ENGLISH
07 ސެޕްޓެމްބަރު 2025
ޤައުމީ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވާ މަރުޙަބާ ވިދާޅުވެ ހިތްވަރުދެއްވައިފި
07 ސެޕްޓެމްބަރު 2025
|
ރާއްޖޭގެ ޤައުމީ ޓީމް
ސްރީލަންކާގައި މިހާރު ކުރިއަށްދާ ''ސައުތު އޭޝިއާ ސުޕަރ ކަޕް 2025 '' ގައި ބައިވެރިވާ ދިވެހިރާއްޖޭގެ ޤައުމީ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޯނުން ގުޅުއްވާ މަރުޙަބާ ވިދާޅުވެ ހިތްވަރު ދެއްވައިފި އެވެ.
ރާއްޖޭގެ ޤައުމީ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) އަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ފޯނުން ގުޅުއްވާ މި މުބާރާތުގައި އިއްޔެ ކުޅުނު މެޗުން ޤައުމީ ޓީމް ހޯދި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް މެޗްތަކުގައި ކާމިޔާބީ ހޯދުމަށް ހިތްވަރާއިއެކު މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވި އެވެ. މީގެ އިތުރުން ފުޓްބޯޅައިގައި ދިވެހި ޤައުމަށް ރަންވަނަތަކެއް ހޯދައިދިނުމަށް ޤައުމީ ޖޯޝާއި އެކު މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި އެވެ.
ރާއްޖޭގެ ޤައުމީ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ވަނީ ރައީސުލްޖުމްހޫރިއްޔާ ޓީމަށް ގުޅުއްވާ މަރުހަބާ ވިދާޅުވުމަކީ ޓީމަށް ލިބުނު އިތުރު އުފަލަކާ ހިތްވަރެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި ގޮތަށް ދިވެހި ފުޓްބޯޅައަށާއި ރައްޔިތުންނަށްޓަކައި ފުޓްބޯޅައަށް ރީތިނަން ހޯދައިދިނުމަށް ކުރިއަށް އޮތް މެޗްގައި އިތުރަށް ހިތްވަރުކޮށް، ޓީމްގެ އުއްމީދަކީ ތަށި ކާމިޔާބުކުރުން ކަމަށްވެސް ކޯޗް މުހައްމަދު ޝިޔާޒު ވިދާޅުވި އެވެ.
ކުރިން ދިވެހިރާއްޖޭގައި އޮންނަ ފުޓްބޯޅައިގެ ފޯރި އަލުން ގެނެސް، ފުޓްބޯޅަ ކުރިއަރުވާ ތަރައްޤީކޮށް އަލާކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުން ކަމަށާ މާލެއާއި އަތޮޅުތަކުގައި ކުޅިވަރު ތަރައްޤީކުރެއްވުމަށް ތަފާތު ވަސީލަތްތައް ސަރުކާރުން ދަނީ ޤާއިމްކުރައްވަމުން ކަމަށް ސަރުކާރުން ފާހަގަ ކުރެ އެވެ.