަނީ ޤައުމީ ޓީމުން ޖާގަ ހޯދައިފައެވެ.

ސިލެކްޝަންގައި ވާދަކުރާ ކުޅުންތެރިންގެ މެދުގައި ކުޅެމުންދާ މެޗުތަކަށްފަހު އެންމެ ކުރިހޯދާ ފަސް ކުޅުންތެރިންނަށް ޤައުމީ ޓީމުން ޖާގަ ލިބޭނެ އެވެ. ކުރިއަށް އޮތް ވޯލްޑް ކަޕްގައި ރާއްޖޭން ވާދަކުރާނީ މި ކުޅުންތެރިންނެވެ.

ކިޔުންތެރިންގެ ހިޔާލު